ރޯމް (މެއި 14) - އިޓާލިއަން ކަޕްގެ ފައިނަލުަގައި ރޭ 2-0 އިން ލާޒިއޯގެ މައްޗަށް ކުރިހޯދައި، އިންޓަ މިލާނުން އެ ކްލަބްގެ ތާރީހުގައި 10 ވަނަ ފަަހަރަށް އިޓާލިއަން ކަޕްގެ ތަށި އުފުލާލައިފި އެވެ.
އިންޓަ އިން މި ފަހަރުގެ ސީޒަން ނިންމާލާފައި މި ވަނީ ލީގާއި ކަޕްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. މިއީ، އިންޓަގެ ތާރީހުގައި މިކަން ހާސިލްވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، އެކަން ކުރީ، 2009-10 ވަނަ ސީޒަނުގައި ހޯސޭ މޮރީނިއޯ އެ ޓީމާ ހަވާލުވެ ހުރިއިރު އެވެ.
އެކާވީސް ވަނަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން މި ސީޒަނުގައި ހާސިލްކުރި އިންޓަ އިން މި ހަފްތާގައި ލީގުގައި ކުޅުނު މެޗުގައި ވެސް ނުކުތީ ލާޒިއޯއާ ދެކޮޅަށެވެ. އެ ގޮތުން، މީގެ ހަަތަރު ދުވަސް ކުރިން ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މޮޅުވީ 3-0 އިންނެވެ.
ރޭ ކުޅުނު ފައިނަލުގައި އިންޓަ އިން ދެ ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.
މެޗު ފެށުނުތަނާހެން އިންޓަ އިން އެޓޭކަށް ޖެހިގެން ލާޒިއޯގެ ފަހަތަށް ބާރު ބޮޑުކުރަން ފެށި އެވެ. އެ ގޮތުން، މެޗުގެ ކުރީކޮޅުގައި އިންޓަގެ ނިކޯލޯ ބަރެއްލާ ނެގި ހުރަހަކަށް އަރައި، ލައުޓާރޯ މާޓީނޭޒް ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.
އިންޓަ އިން ލީޑުނެގީ މެޗުގެ 14 ވަނަ މިނިޓްގަ އެވެ. މިއީ، އެ ޓީމުގެ ފުލްބެކް، ފެޑެރީކޯ ޑި މާކޯ ނެގި ކޯނަރަކަށް އަރައި، މާކަސް ތުރާމް ބޮލުން ޖެހި ބޯޅައެއް، ލާޒިއޯގެ އެޑަމް މަރުސިޗް ގައިގައި ޖެހިފައި ވަން ގޯލެކެވެ. އޭގެ ފަހުން، އިންޓަގެ ޑެންޒެލް ޑަމްފްރީސް ޖެހި ޝޮޓެއް ވަނީ ބްލޮކްވެފަ އެވެ.
މެޗުގައި އިންޓަ އިން ދެ ވަަނަ ލަނޑެއް ޖެހީ، ފުރަތަމަ ހާފު ނިމެން 10 މިިނިޓަށް ވެފައި ހުއްޓަ އެވެ. ލާޒިއޯގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި، ޑަމްފްރީސް އޭރިއާތެރެއަށް ވަދެ، ގޯލު ކުރިމަައްޗަށް މުޅިން ހުސްކޮށްލާފައި ދިން ބޯޅަ މާޓީނޭޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ، މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި މާޓީނޭޒްގެ 22 ވަނަ ގޯލެވެ.
އޭގެ ފަހުން، އިންޓަގެ ޕިއެޓްރޭ ޒިއެލިންސްކީ ފޮނުވާލި ހަމަލާއެއް ލާޒިއޯގެ ކީޕަރު، އެޑޮއާޑޯ މޮޓާ ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ލާޒިއޯ އިން ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ ބެލި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ. އަނެއްކޮޅުން، އިންޓަ އަށް މެޗުގައި ތިން ވަަނަ ލަނޑެއް ޖަހައިދޭން ތުރާމް އާއި ޒިއެލިންސްކީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ހިފޭ ގޮތެއްނުވި އެވެ.
އިންޓަ އިން 10 ވަނަ ފަހަރަށް އިޓާލިއަން ކަޕް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ