ޑިވެލޮޕްމަންޓް ބޭންކު ހިންގާ ތަނަށް ކުލި ނުދައްކައި ހަ މަސް، ޖުމްލަ ހަތަރު ލައްކައަށްވުރެ ބޮޑު

މި ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ހިންގަން އެލައިޑް ބިލްޑިންގުން ދޫކޮށްފައިވާ ތަނަށް މިހައިތަނަށް އެއްވެސް މަހެއްގެ ކުލި ދައްކާފައިނުވާކަން އެނގިއްޖެއެވެ. އެސްޓީއޯގެ އެލައިޑް ބިލްޑިންގައި ޑީބީއެމް ހިންގާ ގޮތަށް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16ގައެވެ. އެހެން ކަމުން، އެ ތަން ހިންގާތާ މިހާރު ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޑީބީއެމުން މަހު ކުލީގެ ގޮތުގައި އެސްޓީއޯއަށް 75،892 ރުފިޔާ ދައްކަންޖެހެއެވެ. ޑީބީއެމުން މަހު ކުލީގެ ގޮތުގައި އެސްޓީއޯއަށް ދެއްކި ފައިސާއާ ގުޅޭ މައުލޫމާތު ހޯދުމަށް، ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި)އެއް އެމްޑީޕީގެ ގާނޫނީ ވަކީލު އަހްމަދު މައުރޫފު ވަނީ ހުށަހަޅުއްވައިފައެވެ. އެސްޓީއޯއިން ފޮނުވި ޖަވާބުގައި ވަނީ މަހު ކުލީގެ ގޮތުގައި ޑީބީއެމުން ދައްކަންޖެހޭ އެއްވެސް މަހެއްގެ ފައިސާ ލިބިފައިނުވާ ކަމަށެވެ. ހަ މަހަށް ބަލާނަމަ އެއީ 455،352 ރުފިޔާއެވެ. ޑީބީއެމްގެ ޚިދުމަތް ރަސްމީކޮށް ދޭންފެށިފައި ނުވި ނަމަވެސް، އެ ތަނަށް މިދިޔަ މާރިޗު 25ގެ ނިޔަލަށް 6.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެ ބޭންކްގެ ސީއީއޯ ކަމަށް ރާއްޖޭން ބޭރުގެ ތަޖުރިބާކާރެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އައްޔަންކުރެއްވީ އޮގަސްޓް 26 ގައެވެ. އެކަމަކު، މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ ވަނީ އިސްތިއުފާ ދެއްވި ނޯޓިސް މުއްދަތުގެ މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭޕްރީލް ހަތް ވަނަ ދުވަހު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ. ސީއީއޯ އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ މިދިޔަ މަހުގެ 23 ވަނަ ދުވަހު, އެ ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު ޢަލީ، ވެސްވަނީ އިސްތިއުފާ ދެއްވައިފައެވެ. https://sun.mv/206169 ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި ޑިވެލޮޕްމަންޓް ބޭންކްގެ ޚިދުމަތް ނުފެށި ލަސްވާތީ ވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެކަމަކު، އެ ބޭންކްގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކާއި ވިޔަފާރިތަކަށް އެހީވުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސާދު ކުރިއަރަމުން އަންނަކަން ކަށަވަރު ކުރުމުގައި ޑިވެލޮޕްމެންޓް ބޭންކުން މުހިންމު ދައުރެއް އަދާކުރާނެއެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދި ބޭންކެކެވެ. އަދި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރުމަށް އެ ބޭންކުން މަސައްކަތް ކުރާނެއެވެ. ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކުތަކެވެ. އެގޮތުން ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕްމަންޓް ބޭންކުތަކުން ފޯރުކޮށްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ