ދުނިޔޭގައި މިހާރަށް ވުރެ އަމާން، އިންސާފުވެރި ނިޒާމެއް ގާއިމުކުރަން ޝީއާއި ޕޫޓިން އެއްބަސްވެވަޑައިގެންފި

ބެއިޖިން (20 މެއި 2026): މިހާރަށްވުރެ އަމާން އަދި އިންސާފުވެރި ނިޒާމެއް ދުނިޔޭގައި ގާއިމުކުރުމަށްޓަކައި ރަޝިއާއާއި ޗައިނާ ގުޅިގެން މަސައްކަތްކުރުމަށް އެ ދެ ގައުމުގެ ރައީސުން އެއްބަސްވެއްޖެއެވެ. މި ކަމަށް އެއްބަސްވީ ރަޝިއާގެ ރައީސް ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބެއިޖިންގްގައި ބައްދަލުކުރައްވައި ކުރެއްވި ރަސްމީ މަޝްވަރާތަކުގައެވެ. މިހާރަށް ވުރެ އަމާން އަދި އިންސާފުވެރި ނިޒާމެއް ދުނިޔޭގައި ގާއިމުކުރުމާ ބެހޭ ގޮތުން ޗައިނާގެ ރައީސް ވިދާޅުވީ، ދުނިޔެއިން މިހާރު ފެންނަމުންދަނީ ބޭއިންސާފާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ގައުމުތައް އިނދަޖައްސާލުމާއި އަދި ބައިނަލްއަގުވާމީ ގާނޫނާއި އުސޫލުތައް އެއްފަރާތްކުރުމަށް ފަހު ދުނިޔޭގައި ގޮންމުށުގެ ބާރާއި ޖަންގަލީގެ ގާނޫނު ހިންގަމުންގެންދާ މަންޒަރު ކަމަށެވެ. މިކަން ބަދަލުކުރުމަށްޓަކައި މިހާރަށްވުރެ އަމާން، އިންސާފުވެރި އަދި ގާނޫނާއި ގަވައިދުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ އައު ނިޒާމެއް ގާއިމުކުރުމުގައި ރަޝިއާއިން ބައިވެރިވާން ޗައިނާ އޮތީ ތައްޔާރަށް ކަމަށް ޝީ ވިދާޅުވިއެވެ. ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިން ވިދާޅުވީ، މިހާރަށްވުރެ އަމާން އިންސާފުވެރި އަދި ގާނޫނާއި ގަވައިދުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ގާއިމުކުރުމުގައި ޗައިނާއާ ގުޅިގެން ރަޝިއާއިން މަސައްކަތްކުރާނެ ކަމަށެވެ. ޝީ ، ޕޫޓިން އަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވަނީ މީގެ އިތުރުން، ޝީއާއި ޕޫޓިން ވަނީ ދުނިޔޭގެ ބައެއް ބާރުތަކުން ބައިނަލްއަގުވާމީ މުޖުތަމައުގައި ގެންގުޅެނީ ޖަންގަލީގެ އުސޫލު ކަމަށް ވިދާޅުވެ އެމެރިކާގެ ހަރުކަށި އަދި ޣައިރު ގާނޫނީ އަމަލުތަކަށް ނުސީދާ ގޮތެއްގައި އިޝާރާތް ކުރައްވައި ވާހަކަދައްކަވާފައެވެ. ޕޫޓިންގެ ދަތުރުފުޅަކީ ޗައިނާއާއި ރަޝިއާއާ ދެމެދުގައި ސްޓްރެޓީޖިކް ޕާޓްނާޝިޕް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. މި ޕާޓްނާޝިޕްގެ ދަށުން ޗައިނާއިން ގެންދަނީ ރަޝިއާގެ ތެލާއި ގޭސް ގިނަ އަދަދަކަށް ގަންނަމުންނެވެ. މީގެ ބަދަލުގައި ރަޝިއާގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ ބޮޑުބައި ރަޝިއާއިން ގަންނަނީ ޗައިނާއިންނެވެ. މިއާއެކު ކުރިން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައިވަނީ 100 ބިލިއަން ޑޮލަރުގެ މިންވަރުން 285 ބިލިއަން ޑޮލަރުގެ މިންވަރަށް މައްޗަށް ގޮސްފައެވެ. ކުރިން ރަޝިއާގެ ތެލާއި ގޭހުގެ ބޮޑުމާރުކޭޓަކީ ޔޫރަޕެވެ. ނަމަވެސް، ޔުކްރެއިންގެ މައްސަލައިގައި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ރަޝިއާގެ ތެލާއި ގޭހުގެ ބޮޑު މާރުކޭޓަކަށް ވެފައިވަނީ ޗައިނާއާއި އިންޑިއާއެވެ. ރަޝިއާއާއި ޗައިނާގެ ވިޔަފާރީގެ މުއާމަލާތްތަކުގެ ގާތްގަނޑަކަށް 70 ވަރަކަށް އިންސައްތަ މުއާމަލާތް ހިންގަނީ ޗައިނާގެ ފައިސާ ކަމަށްވާ ޔުވާންއާއި ރަޝިއާގެ ފައިސާ ކަމަށްވާ ރޫބެލް ބޭނުންކޮށްގެން ކަމަށް މާލީ ރިޕޯޓްތައް ބުނެއެވެ. މިއީ އެމެރިކާ ވަރަށް ކަންބޮޑުވާ ކަމެކެވެ. ޚާއްސަކޮށް ތެލާއި ގޭހުގެ ވިޔަފާރި އެމެރިކާ ޑޮލަރާ ނުލައި ކުރާތީއެވެ. ޕޫޓިންގެ ދަތުރުފުޅުގައި ޗައިނާއާއި ރަޝިއާއިން ވަނީ ވިޔަފާރިއާއި އިގުތިސާދާއި އޭއައިއާއި ހައިޓެކް ދާއިރާއާއި މަދަނީ މަތިންދާ ބޯޓު އުފެއްދުމާއި ދަނޑުވެރިކަމާ އަދި ފަޒާގެ ދާއިރާ ފަދަ ދާއިރާތަކުގައި އެއްބާރުލުން ދިނުމުގެ އެމްއޯޔޫތަކާއި އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި އެ ދެ ގައުމުގެ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތައް ވެސް ޝާމިލުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ