އިމިގްރޭޝަނުން ހިނގި އޮޕަރޭޝަނެއްގައި މާލެއިން ގިނަ އަދަދެއްގެ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިދިޔަ ބްރާސްފަތިދުވަހު މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް އިމިގްރޭޝަނުންވަނީ 102 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައެވެ. އިމިގްރޭޝަނުން ބުނީ، ފާސްކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ، ހެންވޭރާއި މާފަންނުގައި ހުންނަ ގެއެއްކަމަށެވެ.
އެގޮތުން ހެންވޭރުގައި ހުރި ގެއިން 7 ބިދޭސީންނާއި މާފަންނުގައި ހުރި ގެއިން 18 ބިދޭސީންނާއިއެކު ޖުމުލަ 25 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. އެމީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ސައްހަ ލިޔެކިޔުން ނެތުމުގެ ސަބަބުންނެވެ.
ނުގަވައިދުން އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަންތަކުގައި ކުރިންދުވަހު ވަނީ ހުޅުމާލެއިންވެސް ބައެއް ތަންތަން ބަލާފާސްކޮށް ނުގަވައިދުން އުޅެމުންދިޔަ ބިދޭސީންގެ ބަޔަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މާލެ ސަރަހައްދުގެ އިތުރުން އިމިގްރޭޝަނުން އަންނަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ނުގަވައިދުން އުޅެމުން އަންނަ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ. މިގޮތުން މި އޮޕަރޭޝަންތަކުގައި މިހާތަނަށް 5،000 ހާހަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓްކޮށްފައެވެ.
ނުގަވައިދުން އުޅެމުންދާ ބިދޭސީންގެ މައްސަލަ ފުރަތަމަ ތިން އަހަރުދުވަހުގެ ތެރޭގައި ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ދާހިލީ ވުޒާރާއިން ވަނީ ބުނެފައެވެ. ރާއްޖޭގައި ނުގަވައިދުން އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ބިދޭސީންގެ ބައޯމެޓްރިކްސް ޑޭޓާތައް ނަގަމުން އަންނައިރު، އެކަމަށް އެއްބާރުލުން ނުދޭ ކުންފުނިތަކުގެ ހިދުމަތްތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދާހިލީ ވުޒާރާއިން ވަނީ ދީފައެވެ.
މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 25 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ