އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން ޖަނާހު އައްޔަންކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހު މިއަދު އައްޔަންކޮށްފިއެވެ. ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓަރިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަންކޮށްފައިވާކަން ހާމަކޮށްފައެވެ. އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)އެވެ. އޭނާ ވަނީ މިދިޔަ ޖަނަވަރީ މަހު އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ނޫރުއައިން މަތީ ތައުލީމު ހާސިލުކުރައްވައި، ދިރިއުޅެފައިވަނީ ނިއުޒިލެންޑުގައެވެ. އެގޮތުން އޭނާ ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވަނީ ޔުނިވާސިޓީ އޮފް އޯކްލޭންޑުން ކަމަށްވާއިރު އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވަނީ އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިންނެވެ. މި ސަރުކާރުގައި، މީގެ ކުރިން ނޫރައިން ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންކަން ކުރައްވައިފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޕްރިންސިޕަލް އެޑްވައިޒަރި މުޙައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެންބަރުގައެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިއެވެ. ނޫރައިން އިސްތިއުފާ ދެއްވި ސަބަބު އާންމުކޮށް ހާމަނުކުރައްވާ ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ފެތުރުނެވެ. އެގޮތުން، ނޫރައިން އިސްތިއުފާ ދެއްވި މަހު ބޭއްވި އައިޓީބީ ފެއާގައި ބޭރުގެ ނޫހަކަށް ދެއްވި އިންޓަވިއުއަކަށް ފަހު އާންމުންގެ މެދުގައި ނޫރައިން މަގުބޫލުވިއެވެ. އެއަށް ފަހު މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ ތެރޭގައި ނުތަނަވަސްކަމެއް އޮތް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ. https://sun.mv/192290 އެކަމަކު، އޭރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ އެކަން ދޮގުކުރައްވައިފައެވެ. އޭރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި ފާތިމަތު ތައުފީގު މަގާމުން ވަކިކޮށްފައިވާއިރު، މިދިޔަ ޖަނަވަރީ މަހު ފައިސަލް ވަނީ ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކޮށްފައެވެ. ފައިސަލް ވަކިކުރީ، އޭނާގެ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ރައީސް ޑރ. މުޙައްމަދު މުއިއްޒާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ