ބީއެމްއެލްއިން އަގުހެޔޮ އިތުރު 540 ފްލެޓް އަޅަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 540 ހައުސިން ޔުނިޓު އަޅަން ބިން ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެ މަޝްރޫއުގެ ދަށުން އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1ގައި ތަރައްގީ ކުރާ 364 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިހާތަނަށް 3،260 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ.
ތަފްސީލް - ޝަރީފް ވިދާޅުވީ ސަރުކާރުން ބިން ދީގެން ސަރުކާރުން، ކަނޑައަޅާ އަގެއްގައި ޑިވެލޮޕަރުން އަމިއްލައަށް ފްލެޓު ތަރައްގީކޮށް ވިއްކުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށާއި، މިއީ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އެތަކެއް އާއިލާއަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ލިބޭ ފަހި ފުރުސަތެއް ކަމަށެވެ.
"މިރޭ އަޅުގަނޑު އަނެއްކާވެސް ދޭން ބޭނުންވަނީ އުފާވެރި ހަބަރެއް. ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް ހައުސިން މިނިސްޓްރީން މިވަނީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގައި އިތުރު ހައުސިން ޔުނިޓަށް ބިން ހަމަޖައްސަވައިދީފައި. އަޅުގަނޑުމެން މިވަނީ އިތުރު 540 ޔުނިޓު ގާއިމް ކުރުމަށް ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެ މަސައްކަތް ވެސް ދިވެހި ގާބިލް ކުންފުންޏަކާ ހަވާލު ކުރަން ނިންމާފައިވާ ކަމަށާއި އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން އެ ފްލެޓުތައް ނިންމާލުން ކަމަށެވެ.
"މިއާ އެކު، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން ޖުމްލަ 3،800 ޔުނިޓު ތަރައްގީ ކުރެވިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އެކުލަވާލާފައިވާ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ގަވައިދުގެ ދަށުން ބީއެމްއެލް އިން ތަރައްގީ ކުރާ ހައުސިން ޔުނިޓުތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކަސްޓަމަރުންނަށް ވެސް ހެޔޮ އަގުގައި ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށް އެމްއައިބީން ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އެހެން ބޭންކުތަކުން ވެސް އިންކުލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމުގައި ބައިވެރިވުން. މިގޮތަށް އެހެން ބޭންކުތަކުން މި ސްކީމުގައި ބައިވެރިވެއްޖެ ނަމަ މިހާރު މި ގާއިމް ކުރާ 3،800 ޔުނިޓުގެ ތެރެއަށް ޔުނިޓުތައް އިތުރުވެ ޖުމްލަ 5،000 ޔުނިޓު ހަމަވާނެ ކަމަށް އަޅުގަނޑަށް ލަފާ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލް އިން އަޅާ ހައުސިން ޔުނިޓުތަަކަށް 5.7 ބިލިއަން ރުފިޔާ އިންވެސްޓު ކުރެވޭނެ ކަމަށާއި މި އިންވެސްޓުމެންޓާ އެކު އިމާރާތް ކުރުމުގެ ދާއިރާ އިން ގައުމީ އުފެއްދުއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)އަށް %3ގެ ކުލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ބީއެމްއެލް އެފޯޑަބަލް ހައުސިން ސްކީމުގެ ދަށުން ހައުސިން ޔުނިޓުތައް އަޅަނީ ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ