ވާވު އަތޮޅު ދެވަނަ ކަނޑުގެ އަޑީގައި ހުންނަ ހޮހޮޅައެއްގައި ތާށިވެފައި ތިބި އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން އިއްޔެ ފެނުން މައްޗަށް ނުނެގޭ ދެ މީހުންގެ ހަށިގަނޑު ވެސް މިއަދު ނަގައި ރެސްކިއު އޮޕަރޭޝަން ނިންމާލައިފި އެވެ.
އިއްޔެގެ ވަގުތެއްގައި ވެސް ދެ ޑައިވަރުންގެ ހަށިގަނޑު ފެނުން މައްޗަށް ނެގި އެވެ. ސަރުކާރުގެ ތަރުޖަމާނު ވަނީ ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ވެސް މިހާރު ނަގާފައިވާކަން އަދަދު ނޫހަށް ކަށަވަރުކޮށްދީފަ އެވެ.
އެ މީހުންގެ ހަށިގަނޑު ލޮކޭޓު ކުރެވުނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. ހުރިހާ ޑައިވަރުންގެ ހަށިގަނޑުތައް ނެގިފައި މިވަނީ ހޮހޮޅައިގައި އެ މީހުން ތާށިވިތާ ހަ ދުވަސް ފަހުންނެވެ.
ރިކަވަރީ އޮޕަރޭޝަން ލީޑުކުރީ އިޓަލީގެ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެއަށް ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ކޭވް ޑައިވަރުންގެ ޓީމުންނެވެ.
މުންދު ވިދާޅުވި ގޮތުގައި މިއަދު ނެގި މީހުންގެ ހަށިގަނޑުތައް މާލެއަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ މީހުންގެ ހަށިގަނޑުތައް ގެންދާނީ މޯޗަރީއަށެވެ.
ފަސް ދޮޅަސް މީޓަރަށް ވުރެ ފުނުގައި ހުރި އެ ހޮހަޅައިގެ ތެރެއަށް ޑައިވްކުރި އިޓަލީގެ ފަސް މީހުންގެ ތެރެއިން ފުރަތަމަ ފެނުނީ ޑައިވް އިންސްޓަރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑެވެ. އޭނާ ހަށިގަނޑު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.
އިއްޔެ ނެގީ ޖެނޯއާ ޔުނިވާސިޓީގެ ދަރިވަރެއް ކަމަށްވާ ފެޑެރީކޯ ގަލްޓިއޭރީ އާއި ޕްރޮފެސަރު މޮނިކާ މޮންޓެފެލްކޯންގެ ހަށިގަނޑެވެ. މިއަދު ނެގީ މޮނިކާގެ އަންހެން ދަރި ކަމަށްވާ ޖޯޖިއާ ސޮމަކަލް އަދި އެ ޔުނިވާސިޓީގެ ރިސާޗު ފެލޯއެއް ކަމަށްވާ މުރިއެލް އޮޑެނީނޯގެ ހަށިގަނޑެވެ.
މި ހާދިސާގައި ޖުމުލަ ހަ މީހުން ވަނީ މަރުވެފަ އެވެ. އެއީ ފަސް ޑައިވަރުންގެ އިތުރުން ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރި ވަނިކޮށް ނިޔާވި ސިފައިންގެ ސްޓާފް ސާޖަންޓު މުހައްމަދު މަހުދީ އެވެ.
މި ހާދިސާއާއެކީ ރާއްޖޭގައި ފީނުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގަވާއިދުތަކަށް ބޯނުލެނބުމާއީ ސަލާމަތީ ހިދުމަތްތަކުގެ ގާބިލިއްޔަތުކަމާއި ރެސްކިޔު އޮޕަރޭޝަންތަކުގައި ގޮތް ނިންމާ ގޮތާ ބެހޭ އުނދަގޫ ބަހުސެއް ވަނީ ފެށިފަ އެވެ.
ދެވަނަ ކަނޑުގެ ހޮހަޅައިގެ ތެރެއިން ބާކީ ދެ ޑައިވަރުންގެ ހަށިގަނޑު ވެސް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ