ދިވެހީންގެ ގައުމީ ހަޔާތުން ފެންނަ އުއްމީދީ ސިފައަކީ، އުނދަގޫ ހާލަތުގައި އިސްކުރާ އެއްބައިވަންތަކަން

ދިވެހީންގެ ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި އެންމެ އުއްމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައިވެސް ދިވެހިން އިސްކުރާ އެއްބައިވަންތަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިޠާބުގައެވެ.
ސުނާމީ ކާރިސާއިން ލިބުނު އިބްރަތްތައް ގިނަގުނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިފަދަ ހާލަތްތަކާ ގުޅިގެން އެއްރަށުން އަނެއްރަށަށް ދިރިއުޅުން ބަދަލުކޮށް، ވަޒަންވެރިވާ ކޮންމެ އާއިލާއަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށްދިނުމުގައި އިޖްތިމާއީ އެތައް ފައިދާތަކެއްވާ ކަމަށެވެ.
އަދި ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގައި ގައުމީ ތަރައްގީގެ ޕްލޭން ރޭވުމުގެ މުހިންމުކަމާއި، ކުއްލި ހާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ޙާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަމުގެ އިތުރުން، ބައިނަލްއަޤްވާމީ މުޖްތަމަޢާ އެކުވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދުމެ ދެމިއޮތުމުގެ ފައިދާ އަކީ މިކަމުން ލިބުނު ޢިބްރަތެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއްބައިވަންތަކަމަކީ ގައުމެއް ކުރިއަރައި ދިޔުމުގެ ބިންގާކަން ފާހަގަކުރައްވައި، ގައުމެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ކުރިއެރުމާއި ތަރައްގީ ހޯދައި އުފާވެރި، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ގައުމެއްގެ ހުރިހާ ފަރުދުންގެ އެއްބައިވަންތަކަން މުހިންމުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ހިތާބު ނިންމަވާލެއްވީ ސުނާމީކާރިސާއަށް ފަހު ދިވެހިން ދިރުވި އެއްބައިވަންތަކަން ހަނދާންކޮށް އެއް ގައުމެއްގެ ގޮތުގައި ގުޅިގެން، ހިތްވަރާއި ހިނިތުންވުމާއެކު އާރާސްތުކުރި ދިރިއުޅުމާއި، އެކުވެރި ކަމުގެ ގަދަފަދަ ގުޅުމާއި ބާރު ހަނދާންކޮށްދެއްވަމުންނެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން ރައީސް މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ ޢަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވުމާއި އެކަކު އަނެކަކަށް ހެޔޮ ފޯރުވުމާއި އިޙްސާންތެރިކަމާއި އަޅައިލުން އިސްކޮށް، ގައުމު ބިނާކުރުމުގައި އަތުގުޅައިލަން ކަމަށެވެ.
ސުނާމީ ކާރިސާ ކުރިމަތިވީ ހިނދުވެސް، އަދި ދިވެހީން ކުރިމަތިލީ މި ނޫން ކޮންމެ އުނދަގޫ ހާލަތެއްގައިވެސް އަޅުގަނޑުމެންގެ ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފަހައްޓަމުންދާ މި ރިވެތި ހުލްގާއި ސުލޫކުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ