ބީއެމްއެލްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތްދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް
އިން ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފައިސާ ފޮނުވޭ
"ބަލްކް ޕޭމަންޓް" ހިދުމަތް ލިބޭނެގޮތް ހަމަޖައްސައިފިއެވެ.
މި ޚިދުމަތް
މެދުވެރިކޮށް މުސާރަ، އެލަވަންސް އަދި ޑިވިޑެންޑް ފަދަ ފައިސާ އެއްފަހަރާ ގިނަ
އެކައުންޓްތަކަކަށް ފޮނުވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. 
މި ޚިދުމަތަކީ ވިޔަފާރިތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް ފަރުމާކޮށްފައިވާ
ހިދުމަތެއް ކަމަށާއި މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ދިވެހި ރުފިޔާ އަދި ޔޫއެސް ޑޮލަރުން،
ބީއެމްއެލްގެ އެކައުންޓްތަކަށް އޮޓޮމޭޓެޑްކޮށް އެއްފަހަރާ ފައިސާ ފޮނުވޭނެކަމަށްވެސް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ. 
މި
ހިދުމަތާ ގުޅޭގޮތުން ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ، ޑިޖިޓަލްކޮށް
އެއްފަހަރާ ގިނަ މުއާމަލާތްތަކެއް ހިންގޭނެ ވަސީލަތެއް ލިބުމަކީ ވިޔަފާރިތަކުގެ މަސައްކަތްތަކަށް
އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން ފައިސާ ފޮނުވުމުގެ ކަންކަން
އަވަސްވެ، ރައްކާތެރިވެ، އަދި އެއްވެސް ތަކްލީފެއް ނެތި ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި މިއީ
ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، ފަސޭހަ އަދި ބޭނުންތެރި ހައްލުތަކެއް
ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ
ކަމެއް ކަމަށެވެ.
އީޖާދީ އަދި ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ފަރުދުންނާއި،
ވިޔަފާރިތަކާއި، އަދި މުޖުތަމައުތައް ބާރުވެރިކުރުވުމަށް  ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް އަންނަނި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ