ނަރަކައިގެ 7 ދަރަޖަ އާ ލިބޭނެ ޢަޛާބް އެނގޭނަމަވެސް ބިރުން ފުނޑުފުނޑުވާނެ!

ނަރަކައިގެ ވާހަކަ ދައްކަން ޖެހެނީ މީސްތަކުންނަށް އެނގެން ޖެހޭނެތީއެވެ. ބިރުވެތިވެވޭނީ ކަންކަން އެނގޭ ވަރަކުން ކަމަށްވާތީއެވެ. 
މާތް ﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް އީމާންވެ ޙެޔޮ ޢަމަލުތައްކުރާ މުއުމިނުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް އެކަލާނގެ ދެއްވަވާނެތެވެ. ކާފިރުވި މީހުންނަށް އޮތީ ނަރަކައެވެ. އެތަނުގެ ބިރުވެރިކަމާއި، ތިބާއަށް ލިބޭނެ ވޭންދެނިވި ޢަޛާބުތަކުގެ ވާހަކަ ކީރިތި ޤުރުޢާނާއި ކީރިތި ރަޞޫލާ محمد الصلاالله عليه وسلم ގެ ސުންނަތުގައި އައިސްފައިވެއެވެ. 
سورة البقرة ގެ 39 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " އަދި ކާފިރުވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުޅަ މީހުންނީ ނަރަކަވަންތަވެރިންނެވެ. އެއުރެންނީ، އެނަރަކައިގައި ދެމިތިބޭނެ ބައެކެވެ." 
ނަރަކައިގައި 7 ދަރަޖައެއްވެއެވެ. އެއްދަރަޖައަކަށްފަހު އަނެއް ދަރަޖައެއްގެ ޢަޛާބު ބޮޑުވާނެއެވެ. 
· އެއްމެ ފުރަތަމަ ދަރަޖައަކީ جهنّم އެވެ.
ފާފަވެރިން މިތަނަށް ވަންނަ ހިނދު އެބައިމީހުންގެ މޫނުތައް އަނދައިގެންދާނެތެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުން ނިކަންހުރެ ނަރަކައަށް ވައްދަވާހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެ ހިނދަކު، އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. .." (سورة النّساء :56) 
· ދެވަނަ ދަރަޖައަކީ لَظَى‘ އެވެ.
މިދަރަޖައިގެ އަހުލުވެރިންގެ އެތެރެހަށީގެއާއި ބޭރުހަށީގެ ފަހަރަކު ގުނަވަނެއް، އެތަނުގެ އަލިފާންގަނޑު ނެތިކޮށްލާނެތެވެ. މިއީ ތައުޙީދަށާއި ކީރިތި ރަޞޫލާ محمد الصلاالله عليه وسلم ގެނެސްދެއްވި ހުރިހާ ކަމަކަށް ފުރަގަސްދިން މީހުންނަށް ހާއްސަކުރެވިފައިވާ ދަރަޖައެކެވެ. 
· ތިންވަނަ ދަރަޖައަކީ سَقَرَ އެވެ.
މިތަނުގެ އަލިފާންގަނޑު، އޭގެ އަހުލުވެރިންގެ ކަށިގަނޑު ނުލައި މަސްގަނޑު ނެތިކޮށްލާނެތެވެ. މިދަރަޖައިގެ އަހުލުވެރިންގެ ވާހަކަ سورة المدّثّرގައި މާތްﷲ ވަނީ ވަޙީކުރައްވާފައިއެވެ.
"ސުވަރުގޭގެ އަހުލުވެރިން، ސަޤަރުގެ އަހުލުވެރިންނާއި ސުވާލުކުރާނެތެވެ. ތިޔަބައިމީހުން ނަރަކައަށް ވެއްދީ ކޮންކަމެއްހެއްޔެވެ؟ އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ. އަދި ތިމަންމެން މިސްކީނުންނަށް ކާންދީއެއް ނޫޅެމުއެވެ. އަދި ބާޠިލް ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން ބާޠިލް ވާހަކަ ދައްކައި އުޅުނީމެވެ. އަދި ތިމަންމެން ޤިޔާމަތް ދުވަސް ދޮގުކޮށް އުޅުނީމެވެ. މަރު ތިމަންމެންނާ ހަމަޔަށް އަތުވެއްޖައުމަށް ދާންދެންނެވެ." (47-40) 
· ހަތަރުވަނަ ދަރަޖައަކީ اٌلْحُطَمَةِ އެވެ.
މިނަރަކައިގެ އަލިފާންގަނޑު އޭގެ އަހުލުވެރިންގެ ފައިން ފެށިގެންގޮސް، އޭނާގެ ހިތް އަންދާލާނެތެވެ. އަދި ކަށިގަނޑާއި ހުރިހާ ގުނަވަނެއް ނެތިކޮށްލާނެތެވެ.  
· ފަސްވަނަ ދަރަޖައަކީ اٌلْجَحِيمَ އެވެ.
މިދަރަޖައަކީ، ނަރަކައިގެ އެންމެ ތިރީގައިވާ ދަރަޖައަށްވުރެވެސް ބޮޑު، ހޫނު އަނގުރެކެވެ. މިތަނުގެ އަހުލުވެރިންނަކީ އެކަލާނގެ ގެންނެވި އެންމެހާ ކަންތައްތައް ތެދުކޮށް ޤަބޫލުނުކޮށް ފަޤީރުންނަށް ކާންދިނުމަށް ބާރުނާޅާ މީހުންނެވެ.    
· ހަވަނަ ދަރަޖައަކީ اٌلسَّعِير އެވެ.
މިއީ މާތްﷲ މިތަން ހެއްދެވީއްސުރެވެސް އަނދަ އަނދާ ހުންނަ ތަނެއްކަމައްވެއެވެ.
"އަދި އެއުރެން ބުނާނެތެވެ. ތިމަންމެން އަޑުއެހިނަމަ އަދި ވިސްނާ ފިކުރުކުރިކަމުގައިވީނަމަ، ނަރަކައިގެ އަހުލުވެރިންގެ ތެރެޔަކު ތިމަންމެންނުވީހެވެ." (سورة الملك : 10)
· ހަތްވަނަ ދަރަޖައަކީ هَاوِيَةُ އެވެ.
މިއީ ނަރަކައިގެ އެންމެ އަޑިއެވެ. މިދަރަޖައިގެ އަހުލުވެރިންނަށް މިތަނުން ދުވަހަކުވެސް ނުނިކުމެވޭނެއެވެ.
އެތަނުގައި އަލިފާނުން އުފެދިފައިވާ ފަރުބަދައެއް، އެތަނުގެ އަހުލުވެރިން ފުނޑު ފުނޑުކޮށްލާނެތެވެ. އެމީހުންގެ އަތްތައް ވާނީ އެމީހުންގެ ކަރުގައި އެއްސިފައިއެވެ. އަދި އެމީހުންގެ ކަރު ވާނީ ފައިތަކުގައި އެއްސިފައިއެވެ. އަދި الزّبانية  މަލާއިކަތްބޭކަލުން، އެތަނުގެ އަހުލުވެރިންގެ ގައިމަތީ ތިއްބަވާނެއެވެ. 
"އަދި ހަމަކަށަވަރުން، ނަރަކައަކީ، އެންމެންނަށް ﷲ ވަޢުދު ކުރައްވާފައިވާ ތަނެއްކަން ކަށަވަރެވެ. އެ ނަރަކައަށް 7 ދޮރުވެއެވެ. އެއިން ކޮންމެ ދޮރަކަށް ކަނޑައެޅިގެންވާ ބައެއްވެއެވެ. ހަމަކަށަވަރުން، ތަޤުވާވެރިން ވަނީ ސުވަރުގެތަކާއި ފެންއާރުތަކުގެ ނިޢުމަތުގައިއެވެ." (سورة الحجر: 45-43) 
ވީމާ، ނަފްސު ހިސާބުކޮށް ޠަޢުބާވުމަށް އަވަސްވެގަންނާށެވެ. ނަރަކައިގެ ވޭންދެނިވި ޢަޛާބަށް ތިމާއަށް އެންމެ ހިނދުކޮޅަކަށްވެސް ކެތްކުރެވޭނެކަމަށް ހީނުކުރާށެވެ. ވިސްނާ ފިކުރުކުރި ބަޔަކަށް މާތްﷲ ތެދުމަގު ދައްކަވާނެތެވެ. އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ އެކަލާނގެއެވެ.   
ގުޅުންހުރި މަޢުލޫމާތު:  
https://zamzam.com/blog/levels-of-jahannam 
https://thewiseword.co.uk/the-levels-of-jahannam-hell/
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ