ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ހަތްވަނަ ބަޔާ ގުޅޭ
"ހެލޯ ކަޒިން ޑިއަރެސްޓް. ސަޕް ދެއަރ؟ އެބަ ކުރިއަށްދޭތަ؟" މައިރާއަށް އެއްޗެކޭ ނުބުނެވެނީސް ނަދާލް އަހައިލި އެވެ.
"އަހަރެން ބުނީމެއްނު މިދުވަސްކޮޅު ޒެފަން ބޭރުގަ ހުރީމަ ކަމެއް ނުވެގެނޭ މި އުޅެނީ. މި ހަފްތާގަ ޑިއުޓީއަށް ނުކުމެފަ ފޮޓޯއެއް ފޮނުވާނަމޯ ބުނީ" މައިރާ ބުންޏެވެ. "ތިއެއްނޫނޭ.. މިއަދު މިއައީ މަސްދަތުރެއް ގޮސްފައެއްނު. އެނގޭތަ އެންމެ ބޮޑުމަސް ބޭނީ އަހަރެންނޭ" މައިރާ ކިޔައިދިނެވެ. މަސްދަތުރު ނިންމާފައި އައިއްސުރެން މައިރާއަށް އެ ބޭނުނު މަހުގެ ވާހަކަ ހުއްޓައިނުލަ އެވެ. އާޒިމާއާއި ރޫމީގާތުވެސް ފަށަފަށައިގެން އެވާހަކަ ދައްކަމުން ދިޔަގޮތުން އިވާންވެސް ހުރީ ބޮލަށް އުނދަގޫވެފަ އެވެ.
"އަހަރެން މިހާރު ފޫހިވެފަ ހުރިވަރުން ފޮށްޓަށް އެއްޗެހި އަޅައިގެން މާލެ ދާންވެސް އުޅެފިން. އެވަރުންވެސް މައި ތި އުޅެނީ ސަކަރާތް ޖެހޭތޯ ދޯ" ނަދާލް ހިތްހަމަނުޖެހުނެވެ.
"ހޫން. އަދި ނޯންނާނެ މީނަގާތު ވާހަކައެއް ބުނެވެންވެސް. އަހަރެން އެމީހަކު ހޯދުން ހުއްޓާލައިގެން ހުރީކީ ނޫނޭ. މިހާރުވެސް އަހަރެންނަށް ވަރަށް ޝައްކުވާ މީހަކު ފެނިއްޖެ" މައިރާގެ ޖަވާބުއިވި ނަދާލްގެ ބުމަ ގޮށްޖެހުނެވެ.
"ޝައްކުވާ މީހެކޭ. ކާކު؟" ނަދާލް އަހައިލި އެވެ.
"އާސިމް އޭނައަށް ކިޔަނީ. މަލްއަށް ދިމާވިކަހަލަ އެތައް ކަމެއް އެކި ކުދިންނަށް ކުރުމުގެ ހިސްޓްރީ އޮންނަ މީހެއް އޭނައަކީ. އަހަރެން ޔަގީންކޮށްފިން މިހާރު އޭނަ އެދުވަސްކޮޅުހުރީ މާލޭގަކަންވެސް." މައިރާ އިތުރަށް ކިޔައިދިނެވެ.
"ނަސީބެއްތާ ތިމީހަކު އަވަހަށް ފެނުނުކަންވެސް. ދެން މި ފޫހިކަމުގަވެސް ދުވަސްކޮޅެއްނު ހޭދަކޮށްލަން ޖެހޭނީ" ނަދާލް ބުންޏެވެ.
"އައްދޭ! އެކަމަކު ރޭގަ ދޯ އަހަރެންނަށް ގުޅާފަބުނީ ތިކޮޅު އެހާ ފޫއްސެއް ނޫނޭ" މައިރާ ހަނދާންކޮށްދިނެވެ.
"ހްމްމް ދެން މި ދެތިންދުވަސް އެހާ ފޫއްސެއް ނޫނޭ. ރީތި މަންޖެއަކާ ދިމާވެގެން މިއުޅެ—"
"ސާބަހޭ ނެޑް" ނަދާލްގެ ވާހަކަ ނުނިމެނީސް މައިރާ ހަޅޭއްލަވައިގަތެވެ. އޭނާ ދޫކޮށްލި ފުން ނޭވާގެ އަޑު ފޯނުގެ އަނެއްފަރާތުގައިހުރެ ނަދާލްއަށް އިވޭނެކަން ގައިމެވެ. "އަނެއްކާ؟ ނެޑް ތިކަންތައް ހުއްޓަންވީނު…ބޮޑުބޭބެއަށް އެނގުނަސް ވަރަށް ހިތްހަމަނުޖެހޭނެ.. ކޮބާ އެ ބަދުނަސީބު ކުއްޖަކީ؟"
"ލޫނާ ކިޔަނީ. އޭ ބާއްވަނީ އެނގޭ. މިރޭ ލޫނާއާ އެއްކޮށް ބޭރަށް ގޮސްފަ އައިސް މިހާރު ނިދަން މިއުޅެނީ. ދެން ވާހަކަ އޮޅުވާނުލާ މައި ތިކަންތައް އަވަސްކުރޭ. އަހަރެންނަކަށް މިކޮޅުގަ މާ ގިނަދުވަހަކު ނުހުރެވޭނެ. ބައްޕަވެސް ވަރަށް ސުވާލު ގިނަކުރޭ އެބަ އަހަރުމެން މި ދަނޑިވަޅުގަ މާލެއިން ބޭރުގަ އުޅޭތީ" ނަދާލް ފޯނު ކަނޑައިލުމުގެ ކުރިން ބުންޏެވެ.
ފޯނުކޯލު ނިންމައިލުމަށްފަހު މައިރާއަށް ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުރެވުނެވެ. ބޯވާރޭގެ ތިކިތަކަށް މަރުހަބާ ކިޔަމުންދިޔަ ބެލްކަނީގެ ހިތްގައިމުކަން މައިރާއަށް ގޮވަމުންދިޔައީ ދަގަތްފާނަށް ދަގަނޑުދަމާ އުސޫލުންނެވެ. ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު މައިރާ ހިޔާލެއް ފިކުރެއްނެތި ބެލްކަންޏަށް ނުކުތެވެ. އެއާއެކު ވާރެއިން މައިރާ ތެންމާލާކަށް ކުޑަ ހިނދުކޮޅެއްވެސް ނުނެގި އެވެ. ދެއަތް ފުޅާކޮށްލުމަށްފަހު އިސް އުފުލާލައި އުޑުމައްޗަށް ބަލައިލިއިރު އެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. މުޅިން އަމިއްލަ ދުނިޔެއެއްގައިހުރެ ވާރޭގެ ތެރޭގައި އެނބުރިލި ވަގުތު ކައިރިން މީހަކު ކަރުކެހިލިހެން ހީވެ މައިރާއަށް ލޯ ހުޅުވައިލެވުނެވެ. ފެނުނީ ޖެހިގެން ހުރި ކޮޓަރީގެ ބެލްކަންޏަށް އިވާން ނުކުމެ ހުރިތަނެވެ. އޭނާ ހުރީ ކުޑައެއް ހިފައިގެންކަމުން ވާރޭގެ މާބޮޑު އަސަރެއް އޭނާއަކަށް ނުކުރެ އެވެ.
"ކޮން އިރަކުން ނިދަނީ؟ މިހާރު މާ ދަން ވެއްޖެއެއްނު. ގޯ އިންސައިޑް" އާދައިގެ މަތިން އަމުރެކެވެ. މައިރާ ފޫހިވެފައި ތުން އަނބުރައިލަމުން އިވާންއަށް ފުރަގަސްދިނެވެ. މިއަދު ކީ ހުރިހާ އެއްޗެއް އިވާންގެ އެއް ކަންފަތުން ވަދެ އަނެއް ކަންފަތުން ނުކުމެގެން ދިޔައީތާ އެވެ. އޭނާ ކުރާ ހުރިހާ ކަމަކާ އަދިވެސް އެބަ ބެހެއެވެ.
"މައީ…" އިވާންގެ އަޑުގައި މިފަހަރު އަމުރުވެރިކަމެއް ނެތެވެ. އެހެންވެ މައިރާއަށްވެސް ފަސްއެނބުރި އިވާންއަށް ބަލައިލެވުނެވެ. "ފިނިރެއެއްނު. ރޯގާ ޖެހިދާނެ. ދެން އަވަހަށް އެތެރެއަށް ވަދޭ" އެ އަޑުގައިހުރި އޯގާތެރިކަމާއި މަޑުމައިތިރިކަން އިވި މައިރާވެސް މިފަހަރު ޖަދަލު ކުރުމަކާނުލައި އިވާންގެ ބަސްއެހުމަށް ނިންމި އެވެ.
"އިރުކޮޅަކުން ވަންނާނަން. އައި ޕްރޮމިސް. ޖަސްޓް ވަން މޯ މިނަޓް" މައިރާ ބުންޏެވެ. އިވާން އެންމެ ރަނގަޅޭބުނެ ކޮޓަރިއަށްވަދެ ދޮރު ލެއްޕި އެވެ. ލައިގެންހުރި ގަމީސް ބާލައި ކޮނޑެއްގައި އަޅުވާފައި އެނދުގައި އޮށޯތެވެ. ލޯ މަރައިލިހިނދު އޭނާއަށް ސިފަވީ ވާރޭގެ ތެރޭގައި އެނބުރިލި މައިރާގެ ސޫރަ އެވެ. ނޭނގިހުއްޓައި އިވާންގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ. އެކަން އިހުސާސްވުމާއެކު އެހިނިތުންވުން މޫނުމަތިން ފިލައިދާކަށް ސިކުންތެއްވެސް ނުނެގި އެވެ. މައިރާގެ ހިޔާލުން އޭނާއަށް ހިނިތުންވެވުނީތީ ހައިރާންވި އެވެ. ބިރުވެރި ހުވަފެނެއް ފެނުނު ފަދައިން ދެލޯ ހުޅުވައިލަމުން އެނދުގައި އިށީންއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ބެލްކަންޏަށް ނުކުމެވެންހުރި ދޮރާ ދިމާލަށެވެ. ހިތް އެދެމުން ދިޔައީ އަދިވެސް އެއްފަހަރު ބޭރަށް ނުކުމެލައި މައިރާއަށް ބަލައިލުމަށެވެ. ނަމަވެސް ސިކުނޑި ގޮވަމުންދިޔައީ ހެނދުނު ޑިއުޓީއަށްދާން ހޭލަން ޖެހޭނެތީ ނިދަން އޮށޯތުމަށެވެ.
"އެއްފަހަރު ބަލާލަންވީ ކަންނޭނގެ އެތެރެއަށް ވަތްތޯ. އަހަރެން ބުނީމަ ޖެއްސުމަށް އަދިވެސް ބޭރުގަ ހުރެދާނެ. ހުވާ މިބުނީ ހާދަ ބޯހަރު މަންޖެއެކޭ" ހިތާއި ސިކުނޑީގެ ހަނގުރާމައެއްގައި ފަސްވަރަކަށް މިނަޓު ހޭދަކުރުމަށްފަހު އެންމެފަހުން އިވާން ގޮތް ނިންމި އެވެ. ލަސްލަހުން ގޮސް ބެލްކަންޏަށް ނުކުމެވެންހުރި ބިއްލޫރި ދޮރުގެ ފޮތިގަނޑު ކަހާލައި ބެލިއިރަކު މައިރާ ފެންނާކަށް ނެތެވެ. އިވާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނަސް އޭނާގެ ނަފްސަށް ގޮތްނޭނގޭ މާޔޫސްކަމެއްވެސް ވެރިވިއެވެ. އަލުންގޮސް އެނދުގައި އޮށޯތްއިރު އެރޭގެ ނިންޖަކީ އޭނާއަށް ކިހާ ވޭންހުރި ނިންޖަކަށް ވާނެކަމެއް އިވާންއަކަށް ނޭނގެ އެވެ.
----------
ރަތުރަން ކުލައިން ޖަރީވެފައިވާ އުދަރެހުގެ ނިވަލަށް އިރު ފަރުދާވަމުންދިޔަ ވަގުތެވެ. ތެޔޮފާން ލައިފައިވާ ކަނޑުގެ ލޮނުގަނޑުގައި ބީހެމުންދިޔަ ދޯދީގެ ރިވެލިން ރަން ތަރިތަކުގެ ސާލެއް އެ ލޮނުގަނޑުގައި ފަތުރައިލެވިފައިވާ ފަދަ އެވެ. އިރުއިރުކޮޅާ އެ ލޮނުގަނޑުގެ އެންމެ މަތީ ފަށަލައަށް ތިލަވާ ކޯމަސްތަކުން އެ މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވަ އެވެ. މަހަލްދީބް އައިލެންޑް ރިސޯޓުގެ ޑައިވް ދޯންޏެއްގައި އިން އައިލީން އިނީ އެ ރީތި މަންޒަރުފެނި އާޝޯހުވެފަ އެވެ. ރަށުގައި ގޮނޑުދޮށަށް ނުކުމެ އިރުއޮއްސޭ މަންޒަރު ބަލައި އުޅުނު ނަމަވެސް ކަނޑުމައްޗަށް ނުކުމެ އެ މަންޒަރު ބަލައިލުން މާބޮޑަށްވެސް ތަފާތުކަން އައިލީންއަށް އެނގުނެވެ. ހިނިތުންވެފައި އިނދެ އައިލީން ފޯނު ނަގައި އެ މަންޒަރުގެ ރީތި ވީޑިޔޯއެއް ނެގިއިރު އޭނާއާ މާ ދުރުނޫން ހިސާބެއްގައި އިށީނދެލައިގެން އިން ނަދާލްވެސް އިނީ ފޯނު ނަގައިގެނެވެ. ނަމަވެސް އުދަރެހުން ފެންނަމުންދިޔަ ރީތި މަންޒަރުގެ ބަދަލުގައި ނަދާލްގެ ފޯނުގެ ލެންސް އަމާޒުކުރެވިފައިވަނީ އެ މަންޒަރަށް ގެއްލިފައި އިން އައިލީންއާ ދިމާލަށެވެ. އައިލީން އެދިމާލަށް މޫނު އަނބުރައިލުމާއެކު ކަމެއް ނުވާކަމަށް ހެދެމުން އަވަސްއަވަހަށް އުދަރެހާ ދިމާލަށް ފޯނު އަނބުރައިލި އެވެ. ދުއްވަމުން ދިޔަ ދޯނީގެ ތެރޭގައި އުނދަގުލާއެކު ހިނގާލާފައިގޮސް އައިލީން ނަދާލްގެ ގާތުގައި އިށީނދެލުމުން ނަދާލް ހިނިތުންވެލި އެވެ.
"ތެންކްޔޫ ނަދާލް. ތެންކްޔޫ ސޯ މަޗް" އައިލީން އެހެން ބުނިއިރު ނަދާލްއަށް ބަލައިލެވުނީ އޭނާގެ ހަށިގަނޑުގައި ވަށައިލެވިފައިވާ އައިލީންގެ ދެ އަތަށެވެ. ފަޅި ސިކުންތަކަށްފަހު އައިލީން މާބޮޑު ފިކުރަކާނުލައި އޭނާގެ ގައިން އަތް ދުރުކޮށްލުމުން އައިލީންގެ އެހެން ކަންތައްކުރީ ހަމައެކަނި ޝުކުރުވެރިކަމުގެ މާނައިގައި ކަން ނަދާލްއަށް އެނގުނެވެ.
"ކޮންކަމަކާ؟ ލޫނާ ޝުކުރު އަދާކުރަން ޖެހޭވަރު ކަމެއް އަހަރެންނަށް ކޮށްދެވިއްޖެތަ؟" ކުރެވުނު ބީރައްޓެހި އިޚުސާސުން އުނދަގޫވެފައި އިނދެ ނަދާލް އަހައިލި އެވެ. އައިލީންގެ ފަރާތުން ފެނުނު އެފަދަ އާދައިގެ އަމަލަކުންވެސް ނަދާލްގެ ހިތުވިންދަށް ބަދަލު ގެނުވައިފި އެވެ.
"ހްމްމް.އަހަރެންގެ ލައިފްގަ ދުވަހަކުވެސް މިކަހަލަ އުފާވެރި ކަންކަމެއް ތަޖުރިބާއެއް ނުކުރަން. މި މިނިވަންކަން މީގެ ކުރިން ދުވަހަކުވެސް އިހުސާސެއް ނުކުރެވޭ.. ސޯ އޯލް އޮފް ދިސް މީންސް އަ ލޮޓް ޓު މީ" އައިލީން ބުންޏެވެ.
"އަހަރެން އަހަން ބޭނުމީ އެންމެ ސުވާލެއް.. ލޫނާ ހެޕީތަ؟" ނަދާލްގެ ސުވާލަށް އައިލީން ބޯ ޖަހައިލި އެވެ. "ދެން ދެޓްސް އޯލް ދެޓް މެޓަރޒް" އައިލީންގެ ކޮނޑުމަތިން އެއްއަތް ވަށާލައި ގަޔާ ގާތްކޮށްލަމުން ނަދާލް އުދަރެހަށް ބަލައިލި އެވެ. އައިލީންއަށްވެސް މިފަހަރުވީ ހަމަ މީގެ އިރުކޮޅެއް ކުރިން ނަދާލްއަށް ވީކަހަލަ ގޮތެކެވެ. ސިހިފައި އެއްފަހަރު ނަދާލްގެ އަތަށް އަނެއްފަހަރު ނަދާލްގެ މޫނަށް ބަލައިލެވުނެވެ. އަވިއައިނުން އެ ތޫނު ދެލޯ ނިވާކޮށްލެވިފައި ވީ ނަމަވެސް އިރުގެ ރަންދޯދި އެ މޫނުގައި ބޮސްދެމުންދިޔައީ ހިތްގައިމު ގޮތަކަށެވެ. ނަދާލްގެ ފުން މާމުއިކުލައިގެ ދެލޯ އެ ދޯދީގެ ވިދުވަރަށް ކަޝްފުކޮށްލައިފިނަމަ ކިހާ ހިތްގައިމުވާނެހޭ އައިލީންގެ ހިތަށްއެރި އެވެ. ބޭއިޚްތިޔާރުގައި ނަދާލްގެ އަވިއައިނު އެ ދެލޮލާއި ވަކިކޮށްލެވުނެވެ. އެކަމާމެދު ސުވާލު އުފެދިފައި އިނދެ ނަދާލް އައިލީންއަށް ބަލައިލިހިނދު އައިލީންގެ ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. ރަން ދޯދީގެ އަލި ނަދާލްގެ ދެލޮލަށް އެޅިފައިވަނީ އޭނާ ހީކުރި ވަރަށްވުރެވެސް މާ ފުރިހަމަކޮށެވެ.
"މާޝާ ﷲ. ޑިޑް އެނީވަން އެވަރ ޓެލް ޔޫ ހައު ބިއުޓިފުލް ދޯސް އައިޒް އާރ؟” އައިލީންގެ ތައުރީފު އިވި ނަދާލް ރަކިގޮތަކަށް ހިނިތުންވެލި އެވެ.
"އަހަހަ. ޔޫ ފްލެޓަރ މީ ލޫނާ.. ދެން ގެނޭ ތި އައިނު.." އައިލީންގެ އަތުން އައިނު އަތުލުމަށްފަހު ނަދާލް އަނެއްކާވެސް ދެލޯ ފޮރުވައިލި އެވެ.
"ނޫން. ހަމަ ތެދެއް މި ބުނީ.. އިޓްސް ދަ މޯސްޓް ބިއުޓިފުލް ޕެއަރ އޮފް އައިޒް އައި ހޭވް އެވަރ ސީން.. އަހަރެންނަށް އަބަދުވެސް ރީތި ހޭޒަލް އައިޒް.. ބަޓް ޔުއަރޒް އިޒް އަ ޕާފެކްޓް މިކްސް އޮފް އެކުއާ އެންޑް އެމްބަރ.. އިޓްސް މައި ފޭވްރިޓް ޕާޓް އޮފް ޔޫ" އައިލީންގެ ވާހަކައަށް މިފަހަރު ނަދާލް ރައްދެއް ނުދިނެވެ. ނުވަތަ ރައްދެއް ދޭނެ ގޮތެއް ނޭނގުނީ އެވެ. އެތަށް އަންހެންކުއްޖެއްގެ ދުލުން އޭނާއަށް ތައުރީފުގެ ލަފްޒުތައް އިވިފައިވި ނަމަވެސް ކުރިން އެ ލަފްޒުތަކުން ނުކުރެވޭ އަސަރެއް މިއަދު ކުރުވައިފި އެވެ. މާބޮޑަށް ލަދުގަންނަހެން ހީވާން ފެށުމުން އޭނާ ކޮލުގައި ދަތް އަޅައިލަމުން އައިލީންއާ ދުރަށް މޫނު އަނބުރައިލި އެވެ. އިސާހިތަކު އައިލީންއަށްވެސް ހިނިތުންވެލަމުން ނަދާލްގެ ކޮނޑުގައި ބޯ އަޅައިލެވުނެވެ.
--------
ކަރުހިކިގެން ނިދިން ހޭލެވުނު މައިރާ ދެބަދޭތެރޭގައި އޮވެ އެނދުގެ އަރިމަތީގައިހުރި މޭޒުމަތީގައި އަތް ހިންގައިލީ ފެންފުޅި އަތު ޖެހޭތޯ އެވެ. އެކަން ކާމިޔާބުވުމުން ބާލީހުން ބޯ ހިއްލައިލައި ބަލައިލިއިރު އަތުގައި އޮތީ ހުސް ފެންފުޅިއެކެވެ. ޗުސްޖަހައިލަމުން މައިރާ ދެން ބަލައިލީ ފޯނުގައިވާ ގަޑިއަށެވެ. އަދި ކިރިޔާ މެންދަމު ބާރަޖެހީ އެވެ. ރޭގެ ބާކީބައި ފެން ނުބޮއެ ހުރެވޭނީ ކިހިނެއްހެއްޔެވެ؟
މައިރާ ލަސްފިޔަވަޅުތަކެއްގައި ކޮޓަރިން ނުކުމެ ސިޑިން ތިރިއަށް މިސްރާބުޖެހި އެވެ. އެވަގުތު ކުއްލިއަކަށް ސިޑި ކައިރިން ދޮރެއް ލެއްޕުނުކަހަލަ އަޑެއްއިވި މައިރާގެ ނިދިވެސް ފިލައިދިޔަ އެވެ. ކޮންމެވެސް މީހަކު ހޭލައި އުޅެނީކަމުގައި ނިންމައި ސިޑިން ފައިބަނިކޮށް ސިޑި ކައިރިން އެމީހަކު ހުރަސްކޮށްލިތަން ފެނުނެވެ. އެމީހަކު ނުކުތީ ސިޑީގެ ދަށަށް ވާގޮތަށް ހުންނަ ކޮޓަރިއަކުންނެވެ. އަދި ގޮސްވަނީ އާޒިމާއާއި ރޫމީ ނިދާ ކޮޓަރިއަށެވެ. ހިނގުމުގައި ހުރި އަވަސްކަމުން މައިރާއަށް އެއީ އާޒިމާ ނޫންކަން ޔަގީން ކުރެވުނެވެ. ދެން އެ ވާނީ ރޫމީއަށްތާ އެވެ. ޔަގީންކުރެވުނެވެ.
މައިރާ ސިޑިން ފޭބުމަށްފަހު ސިޑީގެ ދަށަށް ވާގޮތަށްހުރި ކޮޓަރީގެ ދޮރު ކައިރިއަށް މަޑުކޮށްލިއެވެ. ދޮރުހުރީ ތަޅުލައިފަ އެވެ. ގައިމުވެސް އެއީ މީހަކު އުޅޭ ކޮޓަރިއެއް ނޫންކަން މައިރާއަށް ޔަގީންކުރެވެ އެވެ. އެ ވާނީ ގުދަނެއްކަހަލަ ތަނަކަށް ކަމަށް ވިސްނަމުން މައިރާގޮސް ބަދިގެއިން ފުޅިއަށް ފެންއަޅައިގެން އައިސް ކޮޓަރިއަށްވަނެވެ. ނިދި ފިލާފައި ހުރުމުން އިރުކޮޅަކަށް ކޮޓަރީގެ ބެލްކަންޏަށް ނުކުތެވެ. މާހައުލުގެ ހިމޭންކަމުން ހަމަޖެހުން ހޯދަމުންދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ޖެހިގެން ހުރި ގޭގެ ފޭރުގަހުން އެ ގޭގެ އިންފާރު ތެރެއަށްވި ބައިގައި އޮތް ފޭރެކެވެ. ވަގުތުން މައިރާގެ ކުޅުދިޔާވި އެވެ.
ޝާވިންމެނާއެކު ކޮފީއެއްގައި އިނުމަށްފަހު އިވާން ގެއަށް އައިއިރު އާދައިގެމަތިން މުޅި ގޭތެރެ އޮތީ ނިވާލައިފަ އެވެ. ގޯތިތެރޭގައި ދިއްލާފައިވާ އަލިމަޑު ބޮތްކެއް ފިޔަވަ އެވެ. އެ އަނދިރިކަމަށް ލޯ ހޭނިފައިވާ މީހަކު ފަދައިން އޭނާގޮސް ގޭގެ ސިޓިންގްރޫމަށް ވަނުމަށް ހިނގައިގަތް ވަގުތު ގޯތިތެރޭގައި ހަދާފައިވާ ގަރާޖާ ދިމާލުން އަޑުބަޑުތަކެއް އިވެންފެށި އެވެ. އެއީ ދޫންޏެއް ނުވަތަ ބުޅަލެއްގެ ކަމެއް ކަމަށް ވިސްނައި އޭނާ ގީބުން ނެގި ތަޅުދަނޑި ދޮރުގެ ތަޅަށް ހަރައިލިއެވެ. ތަޅުދަނޑި އަނބުރައިލުމާއެކު އަނެއްކާވެސް ގަރާޖުގެ ޓިނުގަނޑުން އަޑުބަޑު ކިޔާލައިފި އެވެ. އިވާންއަށް ސިޓިންގްރޫމްގެ ދޮރުން އެތެރެއަށް އެޅި ފިޔަވަޅު ބޭރަށް އަޅަން މަޖުބޫރުވި އެވެ. ކަންބޮޑުވީ ގަރާޖަށް ވަގެއް ވަނީ ކަމުގައި ހީވުމުންނެވެ. އޭނާގެ ގެއިން ވައްކަންކުރަން ކެރޭ މީހަކަށް އެ ރަށުގައި އުޅެނީ ކާކުބާ އެވެ؟
ސިއްރު ފިޔަވަޅުތަކެއްގައިގޮސް އިވާން އެ ގަރާޖުގެ ކައިރިއަށް ހުއްޓިލި އެވެ. އަދި ފޯނުބައްތީގެ އެހީގައި އެދިމާ ހޯދަންފެށި އެވެ. ހުދު ހެދުމެއްގައި ގަރާޖުގެ ފުރާޅު މައްޗަށް އަރައިހުރި އަންހެންކުއްޖަކު ހަރަކާތް ކޮށްލިތަން ފެނި އިވާންއަށް ސިހިފައި ދެތިން ފިޔަވަޅު ފަހަތަށް އަޅައިލެވުނުއިރު އޭނާގެ އަތުގައި އޮތް ފޯނުވެސް ބިންމައްޗަށް ވެއްޓުނެވެ. ވަގުތާއި ހާލަތުގެ ގޮތުން ހިސާބެއްގެ ބިރުވެރިކަމެއް ހިތަށް ވެރިވި އެވެ. ނަމަވެސް މި ދުނިޔޭގައި އިންސާނުން ނޫން މަހުލޫގުން އުޅޭކަށް އެނގުނެއްކަމަކު މީގެ ކުރިން އޭނާއަށް އެފަދަ ކަމެއް ތަޖުރިބާ ކުރެވިފައި ނެތުމުން ޒާތެއްގެ ޝައުގުވެރިކަމެއްވެސް ހިތުގައި އުފެދުނެވެ. ބިންމަތީގައި އޮތް ފޯނު ނަގައި ދެވަނަ ފަހަރަށް އެދިމާލަށް އަލިކޮށްލީ އެ ޝައުގުވެރިކަމުގަ އެވެ. އެހެނަސް މިފަހަރު ފެނުނު މަންޒަރުން އިވާންއަށް ލިބުނީ ހައިރާންކަމެކެވެ. ބޮޑުކޮށްލެވިފައިވާ ދެލޮލުން އޭނާއަށް ބަލަހައްޓައިގެން އެހެރީ ހަމަ މައިރާކަމާމެދު އޭނާއަށް ޝައްކުވި އެވެ.
"މައި؟" އިވާންއަށް ޔަގީން ނުވެފައި ގޮވައިލި އެވެ.
"އިވާން… ޕްސްސްޓް.. ކަމް ހިއަރ.. ތި ލައިޓް ނިވާލަބަލަ" މައިރާ ވާހަކަދެއްކީ ވައިއަޑުން ކަމަށްވުމާއެކު އިވާންއަށް އެ އަޑު އިވެނީ ކިރިޔަކިރިޔާ އެވެ. މައިރާގެ އެދުމުގެ މަތިން އިވާން އަވަސްއަވަހަށް ފޯނުގެ ބައްތި ނިވާލުމަށްފަހު ގަރާޖާއި ކައިރިއަށް ދެތިން ފިޔަވަޅު އަޅައިލި އެވެ.
"މައި؟؟ އާރ ޔޫ ކްރޭޒީ؟ ކޮންކަމަކު މިއޮއްފަދަ ގަޑީ ތިތަނަށް އަރާ ތި އުޅެނީ؟" މައިރާ ވައި އަޑުން ވާހަކަދެއްކި ސަބަބެއް ނޭނގުނަސް އިވާންވެސް މިފަހަރު ވާހަކަދެއްކީ ވައި އަޑުންނެވެ. އިވާން ކުރި ސުވާލުތަކުގެ ޖަވާބުގައި މައިރާ ދައްކައިލީ އަތުގައި އޮތް މާ ދޮން ނޫން ފޭރެކެވެ. އެންމެ ފޭރެކެވެ. އިވާންއަށް ބުނާނެ އެއްޗެއް ނޭނގިފައިހުރެ މޫނުގައި އަތް އުނގުޅައިލެވުނެވެ. މިފަދަ ވަގުތެއްގައި މައިރާ އެތަނަށް އަރައި އެ އުޅެނީ ޖެހިގެން ހުރި ގޭގައިހުރި ފޭރުގަހުން ފޭރު ބިންނަން ހެއްޔެވެ؟
"ތި ފޭރު ވަގަށް ނަގަންވެގެންތަ މި ދަމުގަ ތިތަނަށް އަރާ ތި އުޅެނީ؟" އިވާން ބުންޏެވެ.
"އިވާން ޝްޝްޝް. މިއީ ވަގަކަށް ނޫނޭ. އަހަރެން ބިނީ އެންމެ ފޭރެކޭ" އިވާންގާތު އަޑު މަޑުކުރަން ބުނަމުން މައިރާ އަމިއްލަ ނަފްސު ދިފާއުކުރި އެވެ.
"އެއް ފޭރު ނެގިޔަސް ސަތޭކަ ފޭރު ނެގިޔަސް ވައްކަން ވާނީ ވައްކަމަށް"އިވާން ބުންޏެވެ.
"ހޫން ދެން ދޭބަލަ ބުނަން އެގޭ ދައްތަ ކައިރި މައިރާ ގަހުން ފޭރެއް ބިނދެފިޔޭ. ގޮސްފަ ބުނެބަލަ. ނުބުނިއްޔާ އިވާންވެސް ވާނީ ވައްކަންކުރި ކަމަށް. ނޭނގޭތަ ވައްކަން ކުރާ މީހާއާ، އެތަން ބަލަން ހުންނަ މީހާއާ ސިއްރުކުރާ މީހާއާ ވާނީ އެއްވަރެއް ކަމެއް؟" މައިރާ ހިތްހަމަނުޖެހުނެވެ.
"އަހަރެން ނެތިން ތި ޒުވާބު ކުރާކަށް. ގެއަށް ވަދެފަ ދޮރު ތަޅުލާތި" އިވާން ގޭތެރެއަށް ވަނުމަށް ހިނގައިގަތް ވަގުތު މައިރާ ގޮވަން ފެށުމުން އަނެއްކާވެސް ގޮސް ކުރިން ހުރި ތަނުގައި ހުއްޓުނެވެ.
"މިހާރު ކިހިނެއްވީ؟" އިވާން އަހައިލިއެވެ. މައިރާއާ މާ ގިނަ ވާހަކަތަކެއް ދެއްކުމުގެ ޝައުގެއް އޭނާގެ ނެތެވެ. މިހާރުވެސް މައިރާގެ ނަޒަރުގައި އޭނާވަނީ މާ ގިނައިން މައިރާގެ ޒާތީ ކަންކަމާ ބެހޭ މީހަކަށްވެފަ އެވެ.
"މިއީ.. މިއީ.. އަހަރެން ކިހިނެއްތަ ފައިބާނީ؟" މައިރާ އަހަން ނާހަން ހުރެފައި އަހައިލި އެވެ.
"އެރި ގޮތަކަށްނު؟" އިވާންގެ ސިކުނޑީގައި ސުވާލުމާކު ޖެހުނެވެ.
"މިއީ.. ބެލް.. ބެލްކަނީގަ ހުރެފަ ފުންމާލީ. އެކަމަކު މިހާ މަތިން ކިހިނެއް" މައިރާ ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް ބުންޏެވެ. އެ ގަރާޖުގެ ހުންނަނީ މައިރާ ހުންނަ ކޮޓަރީގެ ތިރީގައި ކަހަލަ ގޮތަކަށް ކަމުން ގަރާޖުގެ ފުރާޅާ ކޮޓަރީގެ ބެލްކަންޏާ ދެމެދުގައި ހުންނަނީ އެންމެ ދެތިން ފޫޓުގެ އުސްމިނެކެވެ. އެއާ ހިލާފަށް ބިންމައްޗަށް ފޭބުމަށްޓަކައި މައިރާ ފުންމައިލަން ޖެހޭނީ ހަތް ފޫޓު މަތިންނެވެ. "އިވާން ހެލްޕް!!"
މައިރާގެ ސިޔާސަކަމާމެދު ބޯހޫރައިލިއިރު ތުންފަތަށް ވެރިވާން އުޅުނު ހިނިތުންވުމަށް ހުރަސް އެޅުމަށްޓަކައި އިވާންއަށް ކޮލުގައި ދައިގަނެވުނެވެ. އެވަރުންވެސް އޭނާއަށް ހުރެވުނީ ފާޑަކަށް އެއްމިޔަކަނިން ހިނިތުންވެލައިގެނެވެ. ނަމަވެސް މައިރާއަށް ރައްދު ދިނުމުގެ ކުރިން އޭނާ އެ ހިނިތުންވުން ފޮރުވައިލި އެވެ.
"އޯކޭ އޯކޭ. ފުންމާލަބަލަ. އަހަރެން ހިފާނަން" އިވާން ބުންޏެވެ.
"ވަޓް؟؟ ނޯ ވޭ.. ވެއްޓުނިއްޔާއޯ؟" މައިރާ ޖެހިލުންވި އެވެ.
"ދެން އިތުރު ގޮތެއް އޮތީތަ؟" އިވާން ބުންޏެވެ.
"އޯކޭ އޯކޭ. ފުންމާލަނީ އެނގޭ. ތްރީ.. ޓޫ.." ދެތިން ފުންނޭވާއަކަށްފަހު މައިރާ ފުންމައިލީ ހަމަ ސީދާ އިވާންގެ އަތު ތެރެއަށެވެ. އިވާން ހުށިޔާރުކަމާއެކު މައިރާގެ ފަލަމަސްގަނޑުގައި ހިފަހައްޓައިލައި މައިރާ މަތަކުރިނަމަވެސް މައިރާއަށްވެސް ވެއްޓިދާނެކަމުގެ ބިރުގައި އިވާންގެ ކޮނޑުމަތިން ދެއަތް ވަށައިލެވުނެވެ. ބިރާއި ސިހުމުގެ ސަބަބުން ދެލޯ މަރައި ތަގުޅިކޮށްލައިގެންހުރި މައިރާގެ ރީތިކަން އެހާގާތުން ފެނުމުން އިވާންއަށް އެހެން ދިމާލަކަށް މޫނު އަނބުރައިލަންވެސް ނޭނގިފައި ހުރެވުނީ މައިރާގެ ގައިން ދޫކޮށްލަންވެސް ނޭނގިފަ އެވެ. ނޭނގުމެއްގެ ތެރޭގައި މައިރާގެ މޫނާ އިތުރަށް ގާތްވެވުނުހިނދު މައިރާ ދެލޯ ހުޅުވައިލުމާއެކު އިވާންއަށް ބިރެއް ފެނުނު ފަދައިން މައިރާގެ ގައިން ދޫކޮށްލެވުނެވެ. އެވަގުތު ބިންމަތީގައި ފައި ޖައްސައިލެވުނެއްކަމަކު ފައި ކައްސާލައިގެންގޮސް މައިރާ ވެއްޓުނެވެ.
"އައްދޯތް އިވާން… ވައްޓާލަންޏާ ކީއްކުރަންތަ ހިފީ؟" މައިރާ ކިޔަމުންދިޔަ އެއްޗަކަށް ސަމާލުކަންދިނުމެއްނެތި އިވާން މިފަހަރު ހަލުވި ފިޔަވަޅުތަކެއްގައިގޮސް ގޭތެރެއަށްވަނެވެ. ބަދިގެއާ ހަމައަށް ދެވުމާއެކު އައިސް އަލަމާރިން ނެގި ފިނި ފެންފުޅި ތައްޓަކަށް އަޅާލައި އެއް ނޭވައިން ހުސްކޮށްލީ އެތެރެހަށީގައިވި ގޮތްނޭނގޭ އުދާސްކަމަށް ފިނިކަމެއް ލިބިދޭތޯ އެވެ. އެވަގުތު އެތަނަށް އައި މައިރާ ފެނުމުން ކުއްލިއަކަށް އިވާންގެ ހިޔާލަށް އައީ މައިރާ ވައްޓާލެވުނު ގޮތެވެ. މައިރާއަށް އަނިޔާއެއް ލިބުނުތޯ އަހަން ބޭނުންވި ނަމަވެސް އެ ސުވާލު ކުރާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގުނެވެ.
"ކޮބާ އަހަރެންނަށް؟" މައިރާ ފޭރު ދޮވެލުމަށްފަހު އޭގައި ދަތް އަޅައިލި ވަގުތު އިވާން އަހައިލިއެވެ. އޭނާގެ މަގްސަދަކަށްވީ މައިރާއާ ކޮންމެވެސް ގޮތަކުން ވާހަކަދެއްކުމެވެ. މައިރާ އޭނާދެކެ ހިތްހަމަނުޖެހިފަ ހުރިތޯ ބެލުމެވެ. ހަމައެއާއެކު މައިރާ އޭނާއާމެދު ދެކޭގޮތް އޭނާއަށް މުހިއްމު ކަމަކަށްވީ ކޮންއިރަކުބާއޭ އިވާންގެ ހިތަށް އެރި އެވެ.
"އަހަރެން ހީކުރީ ވަގަށްނެގި ފޭރެއްވީމަ އިވާން ނުކާނެކަމަށް" މައިރާ ބުންޏެވެ.
"ބުނީމެއްނު.. ވައްކަން ކުރާމީހާއާ، ބަލާމީހާއާ، ސިއްރުކުރާ މީހާއާ ތަފާތެއް ނޯންނާނޭ.. އެހެންވީމަ މިހާރުވެސް އަހަރެންމީ ވަގެއްތާ؟ ދެން ކެއުމަކުން ވަކި އިތުރު ގޯހެއް އޮންނާނެތަ؟" މައިރާ ދެފަހަރަކު ދަތް އަޅައިލާފައި އޮތް ފޭރު އަތުލަމުން އިވާން ބުންޏެވެ. އެތަނުން ނުކުތީ އެރޭ ދެން އިތުރަށް ބޭރަށް ނުނިކުތުމަށް މައިރާއަށް "އަމުރު" ކޮށްފަ އެވެ. ފެންވަރައި ތާޒާވެލައިގެން ކޮޓަރީގެ އެނދުގައި އޮށޯވެލި ހިނދު ކުރީ ރެއެކޭ އެއްފަދައިން މިރޭވެސް އިވާންގެ ލޯމަތިން ސިފަވީ ހަމަ މައިރާގެ ސޫރަ އެވެ. އެކަމަކު ރެއާ ހިލާފަށް މިރޭ އޭނާއަށް ފެނުނު މަންޒަރު ތަފާތެވެ. މައިރާ އޭނާގެ އަތުތެރޭގައި ވީ ވަގުތު އިވާންގެ ސިކުނޑީގައި ތަކުރާރުވަމުންދިޔައިރު ނިދައިލުމަށް ދެލޯ މަރައިލާ ކޮންމެ ފަހަރަކު އެ މައުސޫމު މޫނާއި ދައުވަތެއްފަދަ ތުންފަތުގެ ހިޔާލުން އޭނާގެ ނިދި ނަގައިލަ އެވެ. އިސާހިތަކު މިރޭވެސް އިވާންގެ ދެލޮލާއި ނިދި މުޅިން ބީރައްޓެހިވެއްޖެ އެވެ. މިއީ ދެން ކިހާ ދެރަކަމެއް ހެއްޔެވެ؟ ދާދި އިހަކަށް ދުވަހު ދިމާވި އަންހެންކުއްޖަކާއިހުރެ އޭނާއަށް މިފަދަ އުނދަގޫތަކެއް ވާންޖެހޭ ސަބަބެއް އިވާންއަކަށް ނުވިސްނުނެވެ. ގައިމުވެސް މައިރާއަކީ އޭނާގެ ހަޔާތުގަ މާ މުހިއްމު މީހެއްނޫނެވެ. އަމުދަކުން އޭނާ މައިރާއަށް ހިތްކިއީކީ ނޫނެވެ. ބަލަލައިލަން ކިތަންމެ ރީއްޗަސް މައިރާގެ މިޒާޖުގައި އިވާން ގަޔާވާފަދަ އެންމެ ކަމެއްވެސް ނެތެވެ. އެވަރު މީހަކާހުރެ ރޭގަނޑުގެ ނިދި ގެއްލެންޖެހޭ ސަބަބެއް އޮންނާނެ ހެއްޔެވެ؟ އެންމެފަހުން ގައިމަތީގައި އޮތް ރަޖާ ދުރުކޮށްލުމަށްފަހު އިވާން އެނދުން ތެދުވި އެވެ. ލެޕްޓޮޕް ހިފައިގެން އައިސް ޑިޓެކްޓިވް ފިލްމެއް އަޅުވައިލީ މައިރާގެ ހިޔާލުތަކުން ސިކުނޑި މިންޖުކުރުމަށެވެ.
------
"ކޮބަ ބޮސް. މިއަދުގެ ކިތައްވަނަ ކޮފީ؟" ކައިރީގައިހުރި ކޮފީތަށިން އިވާން ކޯވަރެއް ބޮއެލިވަގުތު ކެބިންއަށް ވަތް ނާއިލްއަށް އެމަންޒަރުފެނި އަހައިލި އެވެ.
"ކީއްކުރާނީ.. މި ދެރެއަކު ހަމަ އެއްގޮތަކަށްވެސް ނުނިދިގެން މިއުޅެނީ. ކަމަކުތަ ތި އައީ؟" އިވާން އަހައިލި އެވެ.
“އާނ މިއީ ބޭރުގަ އެބަހުރި މީހެއް. ބަޔާން ނަގަންޖެހޭ. ސްކޭމް މައްސަލައެއްގަ ގެނެސްފަހުރި މީހެއް” ނާއިލް ޖަވާބުދިނެވެ.
"ސްކޭމޭ؟ ކަމަކާ ތިއޮތީ ޖެހިފަ. ހާދަ މަސައްކަތެއް އެބައޮތޭ. އަނެއްކާ ތިކަމަކުން އަވަހަށް ސަލާމަތެއްވެސް ނުވެވޭނެ. ސައިބަރ ޔުނިޓަށްވެސް ގުޅައިގެން ތިކަންތައް ކުރިއަށް ޖެއްސޭނީ. ކޮބާ އަނެކަކު؟ ނޫޅެނީތަ؟" އިވާން އަހައިލީ ބަޔާން ނެގުމުގެ މަސައްކަތާ ދެން ހަވާލުވެގެން ހުންނަ އޮފިސަރުގެ ވާހަކަ އެވެ.
"އާދެ. ޗުއްޓީގަ. ސަރ ނޫންތޯ އެޕްރޫވްވެސް ކުރީ" ނާއިލް ހައިރާންވިއެވެ. އިވާންއަކީ އެންމެ ކުދިކުދި ކަންތައްވެސް ހަނދާނުގަ ރައްކާކުރާ މީހެކެވެ. މިއަދު އޭނާއަށް ފެންނަމުން މިދަނީ މުޅިން އެހެން އިވާނެކެވެ.
"އާނ ދޯ. ހަނދާން ނެތުނީއޭ. ނާއިލް ދޭ. އަހަރެން މި ދަނީ.." އިވާން ބުންޏެވެ.
ނާއިލް ކެބިނުން ނުކުތުމުން އިވާން އަނެއްކާވެސް ޑެސްކްޓޮޕްގެ ސްކްރީނުން ފެންނަމުންދިޔަ ފައިލަށް ސަމާލުކަން އަނބުރައިލެވޭތޯ މަސައްކަތްކުރި އެވެ. އެކަން ނާކާމިޔާބުވީ އެވަގުތު ނުދަންނަ ނަންބަރަކުން އޭނާއަށް ކޯލެއް އަންނަން ފެށުމުންނެވެ. އެކަމަށް ސަމާލުކަން ނުދީ މަސައްކަތުގެ ތެރެއަށް ވަދެވޭތޯ ކުރި މަސައްކަތް ދެވަނަ ފަހަރަށްވެސް ނާކާމިޔާބުވީ އަނެއްކާވެސް ކޯލެއް އަންނަން ފެށުމުންނެވެ. މިފަހަރު އައީ ޝާވިންގެ ކޯލެކެވެ.
"ހަލޯ؟" އިވާން މަސައްކަތް މަޑުޖައްސައިލުމަށްފަހު ޝާވިންގެ ކޯލަށް ޖަވާބުދިނެވެ.
"ކީއްވެތަ މައި ގުޅީމަ ފޯނު ނުނެގީ. މާމަ ބަލިވެގެނޭ މިއުޅެނީ. ހޮސްޕިޓަލާ ދިމާލަށް މިދަނީ ލަސްނުކޮށް އާދޭ" ލިބުނު ހަބަރުން އިވާން ހިނދުކޮޅަކަށް ހުއްޓުންއެރި އެވެ. ދެވަނަ ސިކުންތުގައި އޭނާ އަމިއްލަ ނަފްސަށް ހަމައަކަށް އެޅުމަށް މަޖުބޫރުކުރި އެވެ. މޭޒުމަތިން ނެގި ވޮލެޓާއި ފޯނު ފަޓުލޫނުގެ ޖީބަށް ކޮށްޕައިލުމަށްފަހު ޖެހި ދުމެއްހެން ކެބިން އިން ނުކުތެވެ.
"ސަރ-"
"ވަރަށް އަވަހަށް ދާންޖެހިއްޖެ. އަހަރެން އަންނަންދެން އޭނަ އެތެރޭގަ ބައިންދާލާ" ކެބިންގެ ބޭރުގައިހުރި ނާއިލް ސުވާލުކުރުމުގެ ކުރިން އިވާން އިރުޝާދު ދިނެވެ. ހިދުމަތް ލަސްކުރުމުން އޭނާއަށް ފާޑުކިޔުން އަމާޒުވާނެކަން އެނގުނު ނަމަވެސް މިވަގުތު އެކަމާމެދު ފަރުވާ ބެހެއްޓޭކަށް ނެތެވެ. އެއަށްވުރެން ބޮޑަށް އޭނާވަނީ މާމައާމެދު ކަންބޮޑުވެފަ އެވެ. އެ މާމައަކީ އައިލީން ފިޔަވައި މިއަދު އޭނާގެ ހުރި ހަމައެކަނި އާއިލާއޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ސައިކަލަށް އަރައި ގަވައިދު ހުއްދަކުރާ އެންމެ މަތީ ސްޕީޑުގައި ދުއްވައިލިއިރު އިވާންގެ މޭ ނެގިނެގިފައި ޖެހެމުންދިޔަ އެވެ. ދެތިން މިނަޓުތެރޭ އޭނާގޮސް ހޮސްޕިޓަލުގެ އަވަސް ފަރުވާދޭބަޔަށް ވަތްއިރު އެތަނުގައި ޝާވިން މަޑުކޮށްލައިގެން ހުއްޓެވެ.
"ކޮބާ މާމަ؟" އިވާންގެ އަޑުން ހާސްކަމުގެ އަސަރު ފާޅުވާން ހުއްޓެވެ.
"ވޯޑުގަ ބާއްވާފަ ވީ. މައި ވެއްޖެ މާމަގާތު. މި އެޑްމިޝަން ފޯމުގަ ސޮއެ ކޮށްބަލަ" ޝާވިން ބުންޏެވެ. އިވާން އަވަހަށް ޝާވިންދެއްކި ފޯމުގައި ސޮއެކޮށްލުމަށްފަހު ދިޔައީ ވޯޑާ ދިމާލަށެވެ. ވޯޑުގެ އެންމެ ބިއްދޮށަށް ހުރި އެނދުގައި ބާއްވާފައި އޮތް އަޒީމާއާއި އޭނާގާތު ގޮނޑިއެއްގައި އިށީނދެ އިން މައިރާފެނި އެދިމާލަށް ހިނގައިގަތެވެ.
"މާމާ. ކިހިނެއްވީ؟" އިވާން އާޒިމާ އޮތް އެނދުގައި އެއް އަތް ވިއްދައިލުމަށްފަހު އަނެއް އަތުގެ ތެރޭގައި އާޒިމާގެ އަތްތިލަ ހިފަހައްޓާލައި އެ އަތްތިލައިގައި ބޮސްދިނެވެ. އިވާންގެ އެ އަމަލުން އެކަނިވެސް އިވާން އާޒިމާދެކެ ވާ ލޯބި މައިރާއަށް ދެނެގަނެވުނެވެ. އޭނާގެ ތުންފަތް ހިނިތުންވުމަކުން ދެމިލި އެވެ. އެކަނިމާއެކަނި މާމައެއް ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް ނަގައިގެންއުޅޭ އިވާންފަދަ މާމަދަރިއަކު މިޒަމާނުގައި މަދުވާނެއޭ މައިރާގެ ހިތަށްއެރި އެވެ. އަދި އެފަދަ ޚުލްގުހެޔޮ ޒިންމާދާރު ޒުވާނެއް އަމުދުން މިހާރުގެ މުޖްތަމައުއިން ނުފެންނާނެކަން މައިރާއަށް ޔަގީންވެ އެވެ.
"މާމައަށް ކިހިނެއްވީ؟" އިވާން މިފަހަރު ސުވާލުކުރީ އެތަނުގައި އިން މައިރާއާ އެވެ.
"ހެނދުނު ހޭލީއްސުރެން ބޮލެއްގަ ރިއްސާތީ އުޅުނީ. ދެން ހެނދުނު ސައިބޮއެ ނިންމާފަ ކުއްލިއަކަށް ހޮޑުލާން ފަށައިފި. ޑޮކްޓަރ ބުނީ މާބޮޑަށް ބީޕީ މަތިވީމަ ކަމަށް ވެދާނެޔޯ. ނޫނީ ގޭސްޓްރިކް ކަމަށްވެސް. ޓެސްޓްތައް ހަދަން ބްލަޑް ސާމްޕަލް ނަގާފަ ވީ" މައިރާ ކުރުގޮތަކަށް ޚުލާސާކޮށްދިނެވެ.
"އޯހް. މައިތަ ޝޯންއަށް ގުޅައިގެން މާމަ ހޮސްޕިޓަލަށް ގެނައީ؟" އިވާން އަހައިލި އެވެ.
"ނޫން. އަހަރެން މާމަ ގޮވައިގެން އައީ އެމްބިއުލާންސްގަ. ނުވާނެއެއްނު މާމަމެން އުމުރުގެ މީހުންނަށް ކުޑަކަމެއްވިޔަސް ހޮސްޕިޓަލަށް ނައިސް ހުންނާކަށް. އެޑްމިޓް ކުރާވާހަކަ ބުނީމަ ގުޅީ ޝާވިންއަށް" މައިރާ ޖަވާބުދިނެވެ. އާއިލީ ގުޅުމެއް ނެތްނަމަވެސް މައިރާ އާޒިމާއާ ދޭތެރޭ އެހާ ފުންކޮށް ވިސްނީތީ އިވާންއަށް ހިތާހިތުން މައިރާއަށް ޝުކުރު އަދާކުރެވުނެވެ. ނަމަވެސް އެ ޝުކުރުގެ ބަސްތައް ދުލާހަމައަށް ގެނައުމަށް އިވާން ނުކުޅެދުނެވެ. "ދެން.. ދެން ފަހަރަކުން އަހަރެންނަށް ގުޅާނީ އެނގޭ" އޭނާއަށް ބުނެވުނުހާވެސް އެއްޗަކީ އެއީ އެވެ.
"އިވާންއަށޭ ފުރަތަމަ ގުޅީ. ފޯނު ނުނެގީނު" މައިރާ ރައްދު ޖަވާބާއެކު އިވާންގެ ދެބުމަ ގޮށްޖެހުނެވެ. އޭނާއަށް އޭރު ގުޅި ނުދަންނަ ނަންބަރަކީ މައިރާތާ އެވެ. މައިރާ އޭނާގެ ނަންބަރު ހޯދީ ކޮންއިރަކު ހެއްޔެވެ؟ މައިރާއަށް އޭނާގެ ނަންބަރުދިނީ އައިލީން ހެއްޔެވެ؟ އެސުވާލުތަކަކީ މިވަގުތަށް މުހިއްމު ސުވާލުތަކެއް ނޫންކަން އިވާން ނިންމީ އެނދުގައި އޮތް އާޒިމާ އޯކާ ދެމިގަތް އަޑު އިވުމުންނެވެ.
"މާމާ؟ އަނެއްކާ ހޮޑުލަވަނީ؟ މަޑުކުރައްޗޭ މަޑު—" މައިރާއަށް ކައިރީގައިހުރި މޭޒުމަތިން ނެގި "އެމެސިސް ބޭގް" އާޒިމާގެ އަނގަޔާ ދިމާކޮށްލެވުނީ ހަމަ ކިރިޔާ އެވެ. އާޒިމާ ހޮޑުލައި ނިމުމުން އެ ކޮތަޅު ބަންދުކޮށްލައި ކައިރީގައިހުރި ޑަސްބިނަށް ލުމަށްފަހު އޭނާ ދެން އަވަސްވެގަތީ އާޒިމާއަށް ފެންދޭށެވެ.
"ހޮޑު ލަވަންޏާ ބުނައްޗޭ އެނގޭ މާމާ" އާޒިމާގެ ބޮލުގައި ފިރުމައިލަމުން މައިރާ ބުންޏެވެ. އޭރު އިވާންއަށް ހުރެވުނީ ފާޑަކަށް ހުއްޓުން އަރައިފަ އެވެ. ވާނީވެސް އެހެންތާއެވެ. މައިރާގެ އަމަލުތަކުންނާއި އަޑުން އެފަދަ އޯގާތެރިކަމެއް އޭނާއަކަށް ކުރިން ފެނި އިވިފައެއް ނެތެވެ. އާޒިމާއާ ދޭތެރޭ ބަހައްޓަމުންދިޔަ ގާތްކަމާއި ކެތްތެރިކަމުން އިވާންއަށް ފާހަގަވީ މައިރާގެ ހިތްހެޔޮކަމާއި ހިތްތިރިކަމެވެ. ރެއާހަމައަށް މައިރާގެ މިޒާޖުގައި ކަމުދާކަމެއް ނެތްކަމަށް އިވާންގެ ހިތުގައި އޮތް ގަބޫލުކުރުން މައިރާ އެ ދޮގުކޮށްދިނީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.
"މައި ދެން ގެއަށްދިޔަސް އެންމެ ރަނގަޅު. އަހަރެން މާމަގާތު—" އިވާންގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް އޭނާއަށް ފޯނެއް އަންނަން ފަށައިފި އެވެ. ސްޓޭޝަނުން އަންނަ ކޯލެއްކަމުން އޭނާއަށް ޖަވާބުދޭން މަޖުބޫރުވި އެވެ.
"ކީކޭ ނާއިލް.. އާނ.. އަހަރެން ބުނީމެއްނު ބޮޑުކަމެއްގައޭ މި އައީ. މާމަ އެޑްމިޓުކޮށްގެން މިއުޅެނީ ހިއެއްނުވޭ މިއަދު ދެވޭނެހެނެއް. އޭނަ ކައިރި ބުނެބަލަ ޗުއްޓީގަ ހުއްޓަސް ނުކުމެލާށޭ އެކަމުގަ. އާނ ނާއިލް ގުޅާނެ ކަމެއްނެތް އަހަރެން މި ގުޅަނީ އޭނައަށް" އިވާން ފޯނުން ދައްކަމުންދިޔަ ވާހަކަތަކުން މައިރާއަށް އިވާން ދާންޖެހިއްޖެކަން އެނގުނެވެ.
"އިވާން ދިޔަސް އޯކޭއޭ. އަހަރެން މަޑުކޮށްލާނަން މާމަގާތު" މައިރާ ބުންޏެވެ.
"ނޯ އިޓްސް އޯކޭ. އެއީ އެހާ މުހިއްމުކަމެއް ނޫން" އިވާން ބޯ ހޫރައިލި އެވެ.
"ރިއަލީ؟ އިވާން… އަހަރެންނަށް އިވުނޭ ދެންމެ ފޯނުން ދެއްކި ވާހަކަ" އިވާންއާ ހަތަރުކަޅި ހަމަކޮށްލަމުން މައިރާ ބުންޏެވެ. އިވާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މައިރާއަށް އޮޅުވައެއް ނުލެވުނުތާ އެވެ.
"މައި.. އައިމް ސޮރީ އެނގޭ.. އަހަރެންނަށް އާދެވެން އޮތް އެންމެ އަވަހަކަށް އަންނާނަން" އިވާންގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.
"ކޮންކަމަކާ ސޮރީ ބުނަންވީ. މިއީ އެހާ ބޮޑުކަމެއް ނޫނޭ ރިއަލީ. ޔޫ ކޭން ގޯ" މައިރާ އިތުރަށް ޔަގީންކަން ދިނުމުގެ ގޮތުން އެނދުގައި ވިއްދާލެވިފައިވާ އިވާންގެ އަތްތިލައިގައި ހިފައިލި އެވެ. އިވާން އެއްފަހަރު މައިރާއަށް އަނެއްފަހަރު މައިރާގެ އަތަށް ބަލައިލުމާއެކު މައިރާއަށް ކަމެއް ރޭކައިލިފަދައިން އިވާންގެ އަތުން ދޫކޮށްލެވުނެވެ. އަދި ކަމެއްނުވާކަމަށް ހެދެމުން އިވާންގެ ދެލޮލާއި ނަޒަރު ވަކިކޮށްލައި، ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލި އެވެ. އޭރު އިވާންގެ ސިކުނޑީގައި އެނބުރެމުންދިޔައީ ރޭގައިވެސް އޭނާގެ ނިދި ނަގައިލި މަންޒަރުތަކެވެ. އެހެނަސް އިވާން ހުށިޔާރުކަމާއެކު އެ ހިޔާލުތަކުގެ މައްޗަށް ބާރު ފޯރުވިއެވެ. އަދި ހަށިގަނޑު ސީދާކޮށްލައި ދެފަހަރަކު ކަރުކެހިލުމަށްފަހު މައިރާއާ ވާހަކަދެއްކި އެވެ.
"އައި.. އައި ވިލް ބީ ބެކް ސޫން. އައި ޕްރޮމިސް" އިވާން އަވަސްއަވަހަށް އެތަނުން ދުރަށް ހިނގައިގަތްއިރު މައިރާއަށް ފިލަން ދުވަނީއޭ ހީވާކަހަލަބއެވެ. ސައިކަލަށް އަރައި އިސްޓާޓުކޮށްލުމުގެ ކުރިން އޭނާ ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން ފޯނުނަގައި އެދުވަހު އޭނާއަށްގުޅި ނުދަންނަ ނަންބަރު ހޯދައިލި އެވެ. "މައި" ޖަހާލައި އެނަންބަރު ސޭވް ކުރުމަށްފަހު އިރުކޮޅަކު ވިސްނަން އިނދެފައި އަލުން "މައިރާ" އަށް ނަން ބަދަލުކޮށްލި އެވެ. އެއަށްފަހު ސްޓޭޝަނަށް ދަނީ ކަމުގައިބުނެ ނާއިލްއަށް މެސެޖެއް ކޮށްލުމަށްފަހު ފޯނު ޖީބަށްލައި ސައިކަލު ދުއްވައިލި އެވެ.
އިވާންއަށް އަލުން ހޮސްޕިޓަލަށް އާދެވުނުއިރު އެދުވަހުގެ އިރުއޮއްސިއްޖެ އެވެ. ހޮސްޕިޓަލުގެ ގޯތިތެރޭގައި ސައިކަލު ޕާކުކޮށްލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތް ފިޔަވަޅުތަކުގައި ޖެހިލުންވުމެއް ހުއްޓެވެ. މައިރާގާތު އަވަހަށް އަންނާނަން ކަމުގައި ވައުދުވެފައި މިހާ ލަސްކޮށް އައުމުން މައިރާގެ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ އޭނާގެ ފަރުވާކުޑަކަމުން މާމަގެ ޒިންމާ މައިރާގެ ބޮލަށް ޖަހައިލީ ކަމަށް ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކަންތައްތައް އޮތަސް މައިރާއަކީ އެގެއަށް އައިސްގެންއުޅޭ ވަގުތީ މެހެމާނެކެވެ. ހަގީގަތުގައި މައިރާއަށް މިއިން އެއްވެސް ބުރައެއް އުފުލާކަށް ނުވެސް ޖެހޭނޭމެ އެވެ. ވީއިރު އޭނާއަށް ދެން އެހާ ފަސޭހައިން މައިރާއާ ކުރިމަތިލާން ކެރޭނީ ކިހިނެއް ހެއްޔެވެ؟
އެފަދަ ހިޔާލުތަކެއްގައި ހުއްޓައި ހޮސްޕިޓަލުން ނުކުމެގެން އައި ޝާވިންގެ ލޮލުގައި އިވާން އަޅައިގަތުމަކީ ނަސީބެއްކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. ޝާވިންއަށް އިވާން ފެނި އަވަސް ފިޔަވަޅުތަކެއްގައި އައިސް އިވާންގެ ގާތަށް ހުއްޓުނެވެ.
"ޝޯން؟ އަދިވެސް ނުދަންތަ؟" އިވާންއަށް އަހައިލެވުނެވެ.
"ނޫނޭ ގެއަށްދިޔައިން. ގޮސްފަ ރޫމީ ގޮވައިގެން މިއައީ.. މައިވެސް އެކަނި މިތާ އިންނަން ފޫހިވާނެއެއްނު. އަނެއްކާ އާޒިމާއްތައޭ ބުނީމަ ގަޑިއަކު ދެތިންފަހަރު އެބަދޭ ފާހަނައަށް. ވަރުބަލިވެސް ވާނެ ދޯ ކައިރީގަ އިންނަ މީހަކު" ޝާވިން ބުންޏެވެ.
"ޔެސް.. ރަނގަޅަށް ތިހެދީ.. ތޭންކްސް މޭން.. މިއަދު މިކަމާ އުޅެދިނީމަ" ޝާވިންގެ ކޮނޑުގައި ޖަހައިލަމުން އިވާން ބުންޏެވެ.
"އަޅާނުލާ. މިދެން މަގޭވެސް ފެމިލީ ދޯ" ޝާވިންގެ ޖަވާބުން ނުހޭން ހުއްޓަސް އިވާންއަށް ކުޑަކޮށް ހެވުނެވެ.
"އައްދޭ… އަވަހެއްނު އަދި ތިހެން ކިޔާކަށްނުވޭ އެނގޭ. އަހަރެންގާތު ބުންޏަކަސް ލީންގާތު ނުބުނެ.. ލީންގެ އޯކޭ ނުލިބެންދެން އެހާ އަވަހަށް ފެމިލީއެއް ނުވާނެ އެނގޭ." އިވާން ހުނުމުގެ ތެރެއިން ބުންޏެވެ.
"އެކަމަކު އިވާން އޯކޭއެއްނު" ޝާވިން ހުރީ ހަމަޖެހިލައިގެނެވެ.
"ބަލަ މަށަކާ ނޫން ދޯ ހިތާވެގެން އިންނަން ތި އުޅެނީކީ" އިވާން ކުރިންވެސް ވާހަކަދެއްކި ސަމާސާ ރާގުގައި ބުނެލިއެވެ.
"ދެން ހެވޭ. ހިނގާ ކޮފީއެއްދޭން" ޝާވިން ބުންޏެވެ.
"މަޑުކުރޭ މާމަ ކައިރިއަށް ގޮސްލާ—"
"މާމަ ރަނގަޅޭ މިހާރު. އެހެންނޫނަސް ރޫމީއާ މައިއާވެސް އެބަތިއްބެއްނު" ޝާވިން ކުރެއްނުކުރި އެވެ.
"މައި އެބައިންތަ؟ އަދިވެސް؟ އަހަރެން ހީކުރީ މައި ގެއަށް ލާފަކަމަށް ރޫމީ ގެނައީ" މައިރާ އަދިވެސް ގެއަށްނުގޮސް އިން ވާހަކަ ބުނުމުން އިވާން ހައިރާންވި އެވެ.
-
ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ