އެހެން ގައުމުތަކަށްވުރެ ރާއްޖެ އަށް ބަންކަރިންގައި ހުރި އެޑްވާންޓޭޖުތައް ގިނަ: ވިޓޯލް

އެހެން ގައުމުތަކަށްވުރެ ރާއްޖެ އަށް ބަންކަރިންގައި ހުރި އެޑްވާންޓޭޖުތައް ގިނަކަމަށް ވިޓޯލްއިން ބުނެފިއެވެ.
ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ފެށުމާ ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑު ބަންކަރިންގ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެއް ކަމަށްވާ ހޮލެންޑުގެ ވިޓޯލްއިން ބުނެފައިވަނީ އެހެން ޤައުމުތަކަށްވުރެ ރާއްޖެއަށް ބަންކަރިންގައި ހުރި އެޑްވާންޓޭޖުތައް ގިނަ ކަމަށެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ފެށުމަށް އެސްޓީއޯއާއި ވިޓޯލްއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެވުނީ މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ރަސްމީކޮށް ފެށުމާ ގުޅިގެން ހއ. ހޯރަފުށީގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިޓޯލްގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގައި މި ޚިދުމަތް ފެށުމަށް ނިންމީ ރާއްޖެއަށް ލިބިފައިވާ ޚާއްޞަ އެޑްވާންޓޭޖުތަކަށް ރިޢާޔަތްކޮށްގެން ކަމަށެވެ.
Advertisement
ވިޓޯލްގެ އޮފިޝަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ އޮތް ސަރަޙައްދުގެ ސަބަބުން ލިބޭ އެޑްވާންޓޭޖު އަވަށްޓެރި އެހެން ޤައުމަކަށް ނުލިބެއެވެ. އަވަށްޓެރި ބަނދަރުތަކުގައި މޫސުމުގެ ސަބަބުން މުޅި އަހަރު ބަންކަރިންގ ޚިދުމަތް ނުދެވޭއިރު، ރާއްޖޭގައި މުޅި އަހަރު މި ޚިދުމަތް ދެވޭނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން، ބޮޑެތި އުޅަނދުތަކުގެ ވެރިން ބަލާނީ ހަމައެކަނި ތެޔޮ ވިއްކާ އަގަށް ނޫން ކަމަށާއި، މި ވިޔަފާރީގައި ޚިދުމަތްދޭ ރޫޓަކީ އެންމެ މުހިންމު އެއް ކަމެއް ކަމުގައިވެސް އެ އޮފިޝަލް ފާހަގަކުރެއްވިއެވެ. އަދި ބޯޓުފަހަރުގެ ވެރިން ބަލާނީ މި ޚިދުމަތުގައި ދެވޭ ފުލް ޕެކޭޖަށް ކަމަށްވެސް ވިދާޅުވިއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެފައިވަނީ މި ޚިދުމަތް ކުރިއަށް ގެންދާނީ ދެ ބާވަތެއްގެ ތެލުން ކަމަށެވެ. އެއީ ޑީސަލާއި ލޯ ސަލްފާ ފިއުލްއެވެ. ޑީސަލް ފޯރުކޮށްދޭނީ ޔޮޓުތަކާއި ލަގްޒަރީ އުޅަނދުތަކަށް ކަމަށާއި، ކާގޯ ބޯޓުތަކާއި ކޮންޓެއިނަރު ބޯޓުތަކަށް ލޯ ސަލްފާ ފިއުލް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގ ޚިދުމަތް ފެށުމަކީ ރާއްޖޭގެ އިޤްތިޞާދު އެއް ސިނާޢަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ