މާލޭން ބޭރުގައި ހުޅުވި ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ އައްޑޫގައި ހުޅުވައިފި

އައްޑޫގެ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ސަރުކާރުގެ އައިނު ފިހާރަ ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިދިޔަ މަހުގެ ފަހުކޮޅު ވަނީ، އައްޑޫގައި ގާއިމްކުރި ފުރަތަމަ ކެތަރައިޒޭޝަން ލެބޯރެޓަރީ، ނުވަތަ ކެތު ލެބުގެ ޚިދުމަތް ފަށައިފައެވެ. އެ ތަން ވެސް އައިނު ފިހާރައާ އެކީ ރަސްމީކޮށް ހުޅުވީ މިއަދެވެ. https://sun.mv/217269 ފާހަގަކުރެވޭ ގޮތުގައި މިއީ މާލޭން ބޭރުގައި ގާއިމްކުރި ފުރަތަމަ ކެތު ލެބާއި ސަރުކާރުގެ ފުރަތަމަ އައިނު ފިހާރައެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭގެ ހޮސްޕިޓަލްތަކުގެ ގްރޫޕުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ސަރުކާރުގެ އައިނު ފިހާރައިން މިހާތަނަށް 13،000 އެއްހާ މީހުންނަށް ޚިދުމަތްދީފައިވާ ކަމަށާއި، 12،056 މީހަކަށް އޭގެ ތެރެއިން އައިނު ފޯރުކޮށްދީފައިވާ ކަމަށެވެ. އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ތަނަވަސްކޮށްދީ، ސަރުކާރުން ނަންބަރު އައިނު ހެދުމުގެ ޚިދުމަތް "އެމްސީޖީއެޗް އޮޕްޓިކަލްސް"ގެ ނަމުގައި ފެށީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅެވެ. https://sun.mv/209132 މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރީޖަނަލް ހޮސްޕިޓަލުތަކަށް ސަރުކާރުންދޭ އައިނުގެ ޚިދުމަތް ފުޅާކުރެވޭނެ ކަމަށް ޙަލީމް ވިދާޅުވެފައިވެއެވެ. ސަރުކާރުން އައިނުގެ ޚިދުމަތްދޭން ފެށުމާ ހަމައަށް ރާއްޖޭގައި މި ޚިދުމަތް އަބަދުވެސް ދެމުން އައީ ޕްރައިވެޓް ސެކްޓަރުންނެވެ. އައިނު ހެއްދުމަކީ ބޮޑު ޚަރަދު ހިނގާ ކަމަކަށްވާއިރު، އެ ކަމުގައި އާސަންދައިން އައީ 1،000 ރުފިޔާ ކަވަރުކޮށްދެމުންނެވެ. ނަމަވެސް، މި 1،000 ރުފިޔާ އާސަންދައަށް ކެނޑުމަށްފަހު ވެސް އާންމުންގެ އަތުން އެ ޚިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އޭރު އޮތީ ޝަކުވާ ބޮޑުވެފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ އަަދަދު 2،000 ރުފިޔާއަށް އިތުރު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ