”ބޮޑު ބަދަލު“ގައި އެންމެ ފުންނާބުއުސް ތަޖުރިބާ ހުންނެވި ބޭފުޅަކީ ރައީސް ނަޝީދު: ސަނީފް

އެމްޑީޕީން ރާއްޖެއަށް ގެންނަން މަސައްކަތްކުރާ ”ބޮޑު ބަދަލު“ ގެންނެވުމުގައި އެންމެ ފުންނާބުއުސް، ތަޖުރިބާކާރު ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ސަނީފް މިހެން ވިދާޅުވީ ”ބޮޑު ބަދަލު“ ގެ ނަމުގައި ތިނަދޫ ސިޓީއާއި މާލޭގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ސަނީފް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ކިބައިގައި މިފަދަ ތަޖުރިބާތަކާއި ސިފަތައް ހުރުމަކީ މުހިންމު ކަމެއް ކަމަށާއި، ރައީސް ނަޝީދަކީ ރައްޔިތުންގެ ވިންދާއި ގުޅިފައިވާ ކަންކަން އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނެ ބޭފުޅާ ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހި ހުރިހާ ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯއްދަވާފައިވާ ލީޑަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް އިޞްލާޙީ ބަދަލުތައް ގެނައުމަށް ކުރި މަސައްކަތުގައި ރައީސް ނަޝީދު ވެވަޑައިގެންނެވި ޤުރުބާނީތަކަށް އަލިއަޅުއްވާލައްވަމުން ސަނީފް ވިދާޅުވީ، ރައްޔިތުންގެ ޙައްޤުގައި އެމަނިކުފާނު ޖަލުގައި އެތައް ދުވަހެއް ހޭދަކުރައްވައި، ބޮޑެތި އަނިޔާތަކެއް ތަހައްމަލު ކުރައްވާފައިވާ ކަމަށެވެ. ހަމައެއާއެކު، ތިނަދޫ ސިޓީއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޞްލާޙީ މަސައްކަތުގައި އުޅުއްވި ގިނަ ބަޔަކަށް ކުރީގެ ސަރުކާރުތަކުން ލާއިންސާނީ އަނިޔާ ދީފައިވާކަން އޭނާ ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
ސަނީފް އިތުރަށް ވިދާޅުވީ، ”ސިފައިންނާއި ފުލުހުން އަޅުގަނޑުމެން ކުޑަގޮޅިއަށްލާ ކުރަފިފެން ބޯންދީ ބޮޑެތި މީދާތަކުގެ ތެރޭގައި އަޅުގަނޑުމެން ނިދަން ޖައްސާ މިހުރިހާކަމެއް ކުރި އިރުވެސް އަޅުގަނޑުމެންގެ މިއަޒުމަކަށް ގުޑުމެއްނާރާ،“ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތަކީ އަންނަން އޮތް ޖީލުތަކަށް ޤައުމުގެ މުސްތަޤުބަލު ބިނާކުރުމަށް އެމްޑީޕީން ކުރާ މުހިންމު މަސައްކަތެކެވެ.
އެމްޑީޕީގެ އަމާޒަކީ އެންމެ ނިކަމެތި ރައްޔިތުމީހާއަށްވެސް ޙައްޤު މިންވަރު ކަށަވަރުކޮށްދިނުން ކަމަށާއި، ބޯހިޔާވަހިކަމާއި ބޭސްސިޓީއަށް ސަލާންޖެހުން ހުއްޓުވުމުގެ މަސައްކަތް ފެއްޓެވި ”މާލިމީ“ އަކީ ރައީސް ނަޝީދު ކަމަށް ސަނީފް ވިދާޅުވިއެވެ. ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި އެމަނިކުފާނަށް ކާމިޔާބީ ހޯއްދަވައިދެއްވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ ”ބޮޑު ބަދަލު“ ކެމްޕެއިންގައި އޭނާ ހުންނެވީ ސާބިތުކަމާއެކު ރައީސް ނަޝީދުގެ އަރިހުގައި ކަމަށާއި، ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ