ބަހަކުން ދެ ސައިކަލުގައި ޖެހި ބަޔަކަށް އަނިޔާވެއްޖެ

ހުޅުމާލެއިން މާލެ އައި ބަހެއް ސިނަމާލެ ބްރިޖްގެ ޓްރެފިކް ލައިޓަށް ހުއްޓަން އުޅެނިކޮށް ދެ ސައިކަލުގައި ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފަސިންޖަރުން ގޮވައިގެން ދިޔަ އެ ބަހުގައި އިން މީހަކު ބުނި ގޮތުގައި އެކްސިޑެންޓުވީ ބާރަށް ދުއްވާފައި ދިޔަ ބަސް ކުއްލިއަކަށް ހުއްޓަން މަސައްކަތްކުރި ވަގުތު ކައިރިން ދިޔަ ދެ ސައިކަލުގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ އެއާޕޯޓް ލައިޓް ކައިރީ ރޭ 11:00 ހާއިރު އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި، ދެ ސައިކަލްތަކުގައި ތިބި އަންހެނަކާއި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗަަށް ގެންދިޔަ ކަމަށެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވުމުގެ ސަބަބުން ބަހުގެ ލޯގަނޑު ތަޅައިގެންގޮސް އެކިވަރުގެ ގެއްލުންތައްވި ކަމަށް ބަހުގައި އިން މީހަކު ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ