ޙުރުމަތްތެރިވެގެންވާ މައްސަރުތައް

ބައެއް މީހުންނާއި ތަންތަނާއި ތަކެތި، އަނެއްބައި މީހުންނާއި ތަންތަނާއި ތަކެތީގެ މައްޗަށް މާތް ކުރައްވައިފައިވާ ފަދައިން، ބައެއް ދުވަސްތަކާއި، މައްސަރު ވެސް އަނެއްބައި މައްސަރުތަކުގެ މައްޗަށް މާތް ކުރައްވައި މަތިވެރި ކުރައްވައިފައި ވެއެވެ. އެ ގޮތުން ބަލާއިރު އަހަރެއްގައި އޮންނަ 12 މަހުގެ ތެރެއިން 4 މަހެއް ﷲ ވަނީ އަނެއް 8 މަހުގެ މައްޗަށް މާތް ކުރައްވައިފައެވެ. ﷲ سبحانه وتعالى ކީރިތި ޤުރުއާނުގައި އަންގަވައިފައި ވެއެވެ. ﴿إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ...﴾ (سورة التوبة: ٣٦) މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވައިފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ އަދަދަކީ، اللَّهގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ..." ހިޖުރީ ކަލަންޑަރުގައި އޮންނަ 12 މަހަކީ محرَّم (މުޙައްރަމް)، صفر (ޞަފަރު)، ربيع الأول (ރަބީޢުލްއައްވަލް)، ربيع الآخر (ރަބީޢުލްއާޚިރް)، جمادى الأولى (ޖުމާދުލްއޫލާ)، جمادى الآخرة (ޖުމާދުލްއާޚިރާ)، رجب (ރަޖަބް)، شعبان (ޝަޢުބާން)، رمضان (ރަމަޞާން)، شوَّال (ޝައްވާލް) އަދި ذو القعدة(ޛުލްޤަޢްދާ)، އާއި ذو الحجة (ޛުލްޙިއްޖާ)، އެވެ. މީގެތެރެއިން ޙުރުމަތްތެރިވެގެންވާ 4 މަހަކީ رَجَبْ (ރަޖަބް)، ذو القعدة(ޛުލްޤަޢްދާ)، ذو الحجة(ޛުލްޙިއްޖާ)، އަދި محرم (މުޙައްރަމް) މަހެވެ. އަޅުގަނޑުމެން މިހާރު ގުނަމުން މިގެންދަނީ شوَّال (ޝައްވާލް)، މަހުގެ ދުވަސްތަކެވެ.ދެން އޮންނާނީ ذو القعدة(ޛުލްޤަޢްދާ)މަހެވެ. އެ މަހަކީ ހިޖުރީ ކަލަންޑަރުގެ 11ވަނަ މަހެވެ. ذو الحجة(ޛުލްޙިއްޖާ)، މިއީ ހިޖުރީ ކަލަންޑަރުގައި އަހަރުގެ އެންމެފަހު މަހެވެ. އަދި محرم(މުޙައްރަމް) މަހަކީ، ހިޖުރީ އަހަރު ފެށޭ މަހެވެ. އެހެންކަމުން މި މައްސަރުތަށް ދެނެގަތުން އެއީ މާ އުނދަގޫ ކަމެއް ވެސް ނޫނެވެ. ރަޖަބު މަސްފިޔަވާ ދެން އޮތް 3 މައްސަރު އޮންނަނީ ވިދިވިދިގެންނެވެ. އެއީ ރަމަޞާންމަހުގެ މަތިވެރި އަޅުކަމާއި ޙައްޖުމަހުގެ އަޅުކަމާ ދެމެދު ހިމެނިގެން ވާ މައްސަރުތަކެވެ. حرمةތެރިވެގެންވާ މައްސަރުތަކަށް ޚާއްޞަ ސަމާލުކަމެއް މުސްލިމުން ދޭންވާނެއެވެ. އެ މައްސަރުތަށް ވަކިވަކިން ބަޔާންކޮށް-ދެއްވާފައި ވަނީ އެއާމެދު ސަމާލުވުމަށެވެ. މި މައްސަރުތަކުގެ ޙުރުމަތް ބަލައިގަނެ އެ ކަމުގެ މައްޗަށް ޢަމަލުކުރުމަކީ، ﷲ سبحانه وتعالىއަށް ކިޔަމަށްތެރިކަން އަދާކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެ މައްސަރުތަކުގެ ޙުރުމަތް އެ މައްސަރުތަކަށް ދޭށެވެ! ﷲ ނުރުއްސަވާ ގޮތްގޮތަށް އެ މައްސަރުތަކުގައި އުޅޭއިރު ﷲ ޙުރުމަތްތެރިކުރެއްވި ކަންކަމަށް ރައްކައުތެރިވެގެން އުޅެވޭނީ އެ ކަމާ ގުޅޭގޮތުން ޤުރްއާނުގައި އެއިލާހު އަންގަވައިފައިވާ ޙުކުމްފުޅުތައް ދަސްކޮށްގެންނެވެ. حرمةތެރިވެގެންވާ މައްސަރުތަކުގައި އަމިއްލަ ނަފުސަށް ވެސް އަނިޔާވެރިވުން ﷲ ވަނީ އިތުރަށް ޙަރާމްކުރައްވައި ނަހީ ކުރައްވާފައެވެ. ތައުބާ ސޫރަތުގެ 36ވަނަ އާޔަތުގައި ﷲ އަންގެވި ބަސްފުޅެއްގައި ވެއެވެ. ﴿...فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ ...﴾ (سورة التوبة: ٣٦) މާނައީ:- "... ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ! ..." މިއެވެ. ހިޖުރީ ތާރީޚު ދެނެގަތުމަކީ މުސްލިމުންނަށް ގިނަ ފައިދާތަކެއް ކުރާނެކަމެކެވެ. ވަކިން ޚާއްޞަ ގޮތެއްގައި ދީނީ ތަރަހައިގެތެރޭ އިސްލާމީ ޙަޔާތެއް ތަރުތީބުކޮށްގެން އުޅުމަށް ޓަކައި ތިމާމެންގެ ދުވަހީ ތާވަލް ކުރިޔައިލާ ރާވާއިރު، އަޅުކަމުގެ މޫސުމްތަކަށް ބަލައިގެން އެ ތާވަލް ހެދުމަށް އެހީތެރިވެދޭނެ އެއްޗަކީ، ހިޖުރީ ތާރީޚު ހިމެނިފައިވާ ކަލަންޑަރުތަކެވެ. މި ކަމަށް ޓަކައި މީގެކުރިން ވިސްނައިފައިނުވާ ނަމަ، މިއަދުން ފެށިގެން މި ކަމަށް ވެސް ސަމާލުކަން ދެވޭތޯ ބަލާށެވެ! ކުރިޔަށް އޮތީ އަޅުކަމުގެ މޫސުމްތަކެވެ. ޙުރުމަތް ތެރިވެގެންވާ މައްސަރުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ