މިއީ ރާއްޖެ ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންގޮސްދޭނެ ބަޖެޓަކަށް ވާނެ: މެމްބަރު ސައްތާރު

މިހާރު ހުށަހެޅިފައިވާ ބަޖެޓަކީ ރާއްޖެ ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންގޮސްދޭނެ ބަޖެޓަކަށް ވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުލް ސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓަށް ތާއީދު ކުރައްވާ ކަމަށާއި، ތާއީދު ކުރައްވާ ވަރަށް ގިނަ ސަބަބުތައްވެސް އެބަހުރި ކަމަށެވެ.
މެމްބަރު ވިދާޅުވީ، މި ބަޖެޓުގައި ބޯހިޔާވަހިކަމާއި، ތައުލީމާއި، ސިއްޙީ ނިޒާމު ހަރުދަނާ ކުރުމާއި، ތަރައްޤީގެ އެކި މަޝްރޫއުތަކަށްވެސް އިސްކަން ދީފައިވާ ކަމަށާއި، ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލު ކުރުމަށް ބޭނުންވާ މުހިއްމު ދާއިރާތައް ހިމެނިފައިވާ ކަމަށެވެ. އަދި ބަޖެޓުގެ ތަފްސީލުތައް އެންމެ ކުޑަ ”މައިކްރޯ މިންގަނޑުން“ ލިޔެފައި ނެތުމަކީ ބަޖެޓު ގޯސްވާންޖެހޭ ސަބަބެއް ނޫންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަ ކުރައްވައި މެމްބަރު އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް މި ބަޖެޓުން ޙައްލު ހޯދައިދޭނެ ކަމަށެވެ. އެކަންކަން ކުރަމުންދާނީ އިސްލާމީ އުސޫލުތަކާއި، ޝަރިއާގެ ހަމަތަކުގެ މަތިންކަންވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.
ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލު ކުރުމުގައި އެކަށީގެންވާ ބަޖެޓެއްގެ ގޮތުގައި މި ބަޖެޓު ފާހަގަކުރަން ޖެހޭ
މި ސަރުކާރު ”ފުނޑިއްޖެ“ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު ވިދާޅުވީ، ހީނާފަތުންވެސް އޭގެ ހަގީގީ ކުލަ އަންނަނީ އެ ހީނާފަތްވެސް ފުނޑިގެން ކަަމަށެވެ. އެހެންކަމުން ރައީސް ޑރ މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ މި ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި ޙައްލު ނުކުރެވި ހުރި މަސައްކަތްތަކަށް ޙައްލު ހޯދުމުގެ މަސައްކަތްކަން މެމްބަރު ފާހަގަ ކުރެއްވިިއެވެ.
ޑރ މުއިއްޒުގެ ސަރުކާރު ފުނޑިއްޖޭ ފުނޑިއްޖޭ ކިޔައިގެން ވާހަކަދައްކާއިރު މިބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ އެއްޗަކީ ހީނާފަތުން އޭގެ އަސްލު ކުލަވެސް އަންނަނީ ފުނޑިގެން
އޭގެ އިިތުރުން، އެމްޑީޕީގެ ވެރިކަމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ރަށްތައް ތަރައްޤީކޮށްފައިވާކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވައި މެމްބަރު ވިދާޅުވީ، ހަގީގަތުގައި ކަން ހިނގާފައިވަނީ އެމަގުން ނޫން ކަމަށެވެ. އަދި ހަގީގަތުގައި ފުނޑެމުންދަނީ ޕީއެންސީގެ ސަރުކާރެއް ނޫން ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވަނީ އިދިކޮޅުންވެސް ޤައުމަށް ހެޔޮ އެދޭނަމަ މި ބަޖެޓަށް ތާއީދު ކުރެއްވުމަށް ގޮވާލައްވާފައެވެ. އެގޮތުން ޖުމުލަކޮށް ބަލާނަމަ މިއީ ރާއްޖެ ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންގޮސްދޭނެ ބަޖެޓަކަށް ވާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ