ޓްރަމްޕްގެ ވާހަކަފުޅާ ގުޅިގެން ތެލުގެ އަގު ކޮންމެވެސް ވަރަކަށް ދަށްވެއްޖެ
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާއި ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އުފުލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅިގެން ތެލުގެ އަގު 10 ޕަސަންޓް ދަށްވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް އޮއިލްގެ އަގު ރޭ 11:45 އާ ހަމައަށް ގާތްގަނޑަކަށް 4.3 ޕަސެންޓް ދަށަށް ގޮސް، ތެޔޮ ފީފާފާއެއްގެ އަގު ވަނީ 94.62 ޑޮލަރަށް ދަށްވެފައެވެ. އެމެރިކާ ކްރޫޑް އޮއިލްގެ އަގު 3.8 އިންސައްތައަށް ދަށަށް ގޮސް، ފީފާއެއް 91 ޑޮލަރަށް ވަނީ ދަށްވެފައެވެ. ތެޔޮ ފީފާއެއްގެ އަގު އިއްޔެ ވަނީ 119 ޑޮލަރަށް އުުފުލިފައެވެ. އެއީ 2022 ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށިފަހުން ތެލުގެ އަގު އެހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. ތެލުގެ އަގު ދަށްވެފައި ވަނީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތައް ވަރަށް އަވަހަށް ނިމޭނެ ކަމަށާއި ތެލުގެ އަގު ދަށްވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވުމާ ގުޅިގެންނެވެ. ޓްރަމްޕް ވަނީ އީރާނުން ކޮންޓްރޯލުކޮށްފައި އޮތް ހޮރްމުޒް ކަނޑުއޮޅިން ތެޔޮ ދަތުރުކުރުން ހުއްޓުވަން މަސައްކަތްކޮށްފިނަމަ، އީރާނަށް ދޭ ހަމަލާތައް ވިހި ގުނަ އިތުރު ކުރާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. އޮމާނާއި އީރާނާ ދެމެދުގައި އޮންނަ އެ ކަނޑުއޮޅި އަކީ ދުނިޔޭގެ ހަކަތަ މާކެޓްތަކަށް މުހިންމު ޓްރާންސިޓް މަގެވެ. ޑޭޓާ އެނަލައިޒްކުރާ ޕްލެޓްފޯމެއް ކަމަށްވާ ކެޕްލާއިން ބުނާ ގޮތުގައި 2025 ވަނަ އަހަރު ގާތްގަނޑަކަށް 13 މިލިއަން ފީފާގެ ތެޔޮ އެމަގުން އުފުލާފައިވާއިރު، މިއީ ދުނިޔޭގެ ބާޒާރުގެ ތެލުގެ ގާތްގަނޑަކަށް 31 ޕަސަންޓެވެ. އެއީ ސައުދީ އަރަބިއްޔާ، އީރާން، އިރާގު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނޭ ގޮތަށް ގަލްފްގެ ބޮޑެތި އުފެއްދުންތެރި ގައުމުތައް އޮމާން ގަލްފާއި އަރަބި ކަނޑާ ގުޅުވައިދޭ މަގެވެ. ޓްރަމްޕްގެ ވާހަކަފުޅާ ގުޅިގެން ތެލުގެ އަގު މިވަގުތަށް ދަށްވި ނަމަވެސް، އެގޮތަށް ދެމިގެންދާނެ ކަމަށް ނިންމަން އަދި މާ އަވަސް ކަމަށް އެމެރިކާގެ ލިޕޯ އޮއިލް އެސޯސިއޭޓްސްގެ ރައީސް އެންޑީ ލިޕޯ ވިދާޅުވިއެވެ. "ޓްރަމްޕްގެ ވާހަކަފުޅުތަަކަށް އީރާނުން ރައްދު ދޭނެ ގޮތަކާއި ކުރިއަށް އޮތް ވަގުތުތަކުގައި އީރާނުން އެއްވެސް ތެލުގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދޭނެތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭނެ." އޭނާ ވިދާޅުވިއެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއެރުމަށް ލުއި ދިނުމަށް ކުއްލި ތެލުގެ ރިޒާވް ދޫކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ދުނިޔޭގެ އެންމެ މުއްސަނދި ހަތް ގައުމު ކަމަށްވާ، ޖީ7 އިން ވެސް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި އެކަމަށް ވަކި ގޮތެއް ނުނިންމައެވެ. އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ މެދުއިރުމަތީގެ ތެލުގެ އެންމެ މުއްސަނދި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ، ބައެއް އިގްތިސާދީ ސަރަހައްދުތަކަށްވެސް ޑްރޯނާއި މިސައިލް ހަމަލާތައް ދެމުންނެވެ. ހަނގުރާމައިގެ ސަބަބުން ތެޔޮ އުފެއްދުން ބައެއް ގައުމުތަކުން ވަނީ މަދުކޮށްފައެވެ. އެގޮތުން ކުވޭތު ޕެޓްރޯލިއަމް ކޯޕަރޭޝަން (ކޭޕީސީ)އިން ސާފު ނުކުރާ ތެޔޮ އުފެއްދުން މަދުކޮށްފައިވާއިރު، އިރާގާއި ގަތަރުން ވެސް ވަނީ ތެލާއި ގޭސް އުފެއްދުން މަދުކޮށްފައެވެ. މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސައުދީ އަރަބިއްޔާއިން ވެސް ވަރަށް އަވަހަށް އުފެއްދުންތައް މަދުކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ