ލީލޯ އެންޑް ސްޓިޗްގެ ޓްރެއިލާ ބަލައިފިންތަ؟
ޑިޒްނީގެ މަގުބޫލު ކަލްޓް ކްލެސިކް އެނިމޭޝަން ފިލްމެއް ކަމަށްވާ "ލީލޯ އެންޑް ސްޓިޗް"ގެ ލައިވްއެކްޝަންގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފިއެވެ. ޑިޒްނީއިން 2002ގައި ނެރުނު އެނިމޭޓެޑް ފިލްމަށް ބިނާކޮށް ލައިވް އެކްޝަން ފިލްމެއް ތައްޔާރު ކުރަން އުޅޭކަން އިއުލާނު ކޮށްފައިވަނީ 2022ވަނަ އަހަރުއެވެ. އެއަށް ފަހު އަންނަނީ ފިލްމާ ގުޅޭ ތަފާތު މައުލޫމާތު ހިއްސާ ކުރަމުންނެވެ. އެންމެފަހުން ވަނީ ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފައެވެ. ފިލްމުގެ ޓްރެއިލާ އޮރިޖިނަލް ކާޓޫނާ ވަރަށް އެއްގޮތް ކަމަށް ދައްކައެވެ. އަދި ކާޓޫނުގެ ބައެއް މަންޒަރުތައް ވެސް ހުރި ގޮތަށް ފިލްމުން ފެނުނެވެ. ޓްރެއިލާގެ ކުރީން ފިލްމާ ގުޅޭގޮތުން މީހުން ނުރުހުން ފާޅުކޮށްފައިވެއެވެ. ނަމަވެސް ޓްރެއިލާ ފެނުމާއެކު ގިނަ ބަޔަކަށް ވަނީ ފިލްމާމެދު އުއްމީދުތަކެއް އުފެދިފައެވެ. އަދި ގިނަ ބައެއްގެ ލޯބިވެސް އަންނަނީ މި ޓްރެއިލާއަށް ލިބެމުންނެވެ. މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 23ވަނަ ދުވަހުއެވެ. އަލަށް ނެރޭ ފިލްމުގައި ލީލޯގެ ރޯލުން ފެނިގެންދާނީ މައިޔާ ކެލޯހާ ނަމަކަށް ކިޔާ ތުއްތު ކުއްޖެކެވެ. މި ފިލްމަކީ މައިޔާގެ ފުރަތަމަ ފިލްމެވެ. ސްޓިޗްގެ ރޯލަށް އަޑުއެޅުމަށް ހަމަޖެހިފައިވަނީ ހޮލީވުޑްގެ މަޝްހޫރު ޝަޚުސިއްޔަތެއްކަމަށްވާ ޒެކް ގެލިފިއާނާކިސެވެ. ލީލޯ އެންޑް ސްޓިޗްގެ ވާހަކަ ބިނާވެފައި ވަނީ ހަވާއީގައި އުޅޭ ތުއްތު ކުއްޖެއްގެ ދިރިއުޅުމަށެވެ. ހަމައެކަނި ދައްތަ އެއްގެ ބެލުމުގެ ދަށުގައި ހުންނަ ލީލޯގެ ދިރިއުޅުން ބަދަލުވަނީ އޭލިއަން އެއް ލީލޯ އާ ދިމާވާ ހިސާބުންނެވެ. ލީލޯ އެ އޭލިއަންއަށް ސްޓިޗްގެ ނަމުން ނަން ދެއެވެ. ނަމަވެސް ސްޓިޗްގެ ސިއްރުތަކެއް ވެއެވެ. މި ސިއްރުތައް ފިލްމުން ދައްކުވައިދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ