ހައްޖުވެރިންނަށް ޚާއްސަ އޮފާއަކާއެކު، ދިރާގުން 46 ގައުމަކަށް ރޯމިންގެ ޚާއްސަ ޕެކޭޖުތަކެއް
ދިރާގު ކަސްޓަމަރުންނަށް 46 ގައުމަކުން ރޯމިންގެ ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ. ދިރާޣުން ބުނީ، އެ ރޯމިން ޕެކޭޖުތައް ފަރުމާކޮށްފައިވަނީ އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ޚާއްސަކޮށްގެން އެކި މުއްދަތުތަކަށް ނެގޭނެ ގޮތަށް ކަމަށެވެ. އެ ޚިދުމަތް ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހީން އާންމުކޮށް ދަތުރުކުރާ ގައުމުތައް ކަމަށްވާ އިންޑިޔާ، ސްރީލަންކާ، މެލޭޝިއާ، ތައިލެންޑް، އޮސްޓްރޭލިއާ، ޗައިނާ އަދި ސައުދީ އަރަބިއާ ހިމެނެއެވެ. އެ ޕެކޭޖުތަކުގެ ތެރޭގައި ހައްޖާއި އުމްރާއަށް ސައުދީއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ޚައްސަކޮށްގެން 375 ރުފިޔާއަށް ހަތަރު ޖީބީ ލިބޭ ޕެކޭޖެއް ވެސް ހިމެނެއެވެ. ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ޕެކޭޖުތައް ދިރާގު އެޕް އަދި މައި އެކައުންޓް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ. އެ ޕެކޭޖްތައް ބޭނުން ކުރެވެނީ ޑޭޓާ ރޯމިން އެކްޓިވޭޓްކޮށްފައިވާ ނަންބަރުތަކަށެވެ. އެހެންކަމުން، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިރާގު ކަސްޓަމަރުންނަށް އެ ޒިޔާރަތް ކުރާ ގައުމަކުން ސިމް ހޯދުމުގެ ބަދަލުގައި، މިހާރު ބޭނުންކުރާ ސިމް މެދުވެރިކޮށް ދިރާގުން ރޯމިން ޕެކޭޖެއް އެކްޓިވޭޓްކޮށްގެން ފަސޭހަކަމާއެކު ޑޭޓާ ލިބޭނެއެވެ. ދިރާގުން ވަނީ، އެ ކުންފުނިން އަބަދުވެސް އަންނަނީ ކަސްޓަމަރުންނަށް ތަފާތު ގިނަ ޚިދުމަތްތައް ތައާރަފުކޮށް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުން ކަމަށް ބުނެފައެވެ. މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ފޮނުވަން 1،000 ކޯޓާ ލިބިފައިވާއިރު، ހޯމަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ހައްޖުވެރިން ވަނީ ފުރައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ