ޔޫއޭއީ ސަފީރަކަށް ޠާރިޤް، ޤަތަރަށް އާދަމް ޝަރީފަށް، ކޮމިޓީގެ ރުހުން

ކުރީގެ ދެ ވަޒީރުން ކަމުގައިވާ ޠާރިގް އިބްރާހިމްއާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ރުހުންދީފިއެވެ. މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ގޮތުގެ މަތިން، އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް ޠާރިޤް އިބްރާހީމް އަދި ޤަތަރަށް ކަނޑައަޅުއްވާ ސަފީރަކަށް އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ވަނީ މި ދެ ބޭފުޅުންނަކީ ތަޢުލީމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުން ބަލާއިރު ވަރަށް ޤާބިލު ދެ ބޭފުޅުންކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން، އިތުރު އިންޓަވިއުއަކާ ނުލައި މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް އޭނާ ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ކޮމިޓީގެ އެހެން މެންބަރުން ތާޢީދުކުރެއްވުމާއެކު، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
ޠާރިޤް އިބްރާހީމަކީ، މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުތަކުގައިވެސް ވަޒީރުކަމާއި ސަރުކާރުގެ އިސް މަޤާމުތައް އޭނާ ފުރުއްވާފައިވެއެވެ.
ޤަތަރުގެ ސަފީރުކަމަށް ރުހުން ދިން އާދަމް ޝަރީފް އުމަރަކީ، މި ސަރުކާރުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީވެސް ކުރީގެ ސަރުކާރުތަކުގައި ވަޒީރުކަން ކުރައްވާފައިވާ، އަދި މިހާރުވެސް ޚާރިޖީ ވުޒާރާގެ އިސް މަޤާމެއް ފުރުއްވަމުންދާ ތަޖުރިބާކާރު ބޭފުޅެކެވެ.
ކޮމިޓީން މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ނިންމި ރިޕޯޓު ދެން ހުށަހަޅާނީ، މަޖިލީހުގެ ތަޅުމަށެވެ. މަޖިލީހުގެ ތަޅުމުގައި މި ރިޕޯޓަށް ބަހުސްކުރުމަށްފަހު ފާސްކުރުމުން، މަޖިލީހުގެ ޤާނޫނުގެ ދަށުން ސަފީރުކަމުގެ މަޤާމަށް މި ދެ ބޭފުޅުން ރަސްމީކޮށް އައްޔަން ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ