ބަންކަރިން ފަދަ ހިދުމަތްތައް ގެނައުމާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ގައުމިއްޔަތާ ދެކޮޅުވުން: ސައީދު

ބަންކަރިން ފަދަ ހިދުމަތްތައް ރާއްޖެ ގެނައުމާ ދެކޮޅަށް ބޮޑެތި ބައެއް ބޭފުޅުން ވާހަކަ ދެއްކެވުން އެއީ ގައުމިއްޔަތާ ދެކޮޅު ކަމެއްގެ ގޮތުގައި ސިފަކުރައްވައި، އެ ބޭފުޅުން ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، މި ހިދުމަތް ފަށަން އުޅުނުއިރު، ދައުލަތުން ބޮޑެތި މުސާރަ ނަންގަވާ ބައެއް ބޭފުޅުން މިކަން ވާނެ ކަމާ މެދު ޝައްކު އުފައްދަވައި، މި ހިދުމަތް ފެށުނަ ނުދިނުމަށްޓަކައި ރެއާއި ދުވާލު މަސައްކަތްކުރައްވަމުން ގެންދެވި ކަމަށެވެ. އެހެން ވިދާޅުވެ، މާޒީގައި ހިނގި ބައެއް ކަންކަމަށް އޭނާ އަލިއަޅުވާލެއްވިއެވެ.
އެގޮތުން މީގެ 50 އަކަށް އަހަރު ކުރިން ރާއްޖޭގެ މަސް ދޯނިފަހަރުގައި އޭރު އިންޖީނު އަޅަން އުޅުމުން ބައެއް އޮޑިދޯނިފަހަރުގެ ވެރިން މަސްއައިންތައް ފިލާނެ ކަމަށް ބުނި ކަމަށާއި، އެކަމަކު މިއަދު މަސްވެރިކަމުގެ ސިނާއަތް ފުޅާވެގެން ގޮސްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި 1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަން ފަށަން އުޅުމުން ރާއްޖޭގައި އެކަހަލަ ސިފަތަކެއް ނެތްކަމަށް ބޭރުގެ ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ގަދަފައި ވިއްދާފަ އޭރުގެ ވެރިކަމުން އެކަމަށް ޕްރައިވެޓް ސެކްޓަރަށް މަގުފަހިކޮށްދިނީ ނުވަތަ ޕްރައިވެޓް ސެކްޓަރަށް އެކަން ކުރަން ޖާގަ ދިނީ، މިއަދު 50 އަހަރަށް ފަހުން ﷲ ގެ ތަނަވަސް ވާގިފުޅާއެކު ދުނިޔޭގެ އެންމެ އަޕްސްކޭލް އެންމެ ޕްރިމިއަމް ޓޫރިޒަމް ޑެސްޓިނޭޝަން އަކީ އަޅުގަނޑުމެންގެ ދިވެހިރާއްޖެ، އެއީ ދިވެހީން އައި ހިސާބު،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތެއްގައި، ކޮންމެ މަސައްކަތެއް ވެސް ކުރެވޭނީ އެކަމެއް ކުރަން އުޅުމުންނެވެ.
މީގެ އިތުރުން ތެލުގެ ވިޔަފާރިކުރުމަށް އެސްޓީއޯއިން 15 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރުގެ އަދަދެއް އިންވެސްޓްކޮށްފައިވާ ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، އަމާޒަކީ މަޑުމަޑުން ފަށައި ވިޔަފާރި ފުޅާކުރުން ކަމަށާއި، ތެލުގެ ވިޔަފާރި ފުޅާކޮށް ކުރާ ފަރާތްތަކާ ވާދަކުރުން ނޫން ކަމަށެވެ.
"ދެން އެކި ތަންތާ ތިއްބަވައިގެން ރާއްޖޭގެ އިއްޒަތްތެރި ބައެއް ބޮޑެތި ބޭފުޅުން އިސްބޭފުޅުން، ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފައްދައި، ވިޓޯލް ކަހަލަ މިފަދަ ބޮޑެތި ވިޔަފާރިތައް ރާއްޖެއަށް ނައުމަށްޓަކައި ވާހަކަ ދެއްކުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމިއްޔަތާ ދެކޮޅު ވާހަކަ،"
އެ ބޭފުޅުން ދެވަނަ ވިސްނުމަކަށް ވަޑައިގެން، އެ ބޭފުޅުންނަށް އިސްކުރެއްވެނީ ގައުމުތޯ ސުވާލު އުފެއްދުމަށް ސައީދު ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ