އެމްއެމްއޭ ރިސާޗު ކޮންފަރެންސަށް ކަރުދާސް ހުށަހަޅަން ހުޅުވާލައިފި

މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ބާއްވާ ތިންވަނަ އަހަރީ ދިރާސާ ކޮންފަރެންސް، "އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026" އަށް ދިރާސާ ކަރުދާސްތަކުގެ ހުލާސާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ "އިގްތިސާދީ އަދި ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މެކްރޯ އިކޮނޮމިކް އަދި މާލީ ހަމަޖެހުން" މި ޝިއާރުގެ ދަށުންނެވެ.
އެމްއެމްއޭ ރިސާޗް ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އިގްތިސާދީ މާހިރުންނާއި ދިރާސާވެރިން އެއްތަނަކުން ބައްދަލުވެ، މިހާރުގެ އިގްތިސާދީ އަދި ސިޔާސީ މައްސަލަތަކާ ގުޅޭގޮތުން ހަދާފައިވާ އައު ދިރާސާތައް ހުށަހަޅައި މަޝްވަރާކުރުމަށް ހުޅުވާލެވޭ މުހިންމު ފުރުސަތެކެވެ. މީގެ އިތުރުން، މި ކޮންފަރެންސްގެ މަގުސަދަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާއިރާގެ މާހިރުން އަދި އިލްމީ ބޭފުޅުންގެ މެދުގައި މުއާމަލާތްތައް ވަރުގަދަކޮށް، ރާއްޖެއާ ގުޅުންހުރި ދިރާސާތައް ކުރުމަށް ބާރުއެޅުމެވެ.
މިއަހަރުގެ ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދިވެހި އިގްތިސާދަށް ކުރިމަތިވަމުންދާ އޮނިގަނޑު ބަދަލުތަކާއި ދުނިޔޭގެ ނުތަނަވަސްކަމުގެ ތެރެއިން، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މެކްރޯ އިކޮނޮމިކް އަދި މާލީ ދާއިރާގެ ހަމަޖެހުން މުހިންމުވާ މިންވަރުގެ މައްޗަށެވެ.
ދިރާސާ ކަރުދާސްތައް ހުށަހެޅޭނެ ދާއިރާތަކުގެ ތެރޭގައި މަނިޓަރީ ޕޮލިސީ އަދި އަގުތަކުގެ ހަމަޖެހުން، މާލީ ދާއިރާގެ ހަމަޖެހުމާއި ގަވާއިދުތައް، އިސްލާމިކް ފައިނޭންސް، ފައިނޭންޝަލް އިންކްލޫޝަން، ޑިޖިޓަލް ފައިނޭންސް އަދި ޕޭމަންޓް ނިޒާމުތައް، މޫސުމީ ނުރައްކާތައް، ފިސްކަލް ސަސްޓެއިނަބިލިޓީ، އޮނިގަނޑަށް އަންނަ ބަދަލުތައް، ބޯހިޔާވަހިކަމާއި ސަރަހައްދީ އިގްތިސާދު، އަދި ސިއްހީ ދާއިރާގެ އިގްތިސާދު ހިމެނެ އެވެ.
މި ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ދިރާސާވެރިންނާއި އެކަޑެމިކް ދާއިރާގެ ބޭފުޅުންނާއި މަރުކަޒީ ބޭންކުތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން، އަމިއްލަ ޖަމިއްޔާތަކާއި މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.
ހުށަހަޅާ ކަރުދާސްތައް ހުންނަންވާނީ އިނގިރޭސި ބަހުން، މައިކްރޯސޮފްޓް ވޯޑް ފޯމެޓަށް އަދި ދިގުމިނުގައި 150 އާއި 250 ބަހާ ދެމެދު ހުންނަންވާނެ އެވެ.
ކަރުދާސް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 20 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ