ޑރ.އިޔާޒްގެ ސިޓީއެއް ރައީސަށް، ޑރ.ޝަހީމަށް ފިޔަވަޅު އަޅުއްވައިދެއްވާ

ބުދަދުވަހު ރައީސް އޮފީހުގައި ބޭއްވި ނިއުސްކޮންފަރެންސްގައި
އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ޝަހީމަށް
ފިޔަވަޅު އަޅައިދިނުމަށް އެދި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ.އިޔާޒްގެ ސިޓީއެއް ރައީސް
ޑރ.މުޢިއްޒަށް ފޮނުއްވައިފިއެވެ.
ޑރ. އިޔާޒު ރައީސް މުޢިއްޒަށް ފޮނުއްވި ސިޓީ ވަނީ
ވޮއިސްއަށް ލިބިފައެވެ. އެސިޓީއަކީ ޞައްޙަ ސިޓީއެއްކަން ވޮއިސްއަށް ޑރ.އިޔާޒުވަނީ
ކަށަވަރު ކޮށްދެއްވާފައެވެ.  
އެސިޓީގައި ޑރ.އިޔާޒް ވިދާޅުވެފައިވަނީ 18 ސެޕްޓެމްބަރ
2024 ވަނަދުވަހު ރައީސް އޮފީހުގައި އިސްލާމިކް މިނިސްޓްރީން ބޭއްވި
ނޫސްކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރ ޝަހީމް ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމެއްގައި
ހުންނަވައިގެން ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެވަޑައިގަތްކަމަށް ބެލެވޭ
ވާހަކަ ތަކެއް ދެއްކެވި ކަމަށެވެ.
Advertisement
މިފަދަ ޢަމަލަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން
ކުރެއްވުން އެކަށީގެންނުވާ، އަދި އިސްލާމީ އަޚްލާޤާއި ދިވެހި މުޖުތަމަޢުގެ އާދަކާދައާ
ޚިލާފު އަމަލެއް ކަމުގައި ދެކޭ ކަމަށްވެސް ޑރ.އިޔާޒުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
ރައީސަށް ފޮނުއްވި ސިޓީގައި ޑރ.އިޔާޒު
އިތުރަށް ވިދާޅުވެފައިވަނީ ގައުމީ ނިޝާން ޖެހި ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަން
ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވަނީ ރަސްމީ ހައިސިއްޔަތަކުން ރަސްމީ ވާހަކަފުޅު
ދެއްކެވުމަށް ކަމަށެވެ. އަދި ރަސްމީ ވާހަކަތަކުން ބޭރުން ތިމާއާއި އަނެކާއާ ދެމެދު
އޮތް ޒާތީ ކަމެއްގެ ކަންތައްތަކެއްގައި، ދައުލަތުގެ ވަޞީލަތްތައް ބެނުންކޮށްގެން
މީޑިއާ މެދުވެރިކޮށް ތިމާގެ ޒާތީ ޕީއާރު ރަނގަޅު ކުރަން މަސައްކަތް ކުރުމަކީ މަގާމުގެ
ނުފޫޒު ނަހަމަ ގޮތުގައި ބެނުންކޮށްގެން ތިމާއަށް ފައިދާ ހޯދަން އުޅުމުގެ ޖިނާއީ
ކުށެއްކަމަށްވެސް އެސިޓީގައި ޑރ.އިޔާޒު ލިޔުއްވާފައިވެއެވެ.
އެހެންކަމުން މިކަމަކީ އެންޓި ކޮރަޕްޝަން
ކޮމިޝަނުންވެސް ތަހުޤީޤު ކުރައްވަން ޖެހޭ ބާވަތުގެ ކަމެއްކަމަށްވެސް ޑރ.އިޔާޒު
ފާހަގަކުރައްވާފައި ވެއެވެ.
ވީމާ މިމައްސަލަ ބައްލަވައި، މިނިސްޓަރ
ޝަހީމްގެ މި ޢަމަލު ކުށްވެރިކުރައްވައ، އޭނާގެ މައްޗަށް އެކަށީގެންވާ ފިޔަވަޅު
އަޅުއްވައިދެއްވުމަށް އެސިޓީގައި ޑރ.އިޔާޒު ރައީސްގެ އަރިހުން އެދިވަޑައިގެންފައިވެއެވެ.
އަދި މުސްތަޤުބަލުގައި މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަޅުއްވަންޖެހޭ
ފިޔަވަޅުތައް އެޅުއްވުމަށްވެސް ޑރ.އިޔާޒުގެ ސިޓީގައި ރައީސަށް ދަންނަވާފައިވެއެވެ.
މިފަދަސިޓީއެއް ޑރ.އިއްޔާޒު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާއިރު، ޑރ.އިޔާޒުގެ
އަނބިކަނބަލު ވަރިކުރަން ޑރ.ޝަހީމް ޑރ.އިޔާޒުއަށް އެންގެވިންތޯ ނޫސްވެރިޔަކު ސުވާލު
ކުރުމުން އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ.ޝަހީމް ވަނީ ޑރ. އިޔާޒުގެ އަނބިކަނބަލުން
ވަރިކުރަން ދަންނަވައިފައި ނުވާނެކަމަށް ބުދަދުވަހުގެ ނޫސްކޮންފަރެންސްގައި ވިދާޅުވެފައެވެ. އަދި އެފަދަ ކަންކަމަކީ
ސަރުކާރުގެ ފަރާތުން ދަންނަވަންޖެހޭ ފަދަ ވާހަކަތަކެއް ނޫންކަމަށް ވިދާޅުވެ
ޑރ.ޝަހީމްވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ.
ޑރ.އިޔާޒުގެ ސިޓީއަކީ އެވަހަކަ ތަކާގުޅިގެން ފޮނުއްވި ސިޓީއެއްކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ