ލޯބިން އެކުގަ އުޅެމުންދަނިކޮށް އަނބިމީހާ ދޫކޮށްލައި ހޯދާ ލޯބިވެރިޔާއާ ކައިވެނިކުރީމާ ހުރިހާ ގޮތަކުން އިނދަޖެހުމަކީ އަމިއްލައަށް ލިބިގަންނަ އަނިޔާއެއް!

މިއަދަކު ނޫނެވެ. އަބަދުވެސް އަންހެނުން ވަނީ ދެބައަކަށް ބެހިފައެވެ. އެއީ ދިރިއުޅުމާއިމެދު ވިސްނާ އަންހެނުންނާއި ފައިސާ އާއިމެދު ވިސްނާ އަންހެނުންނެވެ. އެއީ އެކަން އަބަދުވެސް ހިނގަމުން އަންނަ ގޮތެވެ. މީހުން ގިނަވީމާ ހިނގާ ކަންކަން ގިނަވިނަމަވެސް ހިނގަމުން މިދަނީ ހަމަ އެއް ކަމެކެވެ. އެއް ކަންކަމެވެ.  
ދިރިއުޅުމާއިމެދު ވިސްނާ އެއްވެސް އަންހެނަކު އޭނާގެ ގައިގާ އެއްވެސް މީހަކު ކައިވެނީގެ ބޭރުން ބީހިލަންވެސް އެއްބަހެއް ނުވާނެއެވެ. އަދި އޭނާ ނުރުހޭ ސިފަތައް ހުންނަ މީހަކާއި ކައިވެނިކުރާކަށް އެއްބަހެއް ނުވާނެއެވެ.  
ފައިސާ އާއިމެދު ވިސްނާ އަންހެނުން ބޭނުންވާނީ ފައސާއެވެ. ޢުމުރަކަށް ސިފައަކަށް ނުބަލާނެއެވެ. އަތަށް ބޭނުންވަރަކަށް ފައިސާ ލިބޭނަމަ އޭނާ ހުންނާނީ ފުދިގެންނެވެ. ރުހިގެންނެވެ.  
މިއީ މިކަން އޮތްގޮތަކަން ފިރިހެނުންނަށް ރަނގަޅަށް އެނގޭނެއެވެ. އެނގިތިބެގެންވެސް ފައިސާއަށް ދީލައިލާ އަންހެނުންނާއި ގުޅުން އުފައްދަނީއެވެ. އެއީ ކައިވެނިނުކޮށް އެމީހުން ބޭނުންކަމެއް ކުރެވޭތީއެވެ.  
ފައިސާއަށް ވިކޭ އަންހެނުން ވަރަށް ހުޝިޔާރުވާނެއެވެ. ތަނަވަސް މީހަކު މަޅީގައި ޖެއްސިއްޖެނަމަ އޭނާގެ އަތްމަތި ހުސްކޮށްލެވެންދެން ހިފަހައްޓަން ބޭނުންކުރާނެ އުކުޅުތައް އެނގޭނެއެވެ. އެއުކުޅުތައް ބޭނުންކުރުމުން މަޅީގައި ޖެހި ކައިވެނިވެސް ކުރަނީއެވެ. ލޯބިން އިނދެގެންއުޅޭ ކިޔަމަންތެރި، ވަފާތެރި އަނބިމީހާ ވަރިކޮށް ދޫކޮށްލަނީއެވެ. އެއީ ހެދުނު ބޮޑު ގޯހެއްކަން ގިނަ ފަހަރު ވިސްނޭނީ މީހާ ބަނގުރޫޓުވެ ދެން ސަލާމަތް ނުވެވޭވަރުވުމުންނެވެ. 
ބުނަންހެއްޔެވެ؟ އެހިސާބުން އެއަންހެން މީހާ ކުށްވެރިނުކުރާށެވެ! ކުށްކުރީ އޭނާގެ ގޮތް އެނގިހުރެމެ އޭނާއާއި ގުޅުނު ފިރިހެނާއެވެ. މިޙަޤީޤަތް އޮޅުވައިނުލާށެވެ. އަދި ލަނޑު ލިބުނީމާ ހުރިހާ އަންހެނުން ކުށްވެރިނުކުރާށެވެ. ކުށްވެރިއަކީ ހަމަ ކުށްކުރި މީހާއެވެ.  
މިއީ ދިރިއުޅުމާއި ބެހޭގޮތުން މީހުން ހޭލުންތެރިކުރުވާ ތަޖުރިބާކާރު އަންހެނަކު ދައްކާފައިވާ ވާހަކަކޮޅެކެވެ. އަހުރެންވެސް ބޭނުންވަނީ އޭނާއަށް ތާއީދުކުރާށެވެ! އެއީ އަލިފާންގަނޑެއްކަމާއި ފުންމާލައިފިނަމަ އަނދައިގެންދާނެކަން އެނގިހުރެ ފުންމާލާފައި އަލިފާން ކުށްވެރިކުރުމެއް ނެތެއް ނޫންހެއްޔެވެ؟
 
- އަލަފް / މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ