ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައިވާ މޮންގޯލިއާގެ ބޮޑުވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފި ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައިވާ މޮންގޯލިއާގެ ބޮޑުވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފި

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައިވާ މޮންގޯލިއާގެ ބޮޑުވަޒީރު ލުވްސަންނަމްސްރެއިން އޫޔާން-އެރުދެންގެ އިތުބާރު ނެތް ކަމަށް ފާސްކޮށް އެ މަގާމުން އޭނާ ދުރުކޮށްފި އެވެ.
ޖުމުލަ 126 މެންބަރުން ތިބޭ މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި 82 މެންބަރުން ވޯޓު ދެއްވި އެވެ. އޭގެ ތެރެއިން 44 ބޮޑުވަޒީރާ އެއްކޮޅަށް ވޯޓު ދެއްވިއިރު 38 މެންބަރުން އެމަނިކުފާނާ ދެކޮޅަށް ވޯޓު ދެއްވި އެވެ.
އެ މަގާމުން ބޮޑުވަޒީރު ވަކިވީ މަޖިލީހުގައި ނެގި ވޯޓުގައި 64 ވޯޓު ކަށަވަރު ނުކުރެވުމުންނެވެ. އާ ބޮޑުވަޒީރެއް އައްޔަނު ކުރެވެންދެން ކުރިއަށް އޮތް 30 ދުވަހު އެ މަގާމުގައި އޭނާ ހުންނަވާނެ އެވެ.
ބޮޑުވަޒީރު ލުވްސަންނަމްސްރެއިންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު އަމާޒުވީ އެމަނިކުފާނުގެ ދަރިކަލުންގެ އަގު ބޮޑު އުފަންދުވަހުގެ ޕާޓީއަކާއި އެންގޭޖުމަންޓު ޕާޓީއެއްގެ މައުލޫމާތު ހާމަވުމުންނެވެ. އެ ހުރިހާ ތުހުމަތެއް އެމަނިކުފާނު ވަނީ ދޮގުކުރައްވާފަ އެވެ.
އެ ކަމާ ގުޅިގެން އެ ގައުމުގައި އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ. މި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޒުވާނުން ގޮވާލަމުން ދިޔައީ ބޮޑުވަޒީރު ލުވްސަންނަމްސްރެއިންގެ އިސްތިއުފާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ