ޝިޔާމަށް 12 އަހަރު މުސާރަ ދޭން އޮތް ހުކުމުގެ ބައި އިސްތިއުނާފްކޮށްފި

މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ މުސާރަ އާއި އިނާޔަތުގެ ބައި ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފްކޮށްފި އެވެ.
ވީކިހިނެއް؟ - 2014 ވަނަ އަހަރު އޭނާ ވަކިކުރަނީ، ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިގެނެވެ.
މި މައްސަލަ ސިވިލް ކޯޓަށް ޝިޔާމް ހުށަހެޅުމުން އެ ކޯޓުން ނިންމީ އޭނާއަށް ވަޒީފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ދަށު ކޯޓުގެ ހުކުމް ޝިޔާމް ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުން މިދިޔަ މަހު ހުކުމްކުރީ ޝިޔާމަށް އަލުން ވަޒީފާ ދީ، އޭނާ ވަޒީފާއަށް ނުކުތުމާ ހަމައަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ދިނުމަށެވެ.
ތަފްސީލް - އެ ހުކުމުގައި، 12 އަހަރުގެ މުއްދަތަކަށް މުސާރަ އާއި އިނާޔަތް ދިނުމަށް އޮތް ބައި ބަންޑާރަ ނައިބުގެ އޮފީހުން މިދިޔަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވެ އެވެ. އިސްތިއުނާފް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ހައި ކޯޓުގެ ހުކުމުގައި ހިމެނޭ މުސާރައާއި އިނާޔަތުގެ ބަޔަކީ ސުޕްރީމް ކޯޓުން މި ފަހުން ވަޒީފާއާ ބެހޭ މައްސަލަތަކުގައި އަމަލުކުރުމަށް ނިންމި ނިންމުމަކާ ހިލާފު ނިންމުމެއް ކަމަށެވެ. އެގޮތުން:
އެ ނިންމުމުގައިވަނީ މީހަކަށް އަނބުރާ ވަޒީފާ ދޭ ހާލަތުގައި އެންމެ ގިނަވެގެން ނަގައިދެވޭނީ ހަ މަސްދުވަހުގެ މުސާރަ އާއި އިނާޔަތް ކަމަށް
ވަޒީފާ ނުދޭ ހާލަތުގައި ވެސް ނަގައިދެވޭނީ އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ