މިހާ އަވަސްއަވަހަށް ޕޮލިސް ކޮމިޝަނަރު ބަދަލުވުމަކީ ފުލުހުންގެ މުއައްސަސާއަށް އާންމުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީކިިހިނެއް؟ - އެންމެ ފަހުން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން އިއްޔެ ރިޓަޔާކުރެއްވިއިރު، އެ މަގާމުގައި އޭނާ ހުންނެވީ ހަ މަސްދުވަހު އެވެ.
އޭގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ އަލީ ޝުޖާއު އެވެ. އެގޮތުން، 25 ޑިސެމްބަރު 2023ގައި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރި ޝުޖާއު ދެ އަހަރު ނުވަނީސް 26 އޭޕްރީލް 2025ގައި މަގާމުން އިސްތިއުފާ ދެއްވި އެވެ.
ބުނީ ކީކޭ؟ - ހަމީދު އޭނާގެ އަމިއްލަ ބްލޮގްގައި ލިއުއްވާފައިވަނީ އަވަސްއަވަހަށް ލީޑާޝިޕް ބަދަލުވަމުންދާ ނަމަ އޭގެ ސަބަބުން ހިދުމަތުގެ މިސްރާބު އެއް ދިމާލެއްގައި ހިފަހައްޓަން އުނދަގޫވެ، ސިޔާސަތުގެ ތަރުތީބު ވެސް އަވަސްއަވަހަށް ބަދަލުވެގެންދާނެ ކަމަށެވެ.
"ފުލުހުންގެ ހިދުމަތަކީ ދެމެހެއްޓެނިވި މިސްރާބަކަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ހިދުމަތެއް،" ވެރިކަން ބަދަލުވުމުގެ ކުރިން ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރެއްވި ހަމީދު ލިއުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ މީގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ތެރޭގައި ނުތަނަވަސްކަމެއް އުފެދި، ފުލުހުންނަށް ކުރިއެރުން ލިބެނީ ޕްރޮފެޝަނަލް މިންގަނޑެއްގެ ތެރެއިންތޯ ނޫނީ ސިޔާސީ ގުޅުންތަކުގެ ތެރެއިންތޯ ސުވާލު އުފައްދަން ފަށާނެ ކަމަށެވެ.
"މަޑުމަޑުން މި ކަމުގެ އަސަރު އާންމުންގެ އިތުބާރަށް ވެސް ކުރާނެ. އެ މުއައްސަސާ ހިންގަނީ ގައުމީ މަސްލަހަތުގައިތޯ ނުވަތަ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރަންތޯ ރައްޔިތުން ސުވާލު އުފައްދަން ފަށާނެ،" ހަމީދު ލިއުއްވާފައިވެ އެވެ.
ޕޮލިސް ކޮމިޝަނަރު އައްޔަނުކުރުމުގެ ބާރު ޕޮލިސް ބޯޑަކަށް ދީ، އެފަދަ ބަދަލެއް މުއައްސަސާއަށް ގެނައީ ވެސް ސިޔާސީ ނުފޫޒުން ފުލުހުންގެ މުއައްސަސާ ސަލާމަތްކުރަން ވެގެން ކަމަށް ހަމީދު ވިދާޅުވި އެވެ. ނަމަވެސް އެ ބޯޑުން އެ ބާރުތައް އަތުލައި ޕޮލިސް ބޯޑު ބަލިކަށި ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ގެންގުޅެމުންދާ ކަމަށް ހަމީދު ތުހުމަތު ކުރެއްވި އެވެ.
މިހާ އަވަސްއަވަހަށް ކޮމިޝަނަރު ބަދަލުވުމަކީ އާންމުންގެ އިތުބާރު ގެއްލޭނެ ކަމެއް: ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ