އަދަދުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އަދަދު" ނޫހުން "އައިޝާ" ގެ ނަމުގައި ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި އެވެ.މިދިޔަ މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފަ އެވެ. އެ ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ރޭ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައި ވާއިރު  އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.މިދިޔަ މާޗް މަހުގެ އަށާވީސް ވަނަ ދުވަހު އަދަދު ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި މި ޑޮކިއުމަންޓްރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް މުއިއްޒާއެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.ޖިނާއި މައްސަލައެއްގެ ތަހުގީގަށް ހެކި ހޯދުމަށް ވުރެ އަދަދުގެ އޮފީހަށް ވަދެ ފުލުހުން ހަރަކާތްތެރިވީ ތަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް އަދަދުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.މި މައްސަލައާ ގުޅިގެން އިއްޔެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ހުރިހާ ވާހަކަތަކެއް ކަނޑައެޅިގެން ދޮގުކުރައްވާފަ އެވެ. ރައީސް ވިދާޅުވީ މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ