ތުހުމަތުކުރި މަސްތުވާތަކެތީގެ މައްސަލައިން ނޯރާއާއި ޝްރައްދާ ސަލާމަތްވެއްޖެ

މީގެ ތިން އަހަރު ކުރިން ފެންމަތިވި މަސްތުވާތަކެތީގެ ބޮޑު މައްސަލައަކުން ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޝްރައްދާ ކަޕޫރާއި ނޯރާ ފަތޭހީ ސަލާމަތްވެއްޖެއެވެ. މުމްބާއީ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ ދެ ތަރިންގެ މައްޗަށް ކުރެވުނު ތުހުމަތުތަކުން ސަލާމަތްވީ، އެ ދެ ތަރިންނާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައި ނުވާތީއެވެ. މި މައްސަލައިގައި ހިމެނޭ އިތުރު ފަރާތްތައް ކަމަށްވާ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އޯރްހާން އަވަތުރަމާނީ (އޮރީ)އާއި، އެކްޓަރު ސިދާތު ކަޕޫރުގެ އިތުރުން ސިޔާސީ ލީޑަރެއް ކަމަށްވާ ޒީޝާން ސިއްދީގީގެ ނަން ވެސް މައްސަލައިގެ ތަހުގީގުން އުނިކުރާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. މި މައްސަލަ ފެށިފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މުހައްމަދު ސަލީމް މުހައްމަދު ސުހައިލް ޝައިހް ހައްޔަރުކުރުމާ ގުޅިގެންނެވެ. އޭނާ ހައްޔަރުކުރި އޮޕަރޭޝަނުގައި 1.19 ލައްކަ ރުޕީސްގެ 'މެފެޑްރޯން' ވަނީ އަތުލައިގަނެފައެވެ. ތަހުގީގުގެ ތެރޭގައި ޝައިހް ބުނެފައިވަނީ، އޭނާ މަސްތުވާތަކެތި ފޯރުކޮށްދިނީ މަޝްހޫރު ސެލެބްރިޓީންތަކެއް ބައިވެރިވި ޕާޓީތަކަށް ކަމަށެވެ. މިއާއެކު ތަހުގީގުގެ ތެރެއަށް ގިނަ ބައެއްގެ ނަންތައް އޭރު ވަނީ ތިލަވެފައެވެ. ފިލްމީ ތަރިން ކަމަށްވާ ޝްރައްދާ ކަޕޫރު، ނޯރާ ފަތޭހީ އަދި ސޯޝަލް މީޑިއާ ސެލެބްރިޓީ އޯރްހާން އަވަތުރަމާނީ--ފޮޓޯ/ބޮލީވުޑްހަންގާމާމި މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، މިދިޔަ އަހަރުގެ ތެރޭގައި ޝްރައްދާ ކަޕޫރާއި ނޯރާ ފަތޭހީ ހިމެނޭހެން ބައެއް ފަރާތްތަކާ އެންޓި-ނާކޮޓިކްސް ސެލްއިން ސުވާލުކުރިއެވެ. ނަމަވެސް، 'އިންޑިއަން އެކްސްޕްރެސް'އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މީހުންނާއި މަސްތުވާތަކެތި ފޯރުކޮށްދޭ ވިއުގައާ ގުޅުމެއް އޮތްކަން ސާބިތުކޮށްދޭނެ އެއްވެސް މާއްދީ ހެއްކެއް ތަހުގީގުކުރާ ފަރާތްތަކަށް ލިބިފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ވާހަކަދެއްކި މަސްދަރަކުން ބުނި ގޮތުގައި، ފުލުހުން މިހާރު ވަނީ ތަހުގީގު ނިންމައި، އިތުރު ދައުވާތައް ހިމެނޭ 'ސަޕްލިމެންޓަރީ ޗާޖްޝީޓް' ތައްޔާރުކުރަން ފަށާފައެވެ. ފުރަތަމަ ދައުވާ އުފުލާފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އަދި ދެން އުފުލާ ދައުވާތައް އަމާޒުވާނީ ހައްޔަރުކޮށްފައިވާ ދެ މީހަކަށާއި ފިލައިގެން އުޅޭ މީހުންނަށެވެ. މަޝްހޫރު ފަންނާނުންނާ މި މައްސަލަ ގުޅުވޭނެ ވަރުގެ އެކަށީގެންވާ ހެއްކެއް މިހާތަނަށް ލިބިފައި ނުވާތީ އެ މީހުން މައްސަލައިން ސަލާމަތްވާނެއެވެ. މިއީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ނަންތަކެއް ހިމެނޭ މައްސަލައަކަށް ވުމުން އާންމުންގެ ބޮޑު ސަމާލުކަމެއް މި މައްސަލައަށް ވަނީ ލިބިފައެވެ. މި ޚަބަރާ ގުޅިގެން އޯރްހާން އަވަތުރަމާނީ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ޚަބަރުގެ ސްކްރީންޝޮޓެއް ހިއްސާކުރަމުން އޭނާ ބުނެފައިވަނީ، އެއްވެސް އަސާސެއް ނެތި މި މައްސަލަ ބޮޑުކޮށްލައިގެން އޭނާގެ ނަން ބަޔަކު މީހުން ކިލަނބުކުރި ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ބަތަލާ ޝްރައްދާ އަދި ނޯރާގެ ފަރާތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ