އިތުރު ހިތްވަރެއް ބޭނުމެއްނޫން، އިންޑިޔާ ބަލިކުރަން ޖެހޭނެ: ބަނގްލަދޭޝް ކޯޗު

ބޮޑު ފައިނަލަށް ނުކުންނައިރު އިތުރު ހިތްވަރެއް ބޭނުމެއްނުވާނެ ކަމަށާއި ހުރިހާ ގޮތަކުން ބެލި ނަމަވެސް އިންޑިޔާ ބަލިކުރަން ޖެހޭނެ ކަމަށް ބަނގަލްދޭޝްގެ ކޯޗު މާކް ކޯޒް ބުނެފި އެވެ.
އޭނާ މިހެން ބުނީ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިރޭ ގަލޮޅު ދަނޑުގައި އިންޑިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މި މުބާރާތުގައި ކޮންސަލްޓަންޓެއްގެ ގޮތުގައި ޓީމުގެ ކޯޗުގެ ޒިންމާ ވެސް އަދާ ކުރަމުން އަންނަ ކޯޒް ބުނީ ފައިނަލަކަށް ތައްޔާރުވާއިރު އިތުރު ހިތްވަރެއް ބޭނުމެއް ނުވާނެ ކަމަށެވެ.
"އަހަރުމެން މިދަނީ ވަރަށް މޮޅު ޓީމެއް ކަމަށްވާ އިންޑިޔާ ބަލިކުރަން. އަހަރެންނަސް ހީވަނީ އެންމެނަށް ވެސް މިކަން އެނގޭނެހެން. އެހެންވީމާ އަބަދުވެސް އެންމެ ގާތް ވާދަވެރިޔާ ބަލިކުރަން ޖެހޭނެ. މިކަހަލަ (ފައިނަލް) މެޗެއްގައި އެއްވެސް ކުޅުންތެރިއަކު، އެއްވެސް ކޯޗަކު، އެއްވެސް ސަޕޯޓަރަކު އިތުރު ހިތްވަރެއް ބޭނުމެއް ނުވާނެ. ޖެހޭނީ އެ މީހުން ބަލިކުރަން،" ކޯޗު ބުންޏެވެ.
ބަނގްލަދޭޝްގެ ކެޕްޓަން މިތުން ޗައުދަރީ މި މެޗު ސިފަކުރީ މަރުގެ މެޗެއްގެ ގޮތުގަ އެވެ. އަދި ބުނީ އިންޑިޔާއާ ދެކޮޅަށް އަބަދުވެސް ކުޅޭނީ އެންމެ މޮޅަށް ކަމަށެވެ.
"މިއީ މަރު ނޫނީ ދިރުން ފަދަ މެޗެއް އަހަރުމެންނަށް. އިންޑިޔާއާ ދެކޮޅަށް ކުޅޭއިރު އަބަދުވެސް އަހަރުމެންނަށް ކުރެވޭނެ ހުރިހާ ކަމެއް ކުރަން. މި ފަހަރު ވެސް އެކަމުގައި ތަފާތެއް ނެތް. އަހަރުމެން ބޭނުންވަނީ އިންޑިޔާ ބަލިކޮށްފައި ތަށި ހިފައިގެން ގައުމަށް ދާން،" އެންމެ ފަހުގެ ފަރިތަކުރުންތަކަށް ފަހު ކެޕްޓަން މިތުން ބުންޏެވެ.
މި މެޗަށް މި ދެ ޓީމު ނުކުންނައިރު ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ބަނގަލްދޭޝް މީހުން ގަލޮޅު ދަނޑަށް ވަދެ މި މުބާރާތުގައި އެ މީހުންގެ ޓީމަށް ދެމުން އަންނަ ތަރުހީބަކީ ފައިނަލަށް ނުކުންނައިރު އޮތް ވަރަށް ބޮޑު ޕްރެޝަރެއްގެ ގޮތުގައި އިންޑިޔާގެ ކޯޗު މަހޭޝް ގޯލީ ސިފަކޮށްފަ އެވެ. އަދި އޭނާ ވަނީ ހުސްވި އަހަރު 19 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުގައި އިންޑިޔާ އަތުން ބަނގަލްދޭޝް ބަލިވެފައިވާތީވެ އެ ކަމުގެ ބަދަލު ހިފަން ބަނގްލަދޭޝް ކުޅޭނެ ފައިނަލަކަށް ވެސް މި މެޗު ވާނެ ކަމަށް ބުނެފަ އެވެ.
ގަލޮޅު ދަނޑުގައި އިންޑިޔާ އާއި ބަނގްލަދޭޝްގެ ފައިނަލް މެޗު ކުޅޭނީ މިރޭ 8:30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ