އީރާން ހަނގުރާމައަށް ނަތަންޔާހޫގެ ދަރި ފޮނުވަން ޓްރަމްޕްގެ ކުރީގެ އެޑްވައިޒަރު ގޮވާލައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދަރިފުޅު ޔައިރު ނަތަންޔަހޫ އީރާނު ހަނގުރާމައިގެ ކުރީ ސަފަށް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ އެޑްވައިޒަރު ސްޓީވް ބެނަން ގޮވާލައިފިއެވެ. ކަނާތުފިޔައިގެ ސްޓްރީމިން ސާވިސް "ރިއަލް އެމެރިކާސް ވޮއިސް" ގައި ވާހަކަ ދައްކަމުން ބެނަން ވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތައް ކުރިއަށްދާއިރު، ޔައީރު މިއާމީގައި ޗުއްޓީ ހޭދަކުރަނީ ކީއްވެގެންތޯ ސުވާލު ކޮށްފައެވެ. "ނަތަންޔާހޫގެ ދަރި ހުރީ މިއާމީގައި. މާދަމާ އޭނާ ފޮނުވާލާ." އޭނާއަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) އަށް ގޮވާލަަމުން ބެނަން ބުންޏެވެ. އަދި ޔުނީފޯމު ލައްވާފައި ހަނގުރާމައަށް ފޮނުވަން ބެނަން ވަނީ ގޮވާލާފައެވެ. ނަތަންޔާހޫގެ ދަރިފުޅު ޔައިރް ނަތަންޔާހޫ. ފޮޓޯ/ޖޭރުސަލާމް ޕޯސްޓް ޔައިރު ވެސް އަދި އޭނާގެ ބޭބެ އަވްނާ ވެސް އިސްރާއީލުގެ ކޮންމެ މީހަަކަށް ކުރަން ވާޖިބުކޮށްފައި އޮންނަ އަސްކަރީ ޚިދުމަތް ފުރިހަމަކޮށްފައެއް ނުވެއެވެ. އަދި އެމެރިކާއާ ގުޅިފައިވާ ގަލްފް އަރަބި ގައުމުތަކުގެ ބޭފުޅުންނަށްވެސް ވެސް ބެނަން ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ. ލަންޑަން ފަދަ ސިޓީތަކުގައި ތިބި އެފަދަ މީހުންވެސް ހަނގުރާމައަށް ފޮނުވަންޖެހޭ ކަމަށް ބެނަން ބުންޏެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ސީނިއާ އެޑްވައިޒަރެއްގެ މަގާމު އަދާކުރެއްވި ބެނަން އަކީ އަދިވެސް މެކް އެމެރިކާ ގްރޭޓް އެގެއިން (މާގާ) ހަރަކާތުގެ ފާހަގަކޮށްލެވޭ މީހެކެެވެ. ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި، އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހިމެނޭހެން އީރާނުގެ 1500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ރައްދުގައި އީރާނުން އަންނަނީ އެމެރިކާގެ އަސްކަރީ އެސެޓްތައް ހޯސްޓްކުރާ އިސްރާއީލާއި ޖޯޑަން، އިރާގު އަދި ގަލްފް ގައުމުތަކަށް އަމާޒުކޮށްގެން ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ވައިގެ ދަތުރުފަތުރުތަކަށް ބުރޫއަރައި، އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް މާހިރުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ