ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރގެ ސެކިއުރިޓީ ފޫއަޅުވާލައި ވަންނަން އުޅުނު ހަތިޔާރު އެޅި މީހާގެ މައްޗަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރާލަން އުޅުމުގެ ދައުވާ އުފުލައިފިއެވެ.
ވޮޝިންގޓަންގެ ފެޑަރަލް ކޯޓެއްގައި އެސިސްޓަންޓް ޔޫއެސް އެޓަރނީ ޖޮސެލިން ބެލެންޓައިން ހޯމަ ދުވަހު ވިދާޅުވި ގޮތުގައި، ކެލިފޯނިއާގެ ޓީޗަރެއް ކަމަށްވާ އުމުރުން 31 އަހަރުގެ ކޯލް އެލަން ހައްޔަރުކުރިއިރު، އޭނާގެ އަތުގައި 12 ގޭޖްގެ ޕަމްޕް އެކްޝަން ޝޮޓްގަން އަކާއި، .38 ކެލިބަރގެ ސެމީ އޮޓޮމެޓިކް ފިސްތޯލައެއްގެ އިތުރުން ތިން ވަޅި އޮތެވެ. އޭނާ ހައްޔަރުކުރީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެ މަތީ ފަންތީގެ ހަފްލާއަށް ގަދަކަމުން ވަންނަން އުޅެނިކޮށެވެ.
ފެޑަރަލް ޕްރޮސެކިއުޓަރުން އެލަންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރައީސް އަވަހާރަކޮށްލަން އުޅުމާއި، އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ހަތިޔާރު އުފުލުމާއި، އަނިޔާވެރި ކުށެއްގެ ތެރޭގައި ބަޑިޖެހުން ހިމެނެއެވެ.
މި ވަގުތު މި ދައުވާތަކަށް އިއުތިރާފުވުމަށް ނުވަތަ އިންކާރު ކުރުމަށް އޭނާއަށް ލާޒިމެއް ނޫނެވެ.
ޔޫއެސް މެޖިސްޓްރޭޓް ޖަޖް މެތިއު ޝަރބޯ ވަނީ މައްސަލަ ކުރިއަށްދާއިރު އެލަން ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ. ދެން އޮންނަ އަޑުއެހުން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހަށެވެ. އެ ދުވަހު ނިންމާނީ ޝަރީއަތް ފެށުމުގެ ކުރިން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލެވޭނެތޯ ނުވަތަ ނޫންތޯއެވެ.
އެލަންގެ ޕްރިލިމިނަރީ އަޑުއެހުން ތާވަލުކޮށްފައިވަނީ މެއި 11 އަށެވެ. ރައީސް އަވަހާރަކޮށްލަން އުޅުމުގެ ދައުވާ އެލަންގެ މައްޗަށް އުފުލި ނަމަވެސް، ޔޫއެސް އެޓަރނީ ޖެނެރަލް ޓޮޑް ބްލާންޗް ވިދާޅުވީ ޓްރަމްޕާ ހަމައަށް ވާސިލުވުމުގެ އެއްވެސް ފުރުސަތެއް އެ މީހާއަށް ލިބިފައި ނުވާ ކަމަށެވެ.
"އޭނާ ހުރީ ބޯލްރޫމްގެ މަތީ ފަންގިފިލާގައި. އޭނާއާއި އެމެރިކާގެ ރައީސާ ދެމެދު ފެޑަރަލް އެތައް ސަތޭކަ އެޖެންޓުން ތިބި،" ކޯޓު އަޑުއެހުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވިއެވެ.
އެލަން ހަމަލާދޭން އުޅުނު ވަގުތު ސީކްރެޓް ސަރވިސް އެޖެންޓެއްގެ ގަޔަށް ބަޑިޖެހީ ކާކުކަން ތަހުގީގަށް އެނގިފައިވޭތޯ ސުވާލުކުރުމުން، ބްލާންޗް ސީދާ ޖަވާބެއް ދެއްވަން އިންކާރު ކުރެއްވިއެވެ. އަދި ވިދާޅުވީ ހެކިތައް އަދިވެސް ދިރާސާކުރަމުންދާ ކަމަށެވެ.
"ބެލެވޭ ގޮތުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ފަސް ފަހަރު ބަޑިޖެހި. އަޅުގަނޑުމެން ގަބޫލުކުރަނީ، ދައުވާގައިވާ ފަދައިން، ތުހުމަތުކުރެވޭ މީހާ ޝޮޓްގަން ބޭނުންކޮށްގެން ބަޑިޖެހި ކަމަށް. އެކަމަކު ބެލިސްޓިކްސްގެ ތަފްސީލުތަކަށް މިއަދު އަޅުގަނޑު ނުދާނަން،" އޭނާ ވިދާޅުވިއެވެ.
ވައިޓްހައުސް ޑިނަރއަށް ހަތިޔާރާއެކު ވަން މީހާގެ މައްޗަށް ޓްރަމްޕް މަރާލަން އުޅުމުގެ ދައުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ