ދިވެހި ހައްޖުވެރިން އަރަފާތަށް ދަތުރުފަށައިފި
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީގައި ތިބި ދިވެހި ހައްޖާޖީން އަރަފާތު ބިމަށް ދަތުރު ފަށައިފިއެވެ. ދިވެހި ހައްޖު މިޝަނުން ބުނީ، ދިވެހި ހައްޖުވެރިން އަރަފާތަށް ދިއުމަށް ދަތުރު ފެށީ މިރޭ، ސައުދީ ގަޑިން 21:30ގައި ކަމަށެވެ. އެހެން ނަމަވެސް މޫސުން ލަފާކުރާ ގޮތުގައި މާދަމާ އެ ސަރަހައްދަށް ވަރަށް ހޫނުގަދަ ވާނެއެވެ. ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ޓަކައި ހައްޖާޖީން މާދަމާ ހެދުނު 10:00އިން ހަވީރު 16:00އާ ދޭތެރޭ، އެ ބަޔަކަށް ޚާއްސަ ކުރެވިފައިވާ ޓެންޓުތަކުގައި ތިބުމަށް ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. https://x.com/sunbrk/status/1930297621723394303 ހައްޖު ކޯޕަރޭޝަންގެ މޭނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަކީލް ވިދާޅުވީ މިރޭގެ އިޝާ ނަމާދަށްފަހު މިނާ ތެރެއަށް ބަސްތައް ވަނުމުގެ ހުއްދަ ލިބުމާއެކު ދިވެހި ހައްޖުވެރިން އަރަފާތަށް ދަތުރު ފަށާފައި ވާކަމަށެވެ. "އުންމީދަކީ އަދި މަސައްކަތް ކުރަމުން މިދަނީ މިރޭ ފަތިސް ވުމުގެ ކުރިން ހުރިހާ ހައްޖާޖީން އަރަފާތަށް ވަދެ ނިންމާލެވޭނެކަމަށް،" ޝަކީލް ވިދާޅުވިއެވެ. ދިވެހި ހައްޖުވެރިން އަރަފާތަށް ދަތުރުފެށުން -- ފޮޓޯ/ ހައްޖު މިޝަން ޝަކީލް ވިދާޅުވި ގޮތުގައި އަރަފާތަށް ގޮސް ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ޓެންޓުތައް ވަނީ ތައްޔާރުކޮށް ނިމިފައެވެ. އަދި މިނާއެކޭ އެއްގޮތަށް އަރަފާތުގައި ވެސް ކެއުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މާދަމާއަކީ އަރަފާތު ދުވަހެވެ. އެ ދުވަހު އަރަފާތު ބިމުގައި ތިބުމަކީ ހައްޖު ލިބޭ ސަބަބެވެ. އެ ދުވަހުގެ މެންދުރު ނަމާދަށްފަހު، އިމާމުމީހާ ޚުތުބާ ދެއްވާނެއެވެ. އެއަށްފަހު ހައްޖުވެރީން އެ ދުވަހުގެ މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެއެވެ. އެ ނަމާދުތަކަށްފަހު އަރަފާތުގެ ސަރަހައްދަށް ގޮސް، އިރުއޮއްސެންދެން ހައްޖެވެރިން އެ ތަނުގައި ތިބޭނެއެވެ. އެ ވަގުތު އެ މީހުން ހޭދަކުރާނީ ދުއާކުރުމާއި އިސްތިޣުފާރު ކުރުމާއި ޒިކުރު ކުރުމުގައެވެ. އެ ގޮތުން ޚުޝޫޢަތްތެރިކަމާއެކު ﷲ ތައާލާއަށް ކުރިމަތިލައިގެންހުރެ، އަމިއްލަ ނަފުސަށާއި، އަހުލުންނާއި މުސްލިމުން އަޚުންނަށް ހެޔޮ ދުއާ ކުރާނެއެވެ. ޙައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމުތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް މި އަހަރު ވަނީ ލިބިފައެވެ. އެގޮތުން، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވިއިރު އެކަމުގެ ހިތްހަމަޖެހުން ހައްޖުވެރިން ފާހަގަކުރާ ކަމަށް ޙައްޖު މިޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ