ފުޓްސަލް އިންޑޯގެ މަސައްކަތް އަވަސްކުރެވޭނެ މަގު ރައީސް ވަނީ ފަހިކޮށްދެއްވާފައި: ވަޒީރު
ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ތާރީހީ ބޮޑު ކާމިޔާބީއާއެކު ފުޓްސަލް އިންޑޯގެ މަސައްކަތް އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބުރަކޮށް މަސައްކަތްކޮށްދެއްވާ ކަމަށާއި އެކަން ވަރަށް ފަސޭހައިން، އަވަހަށް ކުރެވޭނެ މަގު ރައީސް ފަހިކޮށްދެއްވާފައިވާ ކަމަށް ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ހޯދި ކާމިޔާބީއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި ކާމިޔާބީއާއެކު ސަރުކާރުން ފުޓްސަލް އިންޑޯއެއް ހެދުމުގެ މަސައްކަތް ކުރިއަށްވުރެ އަވަހަށް ކުރަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރާފިޢު ވިދާޅުވިއެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ސަރަހައްދީ ފުޓްސަލް މުބާރާތެއްގެ ތަށި ހޯދުމާއެކު، މުބާރާތް ކުރިއަށްދާ ތައިލެންޑުގައި ހުރެ ވާހަކަދައްކަމުން ވަޒީރު ވިދާޅުވީ މިކަން ދިފާއުކުރަން ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ. "ފުޓްސަލް ކުޅޭނެ ރަނގަޅު މާހައުލެއް، އާންމު ބަހުން ނަމަ އިންޑޯ ފެސިލިޓީއެއް އޮތުމަކީ ފުޓްސަލް ކުޅޭ ކުޅުންތެރިން ދެކެމުން ދިޔަ ހުވަފެނެއް، މިހާރު މި ޖެހެނީ އެއަށްވުރެ ބާރު ސްޕީީޑެއްގައި މިކަންކޮށް މިކަމުގެ ފައިދާ ފުޓްސަލް ކުޅުންތެރިންނަށް ހޯދައިދިނުން," ވަޒީރު ވިދާޅުވިއެވެ. މި ކާމިޔާބީއާއެކު އެފްއޭއެމާއި ގުޅިގެން ކުޅިވަރާ ގުޅޭ ޕްލޭނެއް ރާވައިގެން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ ފުޓްސަލް ކުޅުމަށް ހާއްސަ ބިމެއް ހަމަޖައްސައި، މިދިޔަ އަހަރުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ނަމަވެސް އިންޑޯ ފެސިލިޓީގެ މަސައްކަތް އަދި މިހާތަނަށް އައިއިރު އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދެއެވެ. އެހެންކަމުން ގިނަ ބައެއްގެ ފާޑުކިޔުން ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ