ބައިވެރިޔާގެ ކިބައިން ބޭނުންވާ ބައެއް ކަންކަން ތިމާ ބޭނުންވާ ވަރަށް ނުލިބޭނަމަ އެކަން ޙައްލުކުރަން ޢަމަލުކުރަން އޮތް ގޮތް-

ބައިވެރިޔާގެ ކިބައިން ބޭނުންވާ ބައެއް ކަންކަން ތިމާ ބޭނުންވާ ވަރަށް ނުލިބިދާނެއެވެ. އެޙާލަތުގައި އޭނާ ކުށްވެރިކޮށް އޭނާ ދެކެ ފޫހިވުމުގެ ބަދަލުގައި ތިމާއަށް އަދާކުރަންޖެހޭ ދައުރެއްވެސް އޮވެއެވެ.  
އެގޮތުން ތިމާއަށް އުނިވާކަމަށް ޤަބޫލުކުރެވޭ ކަންކަން ބައިވެރިޔާއަށް ފާހަގަކޮށްދޭށެވެ. އަދި އެކަންކަން ރަނގަޅުކުރަން ހިތްވަރުދޭށެވެ. އަދި އެކަންކަން ތިމާ ބޭނުންވާ ގޮތްވެސް ބުނެދޭށެވެ.  
މިއީ ހަމައެކަނި ފިރިހެނުންނަށް ކުރިމަތިވާ ކަމެއްވެސް ނޫނެވެ. އަންހެނުންނަށްވެސް ކުރިމަތިވާ ކަމެކެވެ. މިކަންކަން ގިނަފަހަރު ގުޅިފައި އޮންނަނީ އެމީހަކު އުޅެ ބޮޑުވާ މާޙައުލުގައި ކަންކަން ހުންނަ ގޮތާއިއެވެ. އުޅެ ބޮޑުވި ގޭތެރޭގައި އެކަން އޮންނަ ގޮތަކާއިއެވެ. މައިންބަފައިން އެކަކު އަނެކަކަށް ކަންކަންކުރާ ގޮތާއިއެވެ.  
މިޘާލެއްވެސް ބުނެލާނަމެވެ. މަންމަ ބައްޕައަށް ކާން ހަދައިދެއެވެ. ކާން ފެށުމުން ކައިރީގައި ކޮޅަށް ހުރެއެވެ. ދެން ކޮށްދެނީ ބައްޕަ ބުނާ ކަމެކެވެ. މިޘާލަކަށް މިވެނި އެއްޗެއް ގެނެސްދޭން ބުނުމުން އެއެއްޗެއް ގެނެސްދެނީއެވެ. ދެމީހުންގެ މެދަކު އިތުރު ވާހަކައެއް ނުދައްކައެވެ.  
މިގޮތަށް ކަންކަން ހިނގާ ގެއެއްގައި އުޅެ ބޮޑުވާ ދަރިންނަށް ދަސްވެފައި ހުންނާނީ އެގޮތަށް ކަންތައްކުރާށެވެ! ވީމާ އެފަދަ އަންހެނަކާއި ކައިވެނިކުރެވިއްޖެނަމަ އަދި ތިމާ ބޭނުންވަނީ އެހެން ގޮތަކަށް ޚިދުމަތް ލިބެންނަމަ އެކަންކަން އަނބިމީހާއަށް އަންގައިދޭށެވެ. ބުނެދީ ދަސްކޮށްދޭށެވެ.  
ހަމަ އެގޮތަށް ފިރިންގެ ކިބައިންވެސް މިފަދަ ކަންކަން ފެންނާނެއެވެ. އެހެންކަމަށްވާނަމަ ފިރިންނަށްވެސް ތިމާ ބޭނުންވާ ގޮތް އަންގައިދީ ދަސްކޮށްދޭށެވެ. މިކަންކަން މިގޮތަށް މެދުވެރިވާތީ ބައެއް ތަޖުރިބާކާރުން ކައިވެނީގެ ކުރީގެ ކޮޅަކީ އެނގުމާ އުނގަންނައިދިނުމުގެ ދުވަސްތަކަކަށް ހަދަން އިލްތިމާސްކުރެއެވެ. މިބުނި ފަދަ ކަންކަމާއި ގުޅިގެން ރިވެތި ގޮތުގައި މުޢާމަލާތުކުރެވޭނަމަ ދާދި އަވަހަށް ހުރިހާ ކަމެއްވެސް ޙައްލުކުރެވި އުފަލުގައި ދިރިއުޅެވޭނެއެވެ. އިން ޝާ ﷲ
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ