މުއިއްޒުއަކީ ހުދުމުހުތާރު ވެރިއެއް، ލަދެއް ހަޔާތެއް ނެތް ގޮތަށް ވެސް ބޭނުންވާ ކަމެއް ވީމަ ނިމުނީ: ފައްޔާޒު މުއިއްޒުއަކީ ހުދުމުހުތާރު ވެރިއެއް، ލަދެއް ހަޔާތެއް ނެތް ގޮތަށް ވެސް ބޭނުންވާ ކަމެއް ވީމަ ނިމުނީ: ފައްޔާޒު

ރައީސް މުހައްމަދު މުއިއްޒަކީ ގައުމުގެ މުދަލަކީ އަމިއްލަ މިލްކިއްޔާތެއް ކަމަށް ދެކެވަޑައިގަންނަވާ، ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ނުކުރައްވާ ހުދުމުހުތާރު ވެރިއެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުގެ "ފެންނަ ނުފެންނަ" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ރައީސް މުއިއްޒުގެ މަސައްކަތް ހުންނަ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒުގެ އަމަލުތަކުން ފެންނަނީ އެއްވެސް އުސޫލެއް ނެތި، ހަމައެކަނި ބޭނުންވާ ކަމެއް ހާސިލްކުރުމަށް މަސައްކަތްކުރާ މަންޒަރު ކަމަށެވެ.
"ރައީސް މުއިއްޒުގެ އަމަލުތައް ހުންނަވަނީ ބޭނުންވާ ގޮތް ވީމަ ނިމުނީ. ކޮންމެ ފަދަ ގޮތަކަށް، ލަދެއް ހަޔާތެއް ނެތި ކަންކަން ކޮށްލެވުނަސް ކަންވީމަ އެ ނިމުނީ. ހަގީގަތަކީ [އެއީ] ހުދުމުހުތާރު ވެރިއެއް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި މުއިއްޒު ގަބޫލުކުރައްވަނީ ވެރިކަމަކީ ގަދަބާރުން ހިފަހައްޓަންޖެހޭ އެއްޗެއްގެ ގޮތުގަ އެވެ. އަދި ދައުލަތުގެ މުދަލަކީ "މައިބަފައިންގެ ފަރާތުން ލިބިފައިވާ އަމިއްލަ މިލްކިއްޔާތެއް" ގޮތުގައި ދެކެވަޑައިގެން، އަމިއްލަ ޖީބާއި ގާތް މީހުން މުއްސަނދިކުރުމަށް މުއިއްޒު އިސްކަންދޭ ކަމަށް ތުހުމަތު ކުރެއްވި އެވެ.
"[ދެ އިންތިހާބު އެއްކޮށްލަން] އާނކޭ ބުނެފިއްޔާ އަނެއްކާ ވެސް އިތުރު ބާރެއް ރައީސް މުއިއްޒަށް އެ ލިބިވަޑައިގަންނަވަނީ ބޭނުން ގޮތަކަށް ކަންކަން ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
މުއިއްޒު ފަދަ ހުދުމުހުތާރު ވެރިކަންތައް ކުރާ ހިތްވާ ބޭފުޅުން ވެރިކަމުގައި ތިއްބަވާއިރު، ދެ އިންތިހާބު އެއްކޮށްލުން ފަދަ ރައްޔިތުންގެ ބާރުތައް ހަނިވާ އިސްލާހުތައް ގެނައުމަށް އެއްބަސް ވެވެން ނެތް ކަމަށް ވެސް، ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ފައްޔާޒު ވިދާޅުވި އެވެ.
"ރަނގަޅު ވެރިންނާއި ރަނގަޅު ނިޒާމެއް އޮވެ، ކޯޓުތަކަކީ މިނިވަން ކަމާއެކު އޮންނަ ހާލަތެއްގައި އަޅުގަނޑުމެންނަށް ވިސްނިދާނެ އިންތިހާބުތައް އެއްކުރުމަށް،" އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިރާއްޖެ ކަހަލަ ތަނެއްގައި ރައްޔިތުންގެ ހައްގުތައް ބަލައިގަންނަ ސަރުކާރުތަކެއް ސާފުކޮށް ތަޖުރިބާ ކުރެވުމުގެ ކުރިން އެކަހަލަ އެއްވެސް ކަމެއް ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން."
ގާނޫނުއަސާސީއަށް ބަދަލު ގެންނަންވާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އޭގެ ނަތީޖާއާ މެދު ފުންކޮށް ވިސްނުމަށްފަހު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ނަމަވެސް، މިހާރު ފެންނަމުންދަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން، އެއް ދުވަސް ނުވަތަ ދެ ދުވަސް ތެރޭގައި ބޮޑެތި ބަދަލުތައް ނިންމާލަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"މިއީ ވަރަށް ބިރުވެރި ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.
"ރައްޔިތުން މިސާލަކަށް އެއަށް [ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެންނަ ކަމަށް] އާއެކޭ ބުނެފި ނަމަ ރައީސް މުއިއްޒަށް އެ ފެނިވަޑައިގަންނަވަނީ ތިމަންނަ ބޭނުން ގޮތަކަށް ގާނޫނުއަސާސީއަށް ކުޅެވިދާނޭ. އެއީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް."
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން މިހާރު މި އޮންނަ މިންވަރަށް ވެސް ސަރުކާރު ޖަވާބުދާރީކުރުވުމަށް ބަސް ބުނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ފައްޔާޒު ފާހަގަ ކުރެއްވި އެވެ.
މިހާރު އޮންނަ ގޮތަށް މަޖިލީހުގެ އިންތިހާބު ބާއްވާނަމަ ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބޭ ހާލަތުގައި އެކަން އެގޮތަށް ނިންމަނީ ރައްޔިތުންނަށް ރަނގަޅަށް ކަންކަން އެނގިތިބެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"ދެ އިންތިހާބު އެކުގައި ބޭއްވުމުން ރައްޔިތުންނަކަށް ނޭނގޭ ކާކުކަމެއް ވެރިކަމަށް އަންނަނީއެއް، މަޖިލީހަށް މި އަންނަނީ ކޮން ބައެއް ކަމެއް. އެހެންވީމަ ރައްޔިތުން ކަލްކިއުލޭޓުކޮށްފައި ރައްޔިތުންގެ ކަންކަން ރައްކާތެރިކަން ހޯދަން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އެއް ގޮތަކަށް ވެސް ނޭނގޭ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިހާރު މިއޮތް ގޮތް ގޯސް ނަމަ ދެން އެއަށް ވުރެ ގޯސް ގޮތަކަށް ކަންކަން ގެންގޮސް ނުވާނެ އެވެ.
ޕީއެންސީ ފެންނަ ނުފެންނަ ވޯޓަށް ތާއިދު ހޯދަން ދައްކާ އެއް ވާހަކައަކީ އެމްޑީޕީން ވެސް އިންތިހާބުތައް އެއްކޮށްލަން ކުރިން ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީން، އަދި އެމްޑީޕީގެ އެއްވެސް ސަރުކާރަކުން ނިންމާފައި އޮތް ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިހެރެ މީހާ މިހިރެ ކައްޒާބު މިހިރަ ނުބައި ނުލަފާ ޖައްބާރު މީހާ ހުއްޓައި ކިހިނެއްތޯ، ބުއްދި ސަލާމަތުން ހުރި ރައްޔިތުންނަށް ހެޔޮ އެދޭ މީހަކު ބުނާނީ ރައްޔިތުންގެ ބާރެއް އެ މީހާގެ އަތަށް ދޫކޮށްލާނީ،" ފައްޔާޒު ވިދާޅުވި އެވެ.
އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު އެކު ނަގާ ފެންނަ ނުފެންނަ ވޯޓު ގާނޫނާ ހިލާފު ކަމަށް ފައްޔާޒު ގަބޫލު ކުރައްވަ އެވެ. އެކަމުގެ މައިގަނޑު އެއް ސަބަބުގެ ގޮތުގައި ފާހަގަ ކުރެއްވީ ގާނޫނުއަސާސީގައި ވެސް ބަޔާންކޮށްފައިވާ ހޭލުންތެރިކުރުމުގެ މަސައްކަތް ނުކުރުމެވެ.
"ސިއްރު ސިއްރުން މިކަން ކޮށްލަން އުޅުނީ. ރަނގަޅަށް ކެމްޕޭނު ކުރަން ވަގުތު ނުދީ ނިންމި ނިންމުމުން އެކަނި ވެސް ރައްޔިތުން ވިސްނަން އެބަޖެހޭ މަކަރުވެރި ހިޔަޅު ރޭވުމެއް މި ވޯޓާއެކު އޮތްކަމަށް،" ފައްޔާޒު ވިދާޅުވި އެވެ.
މި ބަދަލަކީ އިހުލާސްތެރިކަމާއެކު ގެންނަ ބަދަލެއް ނަމަ އެހެން ބަދަލުތަކުގެ ވާހަކަވެސް ދައްކައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުއިއްޒު ހާސިލު ކުރައްވަން މި އުޅުއްވަނީ ވަކަރަށް ޖަހާލުން. އެއީ އަނިޔާވެރިކަމާއި ނޭއްގާނީ ކަމާއެކު ވެރިކަން ކޮށްފައި ވެސް ގާބިލް ކަމެއް ނެތި ވެރިކަން ކޮށްގެން ވެސް ރައްޔިތުން ރުއްސައިގެން ލާރި ދީގެން ބިރު ދައްކައިގެން ވަޒީފާ ދީގެން ތިމަންނަ ބޭނުން ގޮތަކަށް ގާނޫނުއަސާސީ ކުރުމުގެ ބާރު ތިމަންނަ އަށް އޮތްތޯ ނެއްތޯ ބަލާނީއޭ،" ފައްޔާޒު ވިދާޅުވި އެވެ.
"މިގޮތަށް ފާސްކޮށްފި ނަމަ ގާނޫނުއަސާސީއަށް އިތުރު ބައިވަރު ބަދަލުތައް ގެންނާނެ. އޭގެ ތެރޭގައި ދައުރު ދަންމާލުން ހިމެނޭ،"
ރަނގަޅު ވެރިކަމެއް ކުރުމަށް ފަސް އަހަރުގެ ދައުރެއް ކުޑަކަން އެއީ ޕީއެންސީގެ ވެރިން ދައްކަވަމުން ގެންދަވާ ވާހަކައެއް ކަމަށާއި "އެއީ މަޖަލަށް ދައްކާ ވާހަކައެއް" ނޫން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ އެ ބޭފުޅުން އެގޮތަށް ދައްކާ ވާހަކަތަކަކި އެ ބޭފުޅުންގެ އަމާޒު ހުރި ދިމާކަން. އެ ދިމާއަށް ގެންދަންކަން އެ މަސައްކަތް ކުރައްވަނީ. މިހާރު ހުރިހާ އަމަލުތަކަކުން އަޅުގަނޑުމެންނަށް އެބަ އެނގޭ އެކަން. އެއީ ރައީސް މުއިއްޒު ސައްހަ ވޯޓެއްގައި ބައިވެރިވެވަދައިގަންވައިފިއްޔާ 20، 15 ޕަސެންޓު ވެސް ލިބޭނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
އިހުލާސްތެރިކަން ހުރެގެން ކަންކަން ކުރާނެ ކަމަށް ބެލުން ހުއްޓަން އެބަޖެހޭ ކަމަށާއި ފަނޑިޔާރުންނާއި މަޖިލީހަށް އަދި ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަށް ވެސް ތަފާތު ގޮތަކަށް މާނަ ނުކުރެވޭހާ ތަފުސީލުކޮށް، އަދި ފުންނާބު އުސް ލޯޔަރުންނަކަށް ވެސް ފާޑުފާޑަށް މާނަ ނުކުރެވޭނެ ހާ ތަފުސީލްކޮށް ގާނޫނުއަސާސީގައި ބަޔާންކުރާ ހައްގުތަކާއި ބާރުތަކުގެ ބައި ތަފުސީލުކުރަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ސުޕަ މެޖޯރިޓީ އޮވެގެނޭ ކިޔާފައި މިވަރުގެ ބޮޑު ބަދަލެއް ގާނޫނުއަސާސީއަކަށް ނުގެނެވޭނެ. ރައްޔިތުންނާ ފުރިހަމައަށް މަޝްވަރާކޮށްފައި ނޫނީ،" ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ފައްޔާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ