ބޭސް ކުންފުނީގެ ފުރަތަަމަ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި

ބޭހުގެ މައްސަލަ ހައްލުކުރަން އުފައްދާފައިވާ ސަރުކާރުގެ ސްޓޭޓް ފާމަސޫޓިކަލްގެ ފުރަތަމަ ބޭސްފިހާރަ އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - މި ބޭސްފިހާރަ ހުޅުވީ، އައިޖީއެމްއެޗުގެ އޯޕީޑީ ސަރަހައްދުގަ އެވެ.
ސްޓޭޓް ފާމާއިން ބުނީ އެއީ އެ ކުންފުނީގެ ދަށުން ހުޅުވުނު ފުރަތަމަ ފާމަސީ ކަމަށްވާއިރު، އެއީ ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި ހާސިލުކުރެވުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
ތަފްސީލް - އެ ކުންފުނިން ބުނި ގޮތުގައި، ބޭސްފަރުވާގެ ހިދުމަތްތައް އެއްވެސް ދަތިކަމެއް ނެތި، ކޮންމެ ވަގުތަކު ވެސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި އެ ބޭސްފިހާރައިން 24 ގަޑިއިރު ހިދުމަތްދޭނެ ކަމަށެވެ. އެގޮތުން ބުނީ:
މި ބޭސްފިހާރައިން ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ހާއްސަ އިންތިޒާމުތައް ވެސް ވަނީ ގާއިމްކޮށްފައި 
މި ނިޒާމުގެ ދަށުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށްގެންދާނެ 
އައިޖީއެމްއެޗާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ބޭހާއި ފަރުވާއަށް ބޭނުންވާ ސިއްހީ އާލަތްތައް ސީދާ އެ ބޭސްފިހާރައިން ފޯރުކޮށްދިނުމުގެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުން
ސްޓޭޓް ފާމާއިން ބުނީ، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
އެގޮތުން، 24 ގަޑިއިރު ހިދުމަތްދޭ ހޮޓްލައިނެއް ގާއިމުކުރުމުގެ އިތުރުން، މިދިޔަ މަހުން ފެށިގެން ސްޓޭޓް ފާމާ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާ އެކު ހިދުމަތަށް އެދުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަން ވެސް އެ ތަނުން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ