ޢާއިޝަތު ރަފާޙް ޢަލީ
އިމާމް ޙަސަން އަލްބަޞަރީގެ އަރިހަށް އައި ތިން މީހުންގެ ވާހަކަ:
އިމާމް ޙަސަން އަލްބަޞަރީ ރަޙިމަހުﷲގެ އަރިހަށް ތިން މީހަކު އައެވެ. އޭގެ ތެރެއިން:- އެކަކު ބުންޏެވެ: "އަޅުގަނޑަކީ ވަރަށް ފަޤީރު މީހެކެވެ." އަނެއް މީހަކު ބުންޏެވެ: "އަޅުގަނޑު ވަނީ ހަނަފަސްކަމުގެ ތެރޭގައެވެ." ތިންވަނަ މީހަކު ބުންޏެވެ: "އަޅުގަނޑު މިއަންނަނީ ދަރިން ލިބުމަށް މަސައްކަތް ކުރަމުންނެވެ."
މި ތިން މީހުންނަށްވެސް އިމާމް ޙަސަން އަލްބަޞަރީ ދެއްވި ޖަވާބަކީ: "އަސްތަޣްފިރުﷲ ކިޔާށެވެ." (އަސްތަޣްފާރުކުރުން ގިނަކުރާށެވެ!
އިމާމް ޙަސަނުލް ބަޞަރީގެ ދަރިވަރުން އެކަލޭގެފާނާ ސުވާލުކުރުމުން، އެކަލޭގެފާނު ވިދާޅުވީ ނޫޙު ޢަލައިހިއްސަލާމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ބަސްފުޅަށް ރިޢާޔަތްކޮށެވެ. އެއީ ނޫޙް ސޫރަތުގެ 10-12 އާޔަތްތަކެވެ.
فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ﴿١٠﴾ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ﴿١٢﴾
މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10) (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12)"
މި އާޔަތްތަކުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ އިސްތިޣުފާރު ކުރުމުން ލިބޭނެ ދުނިޔަވީ ފައިދާތަކެވެ. އޭގެ ތެރޭގައި:
- ބޯކޮށް ވާރޭ ވެހުން
- މުދަލާއި ދަރިންގެ ގޮތުން އިތުރުވުން
- ބަގީޗާތަކާއި ކޯރުތައް ލިބުން
އިސްތިޣުފާރުގެ މުހިންމުކަން:
އިމާމް ޙަސަން އަލްބަޞަރީ ވިދާޅުވި ގޮތުގައި އިސްތިޣުފާރަކީ މިދުނިޔޭގެ ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑިއެވެ. ނަމަވެސް، މިދުނިޔޭގެ ކަންކަމަށްވުރެ މާ މުހިންމު ކަމަކީ އަޅުގަނޑުމެން ސުވަރުގެއަށް އަނބުރާ ދިއުމުގެ މަގު ހޯދުމެވެ.
އާދަމްގެފާނާއި ޙައްވާގެފާނުގެ ތައުބާ:
އާދަމްގެފާނާއި ޙައްވާގެފާނު ސުވަރުގެއިން ނުކުމެވަޑައިގެންނެވި ހިނދު، އެ ދެ ބޭކަލުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ތައުބާވެ ވަޑައިގަތެވެ. މިކަން އަޢްރާފް ސޫރަތުގެ 23 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ.
قَالَا رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَٰسِرِينَ ﴿٢٣﴾
މާނަ: "އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. (23)"
. އަލް-ފުޟައިލް އިބްނު ޢިޔާޟުގެ މިސާލު:
އަލް-ފުޟައިލް އިބްނު ޢިޔާޟުގެ އަރިހުން ސުވާލުކުރެވުނެވެ. އިންސާނުންގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަމަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެން ﷲގެ ފާފަފުއްސެވުން އެދެން ޖެހޭތޯ ނުވަތަ އެކަލާނގެ ފުރިހަމަކަން ހަނދާންކުރަން ޖެހޭތޯއެވެ؟ ޝައްކެއް ނެތް ގޮތުގައި މި ދެކަމަކީވެސް މުހިންމު ކަންކަމެވެ. ނަމަވެސް އެކަލޭގެފާނު ވިދާޅުވިއެވެ، ތިބާގެ ހެދުމެއްގައި ހަޑިވެފައިވާ ތަނެއް ހުރިކަމަށް ވިސްނާށެވެ. މިސާލަކަށް ހުދު ފޮތިގަނޑެއްގައި އެއްޗެއް އެޅި ހަޑިވެފައިވާނަމަ، އެ ހެދުމާމެދު ތިބާ ޢަމަލުކުރާނީ ކިހިނެއްތޯއެވެ؟ އިސްކަންދޭންވީ އެ ހެދުން ޒީނަތްތެރިކުރުމެއް ނޫނެވެ. އިސްކަންދޭންވީ އެ ހަޑި ނައްތާލުމަށެވެ. އެހެންކަމުން އެކަލޭގެފާނު ވިދާޅުވިއެވެ، ތައުބާވެ ﷲގެ ފާފަފުއްސެވުން އެދުމަކީ ހަޑި ނައްތާލުމެވެ. އެހެނިހެން ޒިކުރުތަކަކީ ހެދުން ޒީނަތްތެރިކުރުމެވެ. އެހެންކަމުން މި ދެކަމަކީވެސް މުހިންމު ކަންކަމެވެ. ނަމަވެސް ތިބާ އަނބުރާ ތިބާގެ އަސްލަށް ދާންޖެހެއެވެ. އަދި ތިބާގެ ހިތުގައިވާ ހަޑި ފިލުވާލުމަށްފަހު ﷲއަށް އަނބުރާ ރުޖޫޢަވާންޖެހެއެވެ.
އިސްތިޣުފާރުގެ މުހިންމުކަން:
އިންސާނާއަކަށް ދުވަހަކުވެސް ﷲގެ ފާފަފުއްސެވުން އެދުމުން އެއްކިބާއެއް ނުވެވޭނެއެވެ. އަބަދުވެސް އިސްތިޣުފާރު ކުރަން ޖެހޭ ސަބަބުތައް ހުރެއެވެ:
- ފާފަކުރަމުން ދިއުން
- ﷲ ދެއްވާފައިވާ ނިޢުމަތްތަކާ އެއްވަރަށް ހެޔޮ ޢަމަލު ނުކުރެވުން
- ނަބިއްޔާ ﷺ އަމިއްލަފުޅަށްވެސް އިސްތިޣްފާރު ކުރެއްވި
އިސްތިޣުފާރުގެ ބާވަތްތައް:
އިމާމު ސުފްޔާން ވިދާޅުވި ގޮތުގައި އިސްތިޣުފާރު ކުރާ މީހުން ދެ ބާވަތަކަށް ބެހިގެންވެއެވެ:
- ރޭގަނޑުގެ އެންމެ ފަހު ބައިގައި ކުޑަ ދުޢާއަކުން އިސްތިޣުފާރު ކުރާ މީހުން
- ރޭގަނޑުގެ ބައެއް ހޭދަކޮށް ނަމާދުކޮށް ނިމުމަށްފަހު އިސްތިޣުފާރު ކުރާ މީހުން
މި ދެބައި މީހުންނަކީވެސް ތަޢުރީފުީފު ލިބިގެންވާ ބައެކެވެ. ނަމަވެސް އެމީހުންގެ އިސްތިޣުފާރުގެ ބާވަތް ތަފާތެވެ:
- ލޯބިވާ މީހުންގެ އިސްތިޣުފާރު
- ފާފަވެރިންގެ އިސްތިޣުފާރު
އިސްތިޣުފާރުގެ މަތިވެރިކަން:
ކޮންމެ މީހަކުވެސް ވަނީ އިސްތިޣުފާރުގެ ޙާލަތެއްގައެވެ:
- ބައެއް މީހުން އިސްތިޣުފާރު ކުރަނީ އެމީހުންގެ ހެޔޮ ޢަމަލުތަކުގައި ހުރި އުނިކަމަށްޓަކައެވެ.
- އަނެއްބައި މީހުން އިސްތިޣުފާރު ކުރަނީ އެމީހުންގެ ފާފަތަކަށްޓަކައެވެ.
ނަމާދަށްފަހު އިސްތިޣުފާރު ކުރުމުގެ މުހިންމުކަން:
ނަމާދު ނިންމުމަށްފަހު އިސްތިޣުފާރު ކުރުމުގެ މުހިންމު ސަބަބުތައް:
- ނަމާދުގެ ބައެއް ގެއްލިފައިވެދާނެތީ
- ވިސްނުން އެހެން ކަމަކަށް އަނބުރާލެވިފައިވެދާނެތީ
- ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް އެކަށީގެންވާ ގޮތުގައި ޝުކުރު އަދާނުކުރެވޭތީ
އިސްތިޣްފާރުކުރުމުގެ އަޖައިބުވެގެންވާ ބާރު: އުމަރު ސުލައިމާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ