ގެގް އޯޑަރާ ހިލާފުވި ކަމަށް ބުނެ އެސްޓީއޯއިން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެެރުނު 'އަނގަ ބަންދުކުރުމުގެ އަމުރު' ނުވަތަ ގެގް އޯޑަރާ ހިލާފުވި ކަމަށް ނިންމައި އެސްޓީއޯއިން އެ ކުންފުނީގެ މުވައްޒަފަކު ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ -  އެ ޑޮކިއުމެންޓްރީއާ ގުޅިގެން 'އަދަދު'ގެ އިސް ދެ ވެރިއަކަށް ގަޒުފުގެ ދައުވާ ކުރި މައްސަލައިގެ ތެރެއިން ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލް ނަސީރު ވަނީ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ ވާހަކަ ނުދެއްކުމަށް އަމުރެއް ނެރުވާފަ އެވެ.  އެ އަމުރާ ހިލާފު ވެގެން ވަޒީފާއިން ވަކިކުރިކަން އެސްޓީއޯގެ މުވައްޒަފަށް މިހާރު ވަނީ އަންގާފައެއް އެވެ.
ތަފްސީލު - ވަޒީފާއިން ވަކިކޮށްފައި ވަނީ އަލީ ޝާފިއު، ޖިފުޓި/ސ. ހިތަދޫ އެވެ. މިދިޔަ ހޯމަ ދުވަހު އޭނާއަށް އެސްޓީއޯގެ ފަރާތުން ފޮނުވި ސިޓީގައި ބުނީ، އަލީ ޝަފީއު އެ އަމުރާ ހިލާފުވެއްޖެ ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މެނޭޖްމަންޓަށް ހުށަހެޅި ސުލޫކީ މައްސަލައެއް "އިދާރީ ގޮތުން ތަހުގީގުކޮށް ބެލި" ކަމަށެވެ.
ކުންފުނީގެ އެތެރޭގެ އެ ތަހުގީގުން އެނގުނު ގޮތުގައި ކަމަށް ބުނެ ސިޓީގައި ފާހަގަކޮށްފައި ވަނީ:
ކޯޓުން ނެރުނު އަމުރަށް ތަބާ ނުވާނެ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އަލީ ޝަފީއު ޕޯސްޓެއްކޮށްފައިވާ ކަމަށް
އެ ޕޯސްޓުގެ އިބާރާތާއި ބަސްމަގަށް ބެލުމުން، އޭނާ އެ ކޯޓު އަމުރާއި ކުންފުނީގެ މުވައްޒަފުންގެ ސްލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމްަށް ތަހުގީގަށް ބުރަވެވޭ ކަމަށް
"އެ ޕޯސްޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ [މުހައްމަދު މުއިއްޒު] އަށާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް [ސާޖިދާ މުހައްމަދަށް] ނިސްބަތްކޮށް ފުރައްސާރަކުރާ ފަދަ އިބާރާތް ބޭނުންކޮށްފައިވޭ،" އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އަލީ ޝާފިއު ކުރި ޕޯސްޓުގެ މާ ބޮޑު ތަފްސީލެއް ނުވަތަ ކޮން ޕޯސްޓުގައި އޮތީ ސީދާ ކޮން ވާހަކައެއް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައެއް ނުވެ އެވެ.
އަލީ ޝާފިއުގެ އެ އަމަލުތަކަކީ، ކުންފުނީގެ މުވައްޒަފުން ގެންގުޅެން ޖެހޭ އާންމު ސުލުކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ވަޒީފާއާ ބެހޭ ގާނޫނުގެ 23 މާއްދާގެ ދަށުން އަލީ ޝާފިއުގެ ވަޒީފާގެ އެއްބަސްވުން އިއްޔެއިން ފެށިގެން ނިމުމަކަށް ގެނައުމަށް ނިންމާފައިވާކަން އެ ސިޓީން އަންގާފައިވެ އެވެ.
އެންގުން މުހިންމު - ސިޓީގައި ހަވާލާދީފައިވާ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާން ކުރަނީ ނޯޓިސް ދިނުމަކާ ނުލާ މުވައްޒަފަކު ވަޒީފާއިން ވަކިކުރާނެ ހަމަތައް ބަޔާން ކުރާ މާއްދާ އެވެ.
އެ މާއްދާގައިވާ ގޮތުން:
ނޯޓިހެއް ދިނުމަކާ ނުލާ، ވަޒީފާ އަދާ ކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަހްލާގު އެކަށީގެންނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަށް ވަޒީފާ ދޭ ފަރާތުން ނުފެންނަ ހާލަތުގައި
މިގޮތަށް ބެލޭނެ ދެ ހަލާތަކީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާ އަދާ ކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުމާއި ހިޔާނާތެއް ވެފައިވުން
އެ ސިޓީގައި އަލީ ޝާފިއު ވަޒީފާއިން ވަކިކުރަނީ އެ މާއްދާގައިވާ ކޮން ހާލަތަކުން ކަމެއް ނުވަތަ ކޮން އަކުރަކުން ބާރު ލިބިގެން ކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ.
މިކަމާ ގުޅޭ ގޮތުން އެސްޓީއޯގެ ބަހެއް އަދި ނުލިބެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ގެގް އޯޑަރާ ހިލާފުވެގެން ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ 'އަދަދު'ގެ ދެ ނޫސްވެރިއަކު ޖަލަށް ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ