ހުރުމުޒު ކަނޑުއޮޅި ހުޅުވަން ބޭނުންވާ ބަޔަކު އެކަން ކުރަންވީ އެއީ އެމެރިކާއަށް މުހިއްމު ކަމެއްނޫން: ޓްރަމްޕް
ވޮޝިންޓަން (1 އެޕްރީލް 2026): ހަނގުރާމަ ހުއްޓާލުމާބެހޭ އެއްބަސްވުމެއް އީރާނާއެކު ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށް ވިދާޅުވެ ހޮރުމުޒު ކަނޑުއޮޅި ހުޅުވަން ބޭނުންވާ ގައުމުތައް އެތަން ހުޅުވުމުގެ މަސައްކަތް ފެށުމަށް ގޮވާލައްވައި އެމެރިކާގެ ރައީސް ޓްރަމްޕް ވަރަށް މާޔޫސްވެގެން ވާހަކަ ދައްކައިފިއެވެ. ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ ހުށަހަޅާ ޝަރުތުތައް އީރާން ގަބޫލުކުރާނެކަމަށް ނުބެލޭވޭކަމުގައެވެ. އީރާނުގައި މުހިއްމު ނިންމުންތައް ނިންމަނީ ކޮންފަރާތަކުންކަން އަދި އީރާނުގެ ހަގީގީ ވެރިއަކީ ކާކުކަން އެމެރިކާއަށް މިހާރު ނޭންގޭކަމަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެއްބަސްވުމަކަށް ނާދެވުނުނަމަވެސް އެމެރިކާގެ ސައިޑުން ދެތިން ހަފްތާ ތެރޭގައި ހަނގުރާމަ ހުއްޓާލާނެކަމުގައެވެ. ޓްރަމްޕްގެ ވާހަކާގައި ހުރުމުޒު ކަނޑުއޮޅި ގަދަބާރުން ހުޅުވުމަށްޓަކައި އެއްގަމުމަގުން އެމެރިކާ ސިފައިން އީރާނަށް އަރައިގަތުމަށް އޭނާ ރާއްވަވާ ޕްލޭން އާބެހޭގޮތުން ވާހަކައެއް ނުދައްކަވައެވެ. ޓްރަމްޕްގެ މައިގަނޑު ވިސްނުން ހުރީ އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމުން ތެލުގެ އަގު އާދަޔާ ޚިލާފަށް މައްޗަށްގޮސް ދުނިޔޭގެ ވިޔަފާރީގެ ސަޕްލައި ޗެއިންއަށް ހުރަސްއެޅި އެމެރިކާގައި ވެސް ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވަމުންދާ މައްސަލައަށެވެ. ރިޕޯޓްތައް ބުނާގޮތުން މިމައްސަލާގައި ޓްރަމްޕް އާއި އޭނާގެ ރިޕަބްލިކަން ޕާޓީގެ ތާއީދު އެމެރިކާގެ އާންމުންގެ މެދުގައި ވަރަށްބޮޑަށް ދަށަށް ދިޔުމުން ޓްރަމްޕް ވަނީ ހާސްވެ ކަންބޮޑުވެފައެވެ. މިހާރުވެސް ޓްރަމްޕްގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް މިލިޔަނުން މީހުން މަގުތަކަށް ނުކުމެދަނީ މުޒާހަރާ ކުރަމުންނެވެ. ޓްރަމްޕްގެ މަގްބޫލުކަން ދަށަށްދާ އެންމެބޮޑު ސަބަބަކީ އެމެރިކާއަށް މަސްލަހަތުނެތް ހަނގުރާމައެއް ޔަހޫދީ އިސްރާއީލަށް ޓަކައި އީރާނާ ދެކޮޅަށް އެމެރިކާގެ ޓެކްސް ޕޭޔަރުންގެ ފައިސާގައި އެމެރިކާ ކުރަމުންދާތީއެވެ. ހަނގުރާމައަށް ދުވާލެއްގެ މައްޗަށް 1.5 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރަންޖެހެއެވެ. މިއާއެކު ތަކެތީގެ އަގުބޮޑުވުމާއި އަދި އެމެރިކާގެ ފައިސާ އެމެރިކާގެ ރައްޔިތުންގެ ބޭނުންތަކުގެ ބަދަލުގައި ޔަހޫދީ އިސްރާއީލުގެ ބޭނުންތަކަށް ޚަރަދުކުރާ މައްސަލާގައި އެމެރިކާ ރައްޔިތުން ރުޅި އައިސްފައިވާތީ ކޮންގްރެސްގެ ކުރިޔަށް އޮތް މިޑްޓާމް އިލެކްޝަން ޓްރަމްޕް ގެ ޕާޓީއަށް ކާމިޔާބު ނުވާނެކަން ވަނީ ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައެވެ. މި އިންތިޚާބު އިދިކޮޅު ޑިމޮކްރެޓުން ކާމިޔާބުކޮށް ކޮންގްރެސްގެ ދެގޭގެ އަޣްލަބިއްޔަތު އިދިކޮޅު ޕާޓީ ހޯދައިފިނަމަ ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް އިދިކޮޅުން ފަށާފާނެކަމުގެ ބިރު ޓްރަމްޕް އިހުސާސް ކުރެއްވުމަކީ ކާމިޔާބު ނުލިބި ހަނގުރާމަ ނިންމާލަން ޓްރަމްޕަށް މަޖުބޫރުވާ މައިގަނޑު ސަބަބުކަމަށް މުހައްލިލުން ވިދާޅުވެއެވެ. މިހާރު މި މައްސަލާގައި ވައިޓް ހައުސް ތެރޭގައި ކޮންމެ ދުވަހަކު ބޮޑެތި ޒުވާބުތަކެއް ހިނގަމުންދާކަމަށް އެމެރިކާގެ މީޑިއާތައް ބުނެއެވެ. ޒުވާބު ހިނގަނީ ހަނގުރާމައިގެ ސަބަބުން ރައްޔިތުންގެ ތާއީދު ގެއްލޭތީ ވައިޓް ހައުސްގެ ބައެއް މަގާމުތަކުގައި ތިއްބަވާ ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުންނާއި ޓްރަމްޕް ގެ އަރިސް މަސްއޫލުވެރިންގެ ގޮތުގައި ތިބޭ ޔަހޫދީ މަހުޖަނުންގެ އަތުން މާލީ ފައިދާލިބޭ ކަމަށް ތުހުތުކުރެވޭ އެމެރިކާގެ ޚާރިޖީ ވަޒީރާއި ހަނގުރާމައާބެހޭ ވަޒީރުފަދަ ޓްރަމްޕްގެ ހަރުކަށި ޓީމުގެ މީހުންނާއި ދެމެދުގައި ކަމަށްވެއެވެ. އެމެރިކާގެ އިދިކޮޅުންވަނީ ޓްރަމްޕްގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކާއި ގާނޫނާއި ގަވައިދު ބޮލާލާ ޖަހާކަމުގެ ތުހުމަތުތައް ކޮށްފައެވެ. ޓްރަމްޕް ވެރިކަމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަދި އޭނާގެ އާއިލާގެ ވިޔަފާރިއަށް ބޮޑެތި ފައިދާތަކާއި ކަޓުތައް ލިބޭގޮތަށް ސަރުކާރުގެ ބޮޑެތި ކޮންޓްރަކްޓްތައް ދިނުމުގެ އެތަށް މައްސަލައެއްވަނީ ފެންމަތިވެފައެވެ. ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ތެލުގެ އަގު ދަށްކުރުމަށް ޓަކައި އީރާނާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ހަނގުރާމަ ހުއްޓާލަން ޖެހޭކަމަށާ އެކަން ނުކޮށް ވާނެ އެއްވެސް ގޮތެއްނެތް ކަމުގައެވެ. "އީރާނާއެކު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް އަދި ނާދެވުނު ނަމަވެސް ދެތިން ހަފްތާ ތެރޭގައި ހަނގުރާމަ ހުއްޓާލަން އެބަޖެހޭ" ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާ އާ ދެކޮޅަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް ނަމަވެސް ހަނގުރާމަ ހުއްޓާލުން ނޫންގޮތެއް ނެތެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އީރާނުގެ އަސްކަރީ ގާބިލުކަން ވަނީ ކުޑަކޮށްލެވިފައެވެ. ދެން އޮތީ އީރާނަށް ނިއުކްލިއާ ހަތިޔާރު ނުއުފެއްދޭނެ ކަމުގެ ޔަގީންކަން އެމެރިކާއަށް ލިބުމެވެ. މި ޔަގީންކަން ވަރަށް އަވަހަށް އެމެރިކާއަށް ލިބޭނެކަމަށާ މި ޔަގީންކަން ލިބުމުން އެމެރިކާ ހަނގުރާމަ ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިކަމަށް ނަގާނީ ދެހަފްތާއެއްހާ ދުވަސްކަމަށް ލަފާކުރައްވަމުން މިއީ އެމެރިކާ މި ހަނގުރާމަ ކާމިޔާބު ކުރުންކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. ހުރުމުޒު ކަނޑުއޮޅިއާބެހޭގޮތުން ޓްރަމްޕް ވިދާޅުވީ އެމެރިކާ ހަނގުރާމަ ހުއްޓާލާނީ އެތަން ބަންދުކުރުމާއި ހުޅުވުމުގެ މައްޗަށް ބަލައިގެން ނޫން ކަމަށެވެ. ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ބައިވެރިންގެ ގޮތުގައި ތިބި ހުރިހާ ގައުމުތަކުން ވެސް ދެކޮޅު ހަދާފައިވާތީ ގަލްފުން ތެޔޮބޭނުންވާ ގައުމުތައް އަމިއްލައަށް އެ ސަރަހައްދަށް ގޮސް ތެޔޮ ހޯދުމަށް ޓްރަމްޕް ގޮވާލެއްވިއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި ހުރުމުޒު ކަނޑުއޮޅި ހުޅުވުމުގެ ޒިންމާ އެމެރިކާ އުފުލުމުގެ ވިސްނުން މިހާރު އޭނާ ނުގެންގުޅުއްވައެވެ. އެތަނުން ތެޔޮބޭނުންވާ ގައުމުތައް އެ ކަނޑުއޮޅިއަށް ގޮސް އެކަން ކުރަންވީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް މިހެން ވިދާޅުވިއިރު ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެޔޮ ވިއްކުމަށް ނުކުޅެދިފައި ތިބި އެމެރިކާއަށް ކިޔަމަންތެރި ގަލްފުގެ އަރަބި ގައުމުތައް ތިބީ މި މައްސަލާގައި ހަދާނެގޮތް ހުސްވެފައެވެ. ޚާއްސަކޮށް ޔޫއޭއީ، ބަހުރައިން، ކުވައިތު ގަތަރު މި ހަތަރު ގައުމެވެ. ސައޫދީ އަށް މިމައްސަލަ ކުޑައެވެ. އެއީ ސައޫދީގެ ތެލުގެ ބޮޑުބައެއް ރަތްކަނޑުގައި އޮންނަ ސައޫދީ ޔަންބުއު ބަނދަރުން ބޭރުކުރެވޭތީއެވެ. ޓްރަމް މިމޭރުމުން ވާހަކަ ދެއްކެވިއިރު ހުރުމުޒު ކަނޑުއޮޅި ގަދަބާރުން ހުޅުވުމަށްޓަކައި އެއްގަމުމަގުން އެމެރިކާ ސިފައިން އީރާނަށް އަރައިގަތުމުގެ ޕްލޭނެއް ރާވައި އެޕްލޭން ތަންފީޒު ކުރުމަށްޓަކައި ގަލްފަށް އެމެރިކާގެ އެތަށް ސިފައިން ފޮނުވުމުގެ މަސައްކަތް ޓްރަމްޕް ވަނީ ފަށާފައެވެ. އެ ޕްލޭން އާބެހޭގޮތުން މިފަހަރު ޓްރަމް ވާހަކައެއް ނުދައްކަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ