އެހެން މީހުންގެ ރީތިކަމުގެ ވާހަކަ ދެއްކުމުގައާ އަނބިމިހާގެ ސިފައަށް އަންނަ ބަދަލުގެ ވާހަކަ ދެއްކުމުގަ ސަމާލުކަންދޭންޖެހޭނެ ކަންކަން-

އަހުރެމެންގެ ތެރެއިން ބައެއް މީހުން އެމީހުންގެ ބައިވެރިޔާގެ ގާތުގައި އެހެން މީހުންގެ ރީތިކަމުގެ ވާހަކަދައްކައެވެ. އެކަން ކުރަނީ މާމޮޑު ކަމަކަށް ހަދައިގެން ނޫންކަމަށްވެސްވެދާނެއެވެ. ނަމަވެސް ހަޤީޤަތުގައި އެކުރެވެނީ ވަރަށް ބޮޑު ކަމެކެވެ.  
ސަބަބަކަށްވަނީ އެއިރުން އަނެކާއަށް އިޙްޞާޞް ކުރެވޭނީ އެއުޅެނީ ތިމާގެ ސިފަ ހުތުރުވެގެން ކަމެވެ. ރީތި މީހަކު ހޯދަނީ ކަމަށްވެސް ހިތަށް އަރާނެއެވެ. އެއިރުން ވާނެ ގޮތަކީ ޝައްކުކުރެވެން ފެށުމެވެ. އެކުގައި ދިރިއުޅޭނެ ކަމުގެ އިތުބާރު ކުޑަވުމެވެ.  
ކިތަންމެ ރީތި މީހަކު ފެނުނަސް އޭނާގެ ރީތިކަމަށް ބައިވެރިޔާގެ ގާތުގައި ތަޢްރީފް ނުކުރާށެވެ. ބައިވެރިޔާ މިވެނި މީހަކު ރީތިތޯ ސުވާލުކުރިޔަސް "ހުތުރެއް ނޫން! އެކަމަކު ބައިވެރިޔާ މާރީތި!" ކަމަށް ބުނާށެވެ. ސަބަބަކީ ގޮތް ބަލަންވެސް އެފަދަ ސުވާލުތައް ކުރާނެތީއެވެ.  
ހަމައެއާއިއެކު ޚާއްޞަކޮށް އަނބިމީހާގެ ގާތުގައި އޭނާގެ ސިފަ ބަދަލުވަމުން އަންނަ ކަމުގެ ވާހަކަ ދައްކައިގެން ނުވާނެއެވެ. "މިހާރު މާފަލަ! މާމުސްކުޅި ވައްތަރު އެބަޖަހާ!" ފަދަ ބަސްތައް ނުބުނާށެވެ. އެއިގެ ބަދަލުގައި އަނބިމީހާގެ ރީތިކަމާ ހުރިހާކަމަކަށް ބަދަލުއައީ ތިމާއާއިއެކުގައި އުޅެ، ތިމާއަށް ޚިދުމަތްކުރަމުން ދަނިކޮށްކަން ޤަބޫލުކުރާށެވެ!  
ޚާއްޞަކޮށް ވިހެއުމުން އަންނަ ބަދަލުތައް ކުށްވެރިނުކުރާށެވެ! އެބަދަލުތައް އެއައީ 9 މަސްދުވަހު ތިމާގެ ދަރިއަކު އޭނާގެ ބަނޑުގައި އުފުލަންޖެހުމުންކަން ޤަބޫލުކޮށް ތަޢްރީފްކުރާށެވެ!  
އެހެނެއް ނޫނެވެ. އާދައާ ޚިލާފަށް ފަލަވާނަމަ ކަސްރަތުކޮށް ހިކެން ހިތްވަރުދޭށެވެ. އެއިރުވެސް ސިފައިގެ ވާހަކަ ނުދައްކާށެވެ. މިބުނަނީ ސިފައަށް އަންނަ ބަދަލުތަކުގެ ވާހަކަ ނުދެއްކުމަށެވެ. އެއިގެ ބަދަލުގައި ފަލަވުމުން ކުރިމަތިވާނެ ޞިއްޙީ މައްސަލަތައް ވިސްނައިދޭށެވެ. އެއިރުން ފިރިމީހާ ކަންބޮޑުވަނީ ތިމާގެ ޞިއްހަތާއިމެދުގައިކަން ވިސްނި ލޯބި އިތުރުވާނެއެވެ.
 
- ޢިލްމްވެރިއަކު ދައްކަވާފައިވާ ވާހަކަފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ