ޖަރުމަން ބުންޑެސްލީގާގެ ޗެމްޕިއަންކަން 35 ވަނަ ފަހަރަށް ބަޔާން މިއުނިކް އިން ކާމިޔާބުކޮށްފި އެވެ.
ބަޔާން މިއުނިކް ލީގުގައި ބާކީ ހަތަރު މެޗު ކުޅެން އޮއްވާ ލީގު ޗެމްޕިއަންކަން ރޭ ހޯދާފައިވަނީ ޝްޓުޓްގަރޓް އާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި ނަތީޖާ އާއިއެކު ބަޔާން މިއުނިކަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 30 79 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ބޮރޫޝިޔާ ޑޯޓްމަންޑް އަށް ލިބިފައިވަނީ 64 ޕޮއިންޓެވެ. މި މެޗަށް ނިކުތްއިރުވެސް ލީގު ޗެމްޕިއަންކަން ހޯދުމަށް ބަޔާން އަށް ބޭނުންވަނީ އެންމެ ޕޮއިންޓެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ހަތްދިހަ ފަސް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 21 ވަނަ މިނިޓުގައި ޝްޓުޓްގަރޓްގެ ކްރިސް ފަރރިޗް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ދިހަ މިނިޓު ފަހުން ބަޔާންގެ ރަފައެލް ގަރޭރޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ނިކޮލަސް ޖެކްސަން ވަނީ އިތުރު ލަނޑެއް ޖަހާ ބަޔާން އަށް ފުރަތަމަ ފަހަރަށް މި މެޗުގައި ކުރި ހޯދަދީފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން މެޗުގެ 37 ވަނަ މިނިޓުގައި އަލްފޮންސޯ ޑޭވީސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ހެރީ ކޭން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ޝްޓުޓްގަރޓްގެ ކެމާ އެންޑްރޭސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.
ބުންޑެސްލީގާގެ ޗެމްޕިއަންކަން ބަޔާން މިއުނިކް އިން ހޯދާފައިވާއިރު ފާއިތުވެދިޔަ 14 އަހަރުގެ ތެރޭގައި މިއީ އެ ކްލަބުން ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދި 13 ވަނަ ފަހަރެވެ.
ބަޔާން މިއުނިކަށް ވަނީ މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިފަ އެވެ. ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދާފައިވާއިރު ޑީއެފްބީ ޕޯކަލްގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އެ ކްލަބް ވަނީ ފުރުސަތު ހޯދާފަ އެވެ.
ޝްޓުޓްގަރޓް ބަލިކޮށް ބަޔާން އިން 35 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ