ހުވާކޮށްގެން ހުރެ މިނިސްޓަރަކަށް ދައުލަތުގެ ގޯސް ވާހަކަ މީޑިއާގައި ނުދެއްކޭނެ: އުމަރު

ހުވައެއް ކުރައްވައިގެން ދައުލަތުގެ މިނިސްޓަރު ކަމަށް ވަޑައިގެން ހުންނަވާ ބޭފުޅަކަށް ދައުލަތުގެ ގޯސް ވާހަކަތައް މީޑިއާގައި ނުދެއްކޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ މިނިސްޓަރަކީ ދައުލަތަށް ވަފާތެރިވުމަށް ހުވާކޮށްގެން ހުންނަވާ ބޭފުޅެއް ކަމަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކުން ގޯސްކޮށް ކަމެއް ކޮށްފިނަމަ އެކަމެއް ހައްލުކުރަން މިނިސްޓަރު މަސައްކަތް ކުރައްވާނީ ދައުލަތުގެ އެތެރެއިން ކަމަށެވެ. އުމަރު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲއަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށް މިހާރު އޭނާ ވިދާޅުވެފައިވާއިރު، ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު އެހެން ވިދާޅުނުވީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނާތީއެވެ. އޭނާ ވިދާޅުވީ، ކުރާނެ ދައުވާއެއް ނިންމާނީ ޕްރޮސކިއުޓާ ޖެނެރަލް ކަމަށާއި އެއީ ހޯމް މިނިސްޓަރުމުގެ ބާރުގެ ދަށުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. ގޯސްކޮށް ދައުވާ ކުރުމުން މިނިސްޓަރު ކަމުގައި ހުންނަވައިގެން ރަސްމީކޮށް އެކަން ޕީޖީ އޮފީހުގައި ދަންނަވާފައިވާނެ ކަމަށާއި ލިޔެކިޔުމުން އެކަން ފެންނަން ހުންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، ރައީސް ނަޝީދަށް ދައުވާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވެފައިނުވާނެ ކަމަށެވެ. ވިދާޅުވެފައިވާނީ ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ނުކުރެވޭނެ ކަމަށާއި ކުރެވޭނީ ގާނޫނާ ޚިލާފަށް މީހަކު ހިފެހެއްޓުމުގެ ދައުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ބައެއް ބޭފުޅުންނަށް އަޑު އިވިވަޑައިގެން ކަމަށް ވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވި ކަމަށް،" ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ