ވިނިޝިއަސްގެ ހެޓްރިކާއިއެކު ރެއާލް ފަހަތުން އަރާ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު މެޗު ފަހަތުން އަރާ 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޑޯޓްމަންޑް އިން ވަނީ ދެ ލަނޑު ޖަހާ ލީޑު ނަގާފަ އެވެ. އެގޮތުން މެޗުގެ 30 ވަނަ މިނިޓުގައި ޑޮންޔެލް މާލެން ވަނީ ލަނޑެއް ޖަހާ ޑޯޓްމަންޑަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ޖެމީ ގިޓެންސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފް 2-0 ގެ ނަތީޖާއަކުން ބޮރޫޝިއާ ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ފަނަރަވަނަ މިނިޓުގައި އެންޓޯނިއޯ ރުޑިގާ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑްގެ އުންމީދުތައް އައު ކޮށްދީފަ އެވެ.
އަދި އޭގެ ދެ މިނިޓް ފަހުން ވިނިޝިއަސް ޖޫނިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑަށް ފުރަތަމަ ފަހަރަށް ކުރި ލިބިފައިވަނީ މެޗުގެ 83 ވަނަ މިނިޓުގައި ލޫކަސް ވަޒްކޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ވިނިޝިއަސް ޖޫނިއަރ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އިތުރު ވަގުތުގެ ކުޅުމުގައި އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ހެޓްރިކް ހަދާފަ އެވެ.
މި މެޗުން މޮޅުވުއިރު ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން 6 ޕޮއިންޓާއެކު އެ ޓީމަށް ލިބިފައިވަނީ ތާވަލުގެ ނުވަވަނަ މަގާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ