ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ސްވިޒަލޭންޑުގެ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުންނެވެ.
މިއީ ދުނިޔޭގެ 34 ޤައުމަކުން، ޞިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލްއަގްވާމީ މުހިއްމު ނިންމުންތަކެއް ނިންމާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި ފަހަރުގެ ބައްދަލުވުމުގައި ރާއްޖެ ވަނީ ވައިސް ޗެއާކަން ކުރުމަށް ހަމަޖެހިފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު ޤައުމުތަކާއި އެހެން މެމްބަރު ޤައުމުތައްވެސް ހިމެނޭހެން މި ބައްދަލުވުން ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 11 ވަނަ ދުވަހަށެވެ.
ހެލްތު މިނިސްޓްރީން ބުނީ 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކްޓިވް ބޯޑުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރާ ޤައުމެއްގެ ގޮތުގައި ރާއްޖެ ބައިވެރިވަމުން ގެންދާނެ ކަމަށެވެ.
މި ބައްދަލުވުމުގައި، މި އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ހަ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ރީޖަނަލް ކޮމިޓީ ބައްދަލުވުންތަކުގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި މި އަހަރުގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާތަކަށް އެގްޒެކަޓިވް މެމްބަރ ޤައުމުތަކުން މަޝްވަރާކޮށް ނިންމުންތައް ނިންމާނެއެވެ.
އޭގެ ތެރޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވަރސަލް ހެލްތު ކަވަރޭޖް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަނޑައަޅާފައިވާ މުހިންމުކަންކަން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކޮށް ނިންމުންތައް ނިންމާނެއެވެ.
މީގެއިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް އެކަމާގުޅޭ ކަންތައްތައް ހުށަހަޅާނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ރާވާފައިވާ ކަމަށާއި، މި ބައްދަލުވުންތަކުގައި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރާނެ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބައްދަލުވުމުގައި ބައިވެރިވުމަށް މިނިސްޓަރު ނާޒިމް ޖެނީވާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ