މުޒާހަރާގެ ބައިވެރިންނަށް ޓާގެޓުކޮށް ޕެޕާ ސްޕްރޭ ޖަހައިފި

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވީ ވައުދާ ހިލާފަށް، ނޫސްވެރިންގެ ހައްގުގައި މާލޭގައި މިހާރު ފަށާފައިވާ ސިލްސިލާ މުޒާހަރާތަކަށް ހުރަސްއެޅުމުގެ ގޮތުން، ފުލުހުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް މިރޭ ޕެޕާ ސްޕްރޭ ޖަހައިފި އެވެ. 
މުޒާހަރާގައި ބައިވެރިވަމުންދާ އަދަދުގެ ނޫސްވެރިން ބުނީ ގިނަ އަދަދެއްގެ ފުލުހުން މުޒާހަރާގެ ބައިވެރިން ވަށާލައި، ވަކިވަކި މީހުންނަށް ޓާގެޓުކޮށް، ސީދާ މޫނަށް ޕެޕާ ސްޕްރޭ ޖެހި މަންޒަރު ފެނުނު ކަމަށެވެ. 
އޭގެ އިތުރުން ވެސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް ބިރު ދެއްކުމުގެ ގޮތުން އާދަޔާ ހިލާފަށް ގިނަ ފުލުހުން މިރޭ މާލޭގެ މަގުތަކަށް ނެރިފައިވާ ކަމަށް މަންޒަރުތަކުން ފެނެ އެވެ. 
އެހެން ނަމަވެސް، މުޒާހަރާގެ ބައިވެރިން ދަނީ ފަސްޖެހުމެއް ނެތި މާލޭގެ މަގުތަކުން ހިނގަމުންނެވެ. އެމީހުން ގޮވަމުން ދަނީ ޖަލުގައި ތިބި ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިން މިނިވަން ކުރުމަށާއި މުއިއްޒު އިސްތިއުފާ ދިނުމަށެވެ. 
ގާނޫނު ބަދަލުކޮށް، މާލޭގައި މުޒާހަރާ ކުރުމުގެ ހައްގު އެންމެ ފުޅާކޮށް ދިނުމަކީ މުއިއްޒުގެ ވައުދެކެވެ. އެކަން މެނިފެސްޓޯގައި ހިމެނޭ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމެނެ އެވެ. އެކަމަކު ސަރުކާރުން އަމަލު ކުރަނީ އެ ވައުދާ ސީދާ ހިލާފަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ