ހިފާފައިވާ ހުޅަނގު އައްސޭރިއާ ގުޅޭ ގޮތުން އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމި އާ ނިންމުންތަކަކީ، އެ ސަރަހައްދު ރަސްމީކޮށް އިޒްރޭލުގެ ދަށަށް ގެނައުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ފަލަސްތީނާއި އަރަބި ގައުމުތަކާއި އިނގިރޭސިވިލާތުގެ އިތުރުން އިޒްރޭލުގެ އިސްތިއުމާރާ ދެކޮޅު ޖަމާއަތްތަކުން ސިފަކޮށްފި އެވެ.
މި ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ހަރުކަށި ފާޑުކިޔުންތަކެއް ވަނީ އިޒްރޭލަށް އަމާޒުވެފަ އެވެ.
އިޒްރޭލުގެ ހަރުކަށި ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އިއުލާންކުރެއްވި މި ފިޔަވަޅުތަކުގެ ސަބަބުން، ބިމާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް ލުއިދީ، ފަލަސްތީނުގެ ބިންތަކަށް ޔަހޫދީ ވަޒަންވެރިންނަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސްވެގެންދާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ހިޔާލު މުޅިން ނައްތާލުމެވެ.
ހުޅަނގު އައްސޭރީގައި އިޒްރޭލުން ބިނާކޮށްފައިވާ ހުރިހާ އާބާދީތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ގައިރު ގާނޫނީ ތަންތަން ކަމަށް މުޅި ދުނިޔެއިން ގަބޫލުކުރެ އެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި، ޔަހޫދީންނަށް ސީދާކޮށް ބިން ވިއްކުން މަނާކޮށްފައި އޮތް އެތައް އަހަރެއްވީ ގަވާއިދު އުވާލުމާއި ބިމާ ބެހޭ ރެކޯޑުތަކުގެ ސިއްރު ހިފެހެއްޓުން ދޫކޮށްލުމުގެ އިތުރުން، ބިން ގަނެވިއްކުމަށް ބޭނުންވާ ހުއްދަތައް ނެގުން އުވާލުން ހިމެނެ އެވެ.
މި ބަދަލުތަކުގެ ސަބަބުން މަކަރާއި ހީލަތުން ބިންތައް ފޭރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމުގެ ބިރު ފަލަސްތީނުން ވަނީ ފާޅުކޮށްފަ އެވެ.
މި ނިންމުންތަކަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ނިންމި ނިންމުންތަކެކެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ، މި ނިންމުންތަކަކީ ނުރައްކާތެރި ނިންމުންތަކެއްގެ ގޮތުގައި ސިފަކުރައްވައި، މިއީ ވަޒަންވެރިން އިތުރުކުރުމާއި ބިންތައް ފޭރިގަތުމާއި ފަލަސްތީނުގެ މުދަލާއި ގެދޮރު ސުންނާފަތިކުރުން ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފެއްތުމަށް ފާޅުގައި ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމަށް އެމެރިކާ އާއި އދ. އިން ވަނުމަށް އޭނާ ގޮވާލެއްވި އެވެ.
އިޒްރޭލުގެ ޖަމިއްޔާއެއް ކަމަށްވާ ޕީސް ނައުން އިންޒާރު ދީފައިވަނީ، މި އަމަލުގެ ސަބަބުން ފަލަސްތީނުގެ އޮތޯރިޓީ ރޫޅިގެން ގޮސް، ބިންތައް ފޭރުމުގެ ބޮޑު ޖަރީމާއަކަށް މަގުފަހިވާނެ ކަމަށެވެ.
އިނގިރޭސިވިލާތުން ވަނީ މި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނުގެ ޖިއޮގްރަފީއަށް ނުވަތަ އާބާދީގެ ނިސްބަތަށް ބަދަލު އަންނާނެ އެއްވެސް ކަމެއް ބަލައިނުގަނެވޭނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން މިސްރު، އުރުދުން، ޔޫއޭއީ، އިންޑޮނޭޝިއާ، ޕާކިސްތާން، ތުރުކީ، ސައުދީ އަރަބިއްޔާ އަދި ގަތަރުގެ ހާރިޖީ ވަޒީރުން ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކުގެ ސަބަބުން ބިންތައް ފޭރުމުގެ މަސައްކަތް އަވަސްވެ، ސަރަހައްދީ ހަމަނުޖެހުން އިތުރަށް ގޯސްވެގެންދާނެ އެވެ.
އދ. އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރަކީ ހުޅަނގު އައްސޭރީގައި އެންމެ ހަލުވިކޮށް ޔަހޫދީ އާބާދީތައް ފުޅާކުރި އަހަރެވެ. މިހާރު ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި 700,000އަށް ވުރެ ގިނަ ޔަހޫދީން ދިރިއުޅެމުންދެ އެވެ.
އިޒްރޭލުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަރުކަށި ފަރާތްތަކުން ވަނީ، ބައިނަލްއަގުވާމީ ފިއްތުންތައް ހުރި ނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅޭ ޔަހޫދީންގެ އަދަދު ދެގުނަ ކުރުމަށް ވައުދުވެފަ އެވެ.
އިޒްރޭލުން ހުޅަނގު އައްސޭރީގައި އާ ފިޔަވަޅުތަކެއް އަޅަނީ އެ ތަނަށް ވެރިވެގަންނަން: ފަލަސްތީނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ