ޓީޓީއަށް ޑޮލަރު ދެން؛ މިހާރު ކުރިއަށް ވުރެ ވެސް އިތުރަށް ދޫކުރަން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ކުއްލިއަކަށް ހުއްޓާލައިފި ކަމަށް ބުނެ 'އަދަދު' ނޫހުން ޝާއިއުކޮށްފައިވަނީ ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށާއި، ކުރިން ވެސް އޮންނަ ގޮތަށް އެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު، މި ދުވަސްވަރު އެ އަދަދު އިތުރު ވެސް ކޮށްފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ތަފްސީލް - ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ކުރިން ވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ. އެގޮތުން، މި މަހުގެ ތެރޭގައި ވެސް ޓީޓީއަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު އަދަދަކަށް ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
"މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދެވިފައެއް ނެތެވެ. އެހެން ނަމަވެސް، އެ ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ އަދަދު ބޭންކުން ނުދެވުން އެކަށީގެންވެ އެވެ،" ބަޔާނުގައިވެ އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، ބޭރުން ރާއްޖެއަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާއަށް ވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ އަދަދު މިދުވަސްކޮޅު އިތުރުވެފައިވީ ނަމަވެސް، ބޭންކުން މި އަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާ އެކު ބަލަހައްޓައި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، މި ދަނޑިވަޅުގައި ވެސް އެ ބޭންކުން އަންނަނީ މެދުނުކެނޑި ކާބޯތަކެއްޗާއި އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ވިޔަފާރިތަކަށް ކުރިއަށް ވުރެ އިތުރަށް ޑޮލަރު ފޯރުކޮށްދެމުންނެވެ. އެގޮތުން:
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައި 
މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް
މި ބޭނުމަށް މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު މިއީ %142 އިތުރު އަދަދެއް
މިއަހަރުގެ މިހާތަނަށް 38،855 ޓިޓީއަށް ބޭރު ފައިސާ ފޯރުކޮށްދީފައިވާއިރު، މި މަހު އެކަނި ވެސް 6،800އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރު ފައިސާގެ އެހީ ފޯރުކޮށްދީފައިވާނެ
އިއްޔެ އެކަނި ވެސް 327 ޓީޓީއަށް 9 ލައްކައަށް ވުރެ ގިނަ ޑޮލަރު ވިއްކާފައިވޭ
"ބޭންކުގެ ކަސްޓަމަރުންނާ ބޭހޭ އަދި ބޭންކުން ހިންގާ ފައިސާގެ މުއާމަލާތްތަކުގެ ހައްސަ މައުލޫމާތުތަކަކީ ހަމައެކަނި ބޭނަކަށް ދެވޭނެ މައުލޫމާތުތަކެކެވެ،" ބަޔާނުގައިވެ އެވެ.
"މިފަދަ މުހިންމު ކަމަކާ ގުޅޭ ގޮތުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އަދި މުޅި މުޖުތަމައުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ޒިންމާދާރުކަމެއް ނެތި މިފަދަ މައުލޫމާތު ފެތުރުމަކީ ބޭންކުން އެކަމާ މެދު ވަރަށް ހިތާމަކުރާ ކަމެކެވެ. އަދި މިއީ 'އަދަދު' ނޫހުން އާންމު ގޮތެއްގައި ބޭންކަށް އޮންނަ އިތުބާރު ކުޑަކުރުމަށްޓަކައި ފަތުރާ ސިލްސިލާ ދޮގު ވާހަކަތަކުގެ ތެރެއިން ބައެކެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ