އައްޑޫ ސަރަހައްދީ ފްރީޒޯން އިފްތިތާޙްކޮށް ޖާގަތަކަށް ހުޅުވާލައިފި

އައްޑޫ ސަރަހައްދީ ފްރީޒޯން އިފްތިތާޙްކޮށް ޖާގަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ފްރީޒޯން އިފްތިތާޙްކޮށްފައިވަނީ އެކަމަށްޓަކައި އައްޑޫ ހައިސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމީއްޔާތުގައި ފްރީ ޓްރޭޑް ޒޯން އިފްތިތާޙްކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު އަދި ދަޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
ފްރީޒޯންތަކަކީ، ރާއްޖެ މުދާ ގެނެސް، މުދާ ބޭރުކުރުމުގެ ކުރިން ޑިއުޓީ ނުދައްކާ ބެހެއްޓޭ ސަރަހައްދުތަކެވެ. މިމަސައްކަތުގެ ތެރެއިން ޑިއުޓީއަކާއި ނުލައި މުދާ ބެހެއްޓޭ ޒޯން ހިތަދޫ ސަރަހައްދީ ބަނދަރުގައިވަނީ ކަނޑައަޅާފައެވެ.
މިމަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލައްމާން ވަނީ މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގެ ތެރެއިން، ފެށިގެންދާ މަސައްކަތެއް ކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރާއްޖޭގެ ދެކުނާއި މުޅި ޖުމްލަކޮށް ރާއްޖޭގެ އިޤްތިޞާދު ހަރަކާތްތެރިކުރުމަށް ފެށިގެންދާ މުހިންމު މަސައްކަތެއް ކަމަށް ލައްމާން ވިދާޅުވިއެވެ.
ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ލައްމާން ވަނީ މިމަސައްކަތް ފެށުމަށް ދެން ބޭނުންވަނީ އައްޑޫގެ ވިޔަފާރިވެރިންގެ ޝައުޤުވެރިކަން މިކަމަށް އޮތުންކަން ފާހަގަކޮށްފައެވެ.
"ބޭނުންވަނީ އައްޑޫގެ ވިޔަފާރިވެރިންގެ ޝައުޤާއި ވިސްނުން. މިއީ ބިނާކުރަނިވި ރައްޔިތަކު ދިރިއުޅޭ ޝަހަރެއް. ރައީސްގެ ހިކުމަތަކަށްވީ އައްޑޫސިޓީ ހާލަތު ބަދަލުކޮށްލާނެ ދޮރެއް ހުޅުވައި ދިނުމަށް. ރައްޔިޔުންގެ އުއްމީދާއި އެއްވަރަށް ތިޔާގި ދޮރެއް ހުޅުވާލެނޭ މަސައްކަތެއް." ލައްމާން ވިދާޅުވިއެވެ.
އައްޑޫ ފްރީޒޯންގެ މަސައްކަތް ކުރުމަށް ހިތަދޫ ޕޯޓް ލިމިޓެޑް ސަރަހައްދުން 1.7 ހެކްޓަރުގެ ބިމެއް ވަނީ ކަނޑައަޅާފައެވެ. އަދި މިހާރު 20،000 އަކަފޫޓުގެ ސަރަހައްދެއް އިންވަކިކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ވިދާޅުވިއެވެ.
މި ފްރީޒޯންގެ މަސައްކަތް ފެށުމާއެކު އެމްޕީއެލްއިން ވަނީ މިމަހުގެ 13 އިން ފެށިގެން އަންނަ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހާއި ހަމައަށް "އައްޑޫ ރީޖަނަލް ފްރީ ޒޯން" މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައެވެ. އަދި އޭގެ ފަހުން ޝައުގުވެރިވާ ވިޔަފާރިތަކަށް ކުރަން ބޭނުންވާ މަސައްކަތާއި ގުޅޭ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި ބިމުގެ ލީސް އެއްބަސްވުމާއި ގުޅޭ ތަފްސީލުތައް ހިމެނޭ ގޮތަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
އައްޑޫ ފްރީޒޯން މަސައްކަތް ފަށާއިރު، އެސަރަހައްދުން ޑިއުޓީ ފްރީ ސްޓޯރޭޖް ޚިދުމަތާއި، ވެހިކަލް ރީފާބިޝްމެންޓް، މެނުފެކްޗަރިން،، ބޮންޑެޑް ސްޓޯރޭޖް އަދި ރީއެކްސްޕޯޓް ކުރުމަށް ޖާގަ ދިނުމަށް ވަނީ ނިންމާފައި ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އަދި މިހާރު ބިން ދޫކުރާނެ ރޭޓްތައްވެސް އެކުންފުނިން ކަނޑައަޅާފައިވެއެވެ.
އައްޑޫ ފްރީޒޯން ޤާއިމްކުރުމުގެ މަސައްކަތަކީ މިއަހަރު ކުރީކޮޅު ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން "އައްޑޫ ރީޖަަނަލް ފްރީ ޒޯން" ޤާއިމްކުރުމަށް އެމްޕީއެލްއާއި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިބެހޭ ވުޒާރާއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ސަރުކާރުގެ ކަމާއިބޭހޭ އެހެނިހެން ވުޒާރާތަކާއި މުޢައްސަސާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ